Last Updated: November 26, 06:34
Tuesday, November 26, 2024
ކުޅިވަރު

ޓެކުހަށް މަކަރު ހެދިކަމުގެ ތުހުމަތުގައި ރޮނާލްޑޯގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން އަންނަ މަހު ބާއްވަނީ

ޓެކުހަށް މަކަރު ހެދިކަމުގެ ތުހުމަތުގައި ރެއާލް މެޑްރިޑްގެ ކުރީގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ މައްޗަށް ކުރާ ދައުވާގެ ފަހު އަޑުއެހުން އަންނަ މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ތާވަލްކޮށްފައިވާ ކަމަށް ސްޕެއިނުގެ ކޯޓުން ބުނެފިއެވެ.

ޜޮނާލްޑޯގެ މައްޗަށް ކުރާ ދައުވާގެ ސަބަބުން އޭނާގެ މައްޗަށް ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވުނު ނަމަވެސް ސްޕެއިންގެ ޤާނޫނުގައިވާ ގޮތުން، ފުރަތަމަ ފަހަރަށް މިފަދަ ކުށެއް ކުރާ މީހަކަށް ދެއަހަރަށް ވުރެން މަދު މުއްދަތެއްގެ ޖަލު ހުކުމެއް އައިސްފިނަމަ ޖޫރިމަނާ ދައްކައިގެން ޖަލު ހުކުމް ތަންފީޒު ނުކޮށް ސަލާމަތްވެވޭނެ އުސޫލެއް ސްޕެއިންގައި އޮންނާތީ ރޮނާލްޑޯ އެންމެ ދުވަހަކުވެސް ޖަލުގައި ހުންނާކަށް ނުޖެހޭނެއެވެ.

ރޮނާލްޑޯ ބެދުނީ 2011 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް އޭނާގެ އިމޭޖް ރައިޓްސްއާ ހަވާލުވި ކުންފުނިތަކުން ޓެކުހަށް މަކަރު ހެދިކަމުގެ ތުހުމަތުގަ އެވެ. ރޮނާލްޑޯ އޭނާގެ އިމޭޖް ރައިޓްސްގެ ކަންތައް ބެލެހެއްޓުން ހަވާލުކުރީ އަޔަލެންޑާއި ބްރިޓިޝް ވާޖިން އައިލެންޑުގެ ކުންފުނިތަކާ އެވެ. އެ ގައުމުތަކުގެ ރޭޓަށް ބަލައިގެން އެ ކުންފުނިތަކުން ޓެކުހުގެ ކަންތައްތައް ބެލެހެއްޓިއިރު، 16.5 މިލިއަން އެމެރިކާ ޑޮލަރު ނުދައްކާ އޮތްކަން ސާބިތުވީ ސްޕެއިނުގެ ޓެކްސް އޮތޯރިޓީން ކުރި ތަހުގީގަކުންނެވެ.

ރޮނާލްޑޯ ސްޕެއިންގެ ރެއާލް ދޫކޮށް، އިޓަލީގެ ރެކޯޑް އަގެއްކަމަށްވާ 100 މިލިއަން ޕައުންޑަށް ޔުވެންޓަސްއަށް ބަދަލުވީ މިދިޔަ އޯގަސްޓްމަހުގެ ޓްރާންސްފާ ބާޒާރުގައެވެ. އޭގެފަހުން އޭނާ އަންނަނީ އިޓާލިއަން ލީގުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

މީގެކުރީން، ޓެކްސް އަށް މަކަރު ހެދި ކަމުގެ ތުހުމަތު ކުރެވުނު ކުޅުންތެރިންގެ ތެރޭގައި ބާސެލޯނާ އަށް ކުޅޭ އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ އާއި ބާސެލޯނާ އަށް ކުޅުނު ބްރެޒިލްގެ ފޯވާޑް ނޭމާ އަދި ރެއާލްގެ ޑިފެންޑަރު މާސެލޯ ހިމެނެއެވެ.

އެގޮތުން، 2016 ވަނަ އަހަރު މެސީގެ މައްޗަށް ސްޕެއިނުގެ ކޯޓުން 21 މަހުގެ ޖަލު ހުކުމެއް އިއްވީ 4.6 މިލިއަން ޑޮލަރު ޓެކުހުގެ ގޮތުގައި ނުދައްކާ އޮތުމުންނެވެ. އެކަމަކު، ސްޕެއިނުގެ ގާނޫނުގެ ތެރެއިން ލިބޭ ލުޔެއްދީ ޖަލު ހުކުމް ތަންފީޒްނުކޮށް މެސީ ދޫކޮށްލީ ބޮޑު ޖޫރިމަނާ އެއް ދެއްކުމުންނެވެ.