(މެއި 22، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
"މީރާ އަހަރެންގެ މަންމަ ބޭސް ފަރުވާއަަށް އިންޑިޔާއަށް އެބަ އާދޭ. މަންމަ މީރާގެ ވަރަށް ގާތް އެކުވެރިޔަކަށް ވާން ވާނެ." މުރާދު ކުއްލިއަކަށް ހަނދާންވެގެން ބުނެލި އެވެ.
މަންމަގެ ވަރަށް ގާތް އެކުވެރިޔަކަށް ވާށޭ ބުނެވުނީ ކޮން މާނައެއްގައި ކަމެއް ވެސް އޭނާއަކަށް ނެނގުނެވެ. އޭނާ ފުން ނަޒަރަކުން މީރާ އަށް ބަލާލި އެވެ.
"އެހެންތަ. ތިޔައީ ވަރަށް އުފާވެރި ޙަބަރެއް. ގައިމެއްނު އަޅުގަނޑު މަންމަމެން ވަރަށް އުފާކޮށް ދޭނަން." މީރާ ހަޤީޤަތުގައި ވެސް ވަރަށް އުފާވި އެވެ.
ގެއަށް ދެވު މާއެކު މީރާ އަވަސްވީ އެ ދެމީހުންގެ މެންދުރުގެ ކެއުން ތައްޔާރު ކުރާށެވެ، މުރާދު ދިޔަ ގޮތަށް ދިޔައީ އޭނާގެ ކޮޓަރިޔަށެވެ.
ކާ އެއްޗިހި ތައްޔާރުކޮށްލާފައި މުރާދު އަށް ގޮވާލަން މީރާ ދިޔަ އިރު މުރާދު އޮތީ ލައިގެން އައި ހެދުން ވެސް ބަދަލުނުކޮށް އެނދުގައި ހުރަހަށް އޮށޯވެލައިގެން ލޯ މަރާލައިގެންނެވެ .ހީވާގޮތުން އޮތީ ނިދިފަ އެވެ. އެވަގުތު މީރާ މުރާދަށް ގޮވަން ކައިރިއަށް ގޮސް މުރާދުގެ ގައިގައި އަތް ނުލާ ހޭލައްވަން މޮޅު ގޮތެއް ރާވާލާފައި އެނބުރި ލިވަގުތު އެނދު ކައިރީގައިވާ ކުޑަ މޭޒުގައި އަޅައިގެންފައި މީރާ ސީދާ މުރާދުގެ ގައިމައްޗަށް ވެއްޓުނެވެ.
ސިއްސައިގެން ގޮސް މުރާދު ލޯ ހުޅުވާލެވުނު އިރު އޭނާ އޮތީ މީރާގެ އުނަގަނޑުގައި ހިފަހަށްޓާލައިގެންނެވެ. އަދި ދެ މީހުން ދެ މީހުންނަށް ބަލަހައްޓައިގެން ހިނދުކޮޅަކު އެހެން ތިބެވުނެވެ.
"އަޅުގަނޑު އައީ މުރާދަށް މެންދުރު ކެއުން ތައްޔާރު ވި ވާހަކަ ބުނަން." މީރާ ތެދުވެ އިސް ޖާހާލަމުން ލަދުވެތި ކާމާއެކު ބުންޏެވެ.
"ވާހް…ކަމަނާ…މިއީ ކާން ގޮވުމުގެ އާ ގޮތެއްބާ އަޅުގަނޑު ހީކުރީ އުޑުން ރީތި ޕަރީއެއް އަޅުގަނޑުގެ ގައިމައްޗަށް ވެއްޓުނީ ކަމަށް." މުރާދު ގަސްތުގައި މީރާ ލަދު ގަންނަވާލިއެވެ. މީރާ ކުއްލިއަކަށް ތެދުވެފައި ބާރަށް އެ ކޮޓަރިން ނިކުމެގެން އޭނާގެ ކޮޓަރިއަށް ދިޔަ އެވެ. އަދި ދޮރު ލައްޕާލަމުން ދޮރުގައި ލެނގިލި އެވެ.
މާތްރަސްކަލާކޯ އެވެ. އަހަރެންނަށް މި ކުރެވުނީ ހާދަ ގޯސް ކަމެކެވެ. އޭނާގެ ގައިގައި އެހާ މީރު ވަސް ދުވަނީ ކީއްވެ ހެއްޔެވެ؟ ވާހް އެވެ. އަހަރެން އެ އޮތް ވެއްޓުނު ގޮތެކެވެ. މީރާ ހިތާހިތާ ވާހަަކަ ދައްކަމުން ދިޔައެވެ. އެ ވަގުތު އޭނާގެ ޒަމީރު އޭނާ އާ ދިމާއަށް ބުނާ ކަހަލަ އެވެ. ފޮނިކަމެއް އޭނާގެ ހިތުގައި އުފެދުނެވެ. އެކަމަކު މިއީ ދުވަހަ ކުވެސް އޭނާ އަށް ކުރެވުނު އިހްސާސެއް ނޫނެވެ. ވެގެން މިއުޅެނީ ކީއް ބާވަ އެވެ؟
މީރާ އެވެ. ކަލޭ މުރާދު ދެކެ ލޯބިވަނީ އެވެ. ކަލެއަށް އޭނާގެ ބޭނުން ޖެހެ އެވެ. ދާށެވެ. ދާށެވެ. އޭނާ އިސް ނުނަގައިފި ނަމަ ކަލޭ އިސް ނާގާށެވެ. ލޯތްބަށް އިޢްތިރާފްވާށެވެ. ބޮއްކުރާ ދޮށަށް އޮޑި ކަނބާށެވެ. ހިތުގެ އުދާސް ބޭރަށް ނެރޭށެވެ.
އެ ވަގުތު މީހަކު ދޮރުގައި ޓަކި ޖަހާލި އެވެ. މީރާ ހިޔާލީ ދުނިޔެއިން އެނބުރި އައެވެ. އަދި ދޮރު ހުޅުވި އެވެ.
"ދަރިފުޅުގެ އިންތިޒާރުގަ މުރާދު ކާ ގޭގައި އެބައިން. އަވަހަށް ދޭ. ކާ އެއްޗިހި އަޅައި ދޭން އުޅުނީމާ ވެސް ނޫނެކޯ ބުނީ." މިސިޒް ޕީޓާ ހިނިތުން ވެލަމުން ބުނެލި އެވެ.
"އެހެން ދޯ. އާނ މި ދަނީ." މީރާ އަލުން ޑްރެސިން ޓޭބަލް ކައިރިއަށް ޖެހިލި އެވެ. އަދި ބޯ ރަނަގަޅު ކޮށްލަމުން ހެދުން ވެސް ރަނގަޅުކޮށްލި އެވެ. އަދި ފަރި ހިނގުމެއްގައި ކާ ގެއަށް ދިޔަ އެވެ. އޭރު މުރާދު މިސިޒް ޕީޓާ އަށް ބައެއް ވާހަކަތައް ކިޔައި ދެނީ އެވެ.
"މަންމަމެން ދެ ދުވަހެއްގެ ތެރޭ އެބަ އާދެެ. ގޭތެރެ ކުޑަކޮށް ބަދަލު ކޮށްފަ ސާފުކޮށްލާ. މަންމަމެންނަށް އެ ފަރާތު ކޮޓަރި ތައްޔާރު ކޮށްލަދޭތި." މިހެން ކިޔާފައި އަތުން މުރާދު އިޝާރާތްކޮށްލަމުން ބަލާލި އެވެ. އެވަގުތު މީރާ ވެސް އެތެރެއަށް ވަނެވެ.
"އަޅުގަނޑު ހުރުމުން މަންމަމެން ހިތްހަމަ ޖެހޭނެތަ؟" މީރާ އިށީންނަމުން އަހާލި އެވެ.
"ކަމަނާ މިގޭގަ ހުރުން ވާނީ މަންމަމެން އެންމެ ރުހޭ ކަމަކަށް." މުރާދު ތަށްޓަށް ކާއެއްޗިހި އަޅަމުން ބުނެލި އެވެ.
"މިކޮޅަށް އަންނަނީ މަންމަ އާ އެކު ކޮން ބައެއް؟" ގޮނޑި ކުރިއަށް ދަމާލަމުން މީރާ ސުވާލު ކުރި އެވެ. އަދި ތަފާތު ވައްތަރުގެ ކާ އެއްޗެހި މުރާދުގެ ތަށްޓަށް އަޅައި ދޭން ފެށިއެވެ. މިއީ އޭނާގެ އާދައެކެވެ. މުރާދުގެ ތަށިން ކާ އެއްޗިހޮ ހުސްވާ އިރަށް އެ ތަށި މީރާ ފުރާލަ ދޭނެ އެވެ. އަދި ފެން ވެސް ހުސްވާ އިރަށް ފެން ވެސް އަޅައި ދޭނެ އެވެ. އަދި ހަމަ އެހެންމެ ދަހި ކުއްޖަކު ބަލަހައްޓައިގެން އިންނަހެން މުރާދާ ދިމާއަށް ބަލަން ވެސް އިންނާނެ އެވެ. މުރާދު އިސް އުފުލާލާ އިރަށް އެހެން ފަރާތަަކަށް އެނބުރި މާ ނޫން ކަމަށް ހެދޭނެެ އެެވެ. މިކަންތަށް ބައެއް ފަހަރަށް މުރާދަށް މަޖާ ކަމަކަށް ވެސް ވެ އެވެ.
"މަންމަ އާއި ބައްޕަ އާއޮ އަޅުގަނޑުގެ އަންހެން ކޮއްކޮ ސާރާ. އަޅުގަނޑުގެ އާއިލާގަ ތިބޭހާ ވެސް ބަޔަކީ އެއީ." ކައިރީގައި އޮތް ނޫސް އަތަށް ނަގަމުން މުރާދު ބުނެލި އެވެ.
މުރާދު އޭގެ ފަހުން އޭނާގެ އާއިލާގެ ވަރަށް ގިނަ ވާހަކަތައް މީރާއަށް ކިޔައި ދިނެވެ. ކޮއްކޮ ސާރާގެ ލޮލުގެ ފެނުން ލިބުނު ވާހާކަ އެވެ. ކާސިންބެ އާއި މަރިޔަންދައިތަގެ ވާހަކަ އާއި މި ނޫން ވެސް ހިނގައި ދިޔަ ތަފާތު ހާދިސާތަކެވެ. އެ ހާއިރު ކައި ނިމިގެން އެ މީހުންނަށް ބަގީޗާ އަށް އާދެވިއްޖެ އެވެ.
ބައެއް ފަހަރު ވާހަކާއިގެ ތެރޭގައި މީރާ އާއި މުރާދު އެކުގައި ހީގަނެ އެވެ. ސޫރަޖްގެ ވާހަކަ އާއި ޙާލިދާމެންގެ ވާހަކަ ވެސް މުރާދު ކިޔައި ދިނެވެ. ދެން އެންމެ ފަހުން ނާހިދާ ގެ ވާހަކަ އެވެ. އެހިސާބަށް ދިޔުމަށް ފަހު މުރާދު ހުއްޓުން އެރި އެވެ. އިށީނދެގެން އިން ތަނުން ތެދުވެ ކުރިއަށް ހިނގާލި އެވެ.
"މީރާ. ނާހިދާއަކީ އަހަރެންގެ ދިރިހުރުން. އަހަރެންގެ ލޯބި. އެކަހަލަ ބައިވެރިއަކު ލިބުމަކީ ނާދިރު ކަމެއް." މުރާދު މި ވާހަކަ ބުނުމުން މީރާ ހިތުގައި ހިފަހައްޓާލި އެވެ. ދެން ހުއްޓާލާށޭ ކަލާގެ ދުލުން އެހެން އަންހެނެއްގެ ތަޢުރީފް އަޑު އަހަން އަހަރެންނަކަށް ކެތެއް ނުވާނެޔޭ ބުނާ އުސޫލުންނެވެ.
"މިހާރު އޭނާ ކޮބާ؟" ގިސްލުމެއްގެ ތެރެއިން މީރާ ސުވާލުކޮށްލި އެވެ.
"އޭނާ ވަނީ އަހަރެންނާ ދާދި ގާތުގަ. އެހެން މީހުންނަށްޓަކާ އޭނާ ނިޔާވެއްޖެ. އެކަމަކު މީރާ އޭނާ އަހަރެންނާ ވާހަކަ ދައްކާ އުޅޭ ހުވަފެންތަކުގަ. ސައިކަލް އެކްސިޑެންޓުގައި އޭނާ ނިޔާވީ." މައުސޫމް ކުއްޖެއްފަ ދައިން މުރާދު ބުނެލި އެވެ.
މުރާދު ވަރަށް ތަފްސީލުކޮށް ނާހިދާގެ ހުރިހާ ވާހަކައެއް މީރާ އަށް ކިޔައި ދިނެވެ. އެވަގުތު މީރާ އަށް ވެސް ހުރީ ހަމަ ރަނގަޅަށް ރޮވިފަ އެވެ. ގަހުގެ އެ އްފަރާތުގައި ކަރުނަ އާ އެކު މުރާދު ހުއްލައިގެން ހުއްޓެވެ. އަނެއް ފަރާތުގައި ކަރުނަ އާ އެކު މީރާ އެވެ.
"މީރާ. ނާހިދާގެ ނެތި ދިޔަ ފަހުން ލޯބި މި ލަފްޒް ދެކެ އަހަރެން މިހާރު ބިރު ގަނޭ." މިހެން ބުނަމުން މުރާދު ގޭތެރެ އަށް ވަދެގެން ދިޔަ އެވެ .އޭނާ އަށް ކެތްކުރަން އުނދަގޫވީ ކަންނޭނގެ އެވެ. އަނެއްކޮޅުން މީރާ ވެސް ރޮމުން ކޮޓަރިއަށް ވަދެގެން ދިޔަ އެވެ.
ސާހިލް މާލެ ދިޔުމުގެ ހުރިހާ ތައްޔާރީއެއް ވަރަށް ފުރިހަމައަށް ކުރެވެމުން ދިޔަ އެވެ. ވިއާމާ ހުރިހާ އެންމެންނަށް ވުރެ ހަލުއި އެވެ.
"ވިއާމާ…ބުނެބަލަ ސާހިލް މި ރަށުން ދަނީ ކީއްވެ؟"
(ނުނިމޭ)