ފީފާ ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ރޭ ކުޅުނު މެޗުގައި ޖަޕާނުގެ ކަޝިމާ އެންޓްލާސް ކޮޅަށް ގަރެތު ބޭލް ކާމިޔާބުކުރި ހެޓްރިކާއެކު ރެއާލް މެޑްރިޑް އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ. މި މެޗުން ރެއާލް މޮޅުވީ 3-1 އިންނެވެ.
ރެއާލުން ރޭގެ މެޗަށް ނިކުތްއިރު ބޭލްގެ ފައިގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ނުކުޅެވޭނެކަމަށް ކުރީން ހީކުރެވުނު ނަމަވެސް މެޗުގެ ކުރީން ހެދި ފިޓްނަސް ޓެސްޓުން އޭނާ ވަނީ ފާސްވެފައެވެ.
އަބޫ ދާބީގެ ޝެއިޚް ޒާއިދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައިވަނިކޮށް ރެއާލަށް ލީޑް ނަގައިދިނީވެސް ބޭލް އެވެ. މިއީ އެޓީމުގެ މާސެލޯ އާ ދެ ކުޅުންތެރިން ގުޅިގެން އުފެއްދި އެޓޭކަކުން ބޭލް ކާމިޔާބުކުރި ގޯލެކެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ރެއާލް ކުރީގައިއޮވެގެންނެވެ.
ރެއާލުން ލީޑް ނެގުމުގެ ކުރީން، ފުރަތަމަ ހާފުގެ ކުރީކޮޅު އޭޝިޔާގެ ޗެމްޕިއަން ކަޝިމާ އެންޓްލާސްގެ ސްޓްރައިކަރު ސާޖީނިއޯ އަށް ވަނީ ލަނޑުޖެހުމަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ބޯޅަ ރެއާލްގެ ގޯލްކީޕަރު ތިބައުޓް ކޯޓުއާ ވަނީ މަތަކޮށްފައެވެ. އޭގެފަހުން، ރެއާލްގެ ފޯވާޑް ކަރީމް ބެންޒެމާ އާއި ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް އަށް ވަނީ ލަނޑުޖެހުމަށް ފުރުޞަތުތަކެއްލިބި ބޭނުންހިފޭގޮތްނުވެފައެވެ. މި ދެ ކުޅުންތެރިން ފޮނުވާލި ހަމަލާތައް އެންޓްލާސްގެ ގޯލްކީޕަރު މަތަކުރިއެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން 8 ވަނަ މިނެޓުގައި ބޭލް ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. ބޭލް މި ލަނޑުޖަހައިދިނީ އެންޓްލާސްގެ ޝޫޓޯ ޔަމަމޯޓޯ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ހުސްކޮށް އޮތް ގޯލްގެތެރެއަށް ފޮނުވާލައިގެންނެވެ.
އޭގެ ދެ މިނެޓުފަހުން، މާސެލޯ ދިން ބޯޅައަކުން ބޭލް ވަނީ ރެއާލަށް ތިން ލަނޑުގެ ލީޑެއްނަގައިދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މި ލަނޑު ބޭލް ކާމިޔާބުކުރީ ޕެނަލްޓީއޭރިޔާގެ ބޭރުން ފޮނުވާލި ހަމަލާއެއް ގޯލްގެ ވާތްފަރާތު މަތީކަނަށް އަމާޒުކޮށްލައިގެންނެވެ. މި އާއިއެކު ބޭލް ވެފައިވަނީ ކްލަބް ވޯލްޑްކަޕްގެ ފޯމެޓް ބަދަލުކުރި ފަހުން، ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ ލުއިސް ސުއަރޭޒް އަށް ފަހު ހެޓްރިކެއް ހެދި ތިންވަނަ ކުޅުންތެރިޔާ އަށެވެ.
އެންޓްލާސް އަށް ސުން ކަނޑުވާލައިދިނީ މެޗު ނިމެން 12 މިނެޓަށްވެފައިވަނިކޮށް، ޝޯމާ ޑޯއީ އެވެ. މިއީ އެ ޓީމުގެ ޔަސޫޝީ އެންޑޯ ބޮލުން ޖައްސާލި ޕާހަކުން ލިބުނު ބޯޅައެއް ގޯލްގެ ވާތްފަރާތު ތިރީކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މިއީ ގޯލެއްކަން ޔަގީންކުރުމަށް ރެފްރީ ވަނީ ވީއޭއާރްގެ އެހީ ހޯދައިފައެވެ.
މި މެޗު ކާމިޔާބުކޮށް ރެއާލް ވަނީ ވިދިވިދިގެން ތިންވަނަ ފަހަރަށް ކްލަބް ވޯލްޑްކަޕްގެ ފައިނަލަށް ދަތުރުކޮށްފައެވެ. މީގެކުރީން، މި މުބާރާތުގެ ޗެމްޕިއަން ކަން ތިން ފަހަރު ހޯދައިފައިވާ ރެއާލް ވަނީ އެންމެ ފަހުން ބޭއްވުނު ދެ މުބާރާތުގެ ވެސް ތަށި ހޯދައިފައެވެ.
ކްލަބް ވޯލްޑްކަޕްގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. ރެއާލް އާ ދެކޮޅަށް މި މެޗުގައި ކުޅޭނީ މި މުބާރާތް ބާއްވާ ގައުމުކަމަށްވާ ޔުއޭއީގެ ޗެމްޕިއަން އަލް އައިން އެވެ. ހަމަ އެ ދުވަހު ކުޅެވޭ ތިންވަނަ ހޮވާ މެޗުގައި، ރެއާލް އަތުން ބަލިވި ކަޝިމާ އެންޓްލާސް ނިކުންނާނީ ދެކުނު އެމެރިކާގެ ޗެމްޕިއަން ރިވާ ޕްލޭޓް އާ ދެކޮޅަށެވެ.