އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި 3-1 އިން ބާންލޭ އަތުން މޮޅުވެ އާސެނަލް ވަނީ ބަލިވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފައެވެ.
އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި ލީގު ކަޕްގެ ކުއާޓާ ފައިނަލްގައި ވާދަވެރި ޓޮޓެންހަމް ހޮޓްސްޕާ އަތުން 2-0 އިން ބަލިވިއިރު އޭގެކުރީން ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު މެޗުގައި ސައުތުހެމްޕްޓަން އަތުން ބަލިވީ 3-2 އިންނެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އެ ޓީމަށް ލީޑް ނަގައިދިނީ 14 ވަނަ މިނެޓުގައި ގެބޯންގެ ފޯވާޑް ޕިއޭރް-އެމެރިކް އޯބާމަޔަން އެވެ. މިއީ އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން މި މެޗުގައި ކުޅުނު މެސުޓް އޮޒިލް ދިން ރީތި ޕާހަކުން ސެއަދު ކޮލާސިނަޗް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް އެއްފަހަރުން ގޯލްގެތެރެއަށް ފޮނުވާލައިގެން އޯބާމަޔަން ކާމިޔާބުކުރި ގޯލެކެވެ. މިހާފު ނިމުނީ 1-0 އިން އާސެނަލް ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި އާސެނަލްގެ ލީޑް ފުޅާކޮށްދިނީވެސް އޯބާމަޔަން އެވެ. މިއީ އެ ޓީމުން އުފެއްދި ކައުންޓާއެޓޭކަކުން އަލެކްސެންޑަ ލަކަޒޭ ދިން ބޯޅައަކުން އޯބާމަޔަން ކާމިޔާބުކުރި ގޯލެކެވެ. މިލަނޑާއެކު އޭނާ ވަނީ ޕްރިމިއާ ލީގުގައި 12 ގޯލް ހަމަކޮށް ލަނޑު ލިސްޓުގެ އެންމެ ކުރިއަށް ޖެހިލައިފައެވެ.
މެޗުގެ 63 ވަނަ މިނެޓުގައި އޭޝްލީ ބާންސް ގެ ގޯލުން ބާންލޭ ފަރަގު ކުޑަކުރިނަމަވެސް މިހާފުގައި ކުޅެން ނިކުތް އަލެކްސް އިވޯބީ ވަނީ އިތުރުވަގުތުގައި އާސެނަލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.
މި ނަތީޖާއާއެކު އާސެނަލް ވަނީ 18 މެޗުން 37 ޕޮއިންޓް ހަމަކޮށް ހަތަރުވަނައިގައި އޮތް ޗެލްސީ އާ އެއްވަރުކޮށްފައެވެ. ބާންލޭ އޮތީ ލީގުގެ 18 ވަނައިގައެވެ. އެ ޓީމަށް ލިބިފައިވަނީ 12 ޕޮއިންޓެވެ.
ލީގުގައި އާސެނަލް ދެން ކުޅޭ މެޗުގައި ބުދަ ދުވަހުގެރޭ ރަށުން ބޭރުގައި ބްރައިޓަން ހޯވް އެންޑް އެލްބިއަން އާ ދެކޮޅަށް ނިކުންނައިރު ހަމަ އެ ދުވަހު އަމިއްލަ ދަނޑުގައި ބާންލޭ ނިކުންނާނީ އެވަޓަން އާ ދެކޮޅަށެވެ.