އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ކްރިސްޓަލް ޕެލަސް އިން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ ދަނޑުގައި 3-2 އިން އެ ޓީމު ބަލިކުރިއިރު ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީ އަތުން 1-0 އިން ބަލިވެފައެވެ.
މި ނަތީޖާއާއެކު ސިޓީ އަށް ވަނީ ލީގު ތާވަލްގެ އެންމެ ކުރީގައި އުޅޭ ލިވަޕޫލް އާ ގާތަށް ޖެހިލުމަށް ލިބުނު ފުރުޞަތު ގެއްލިފައެވެ. ލީގުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުގައި ވުލްވަހެމްޕްޓަން ވޮންޑަރާސް އަތުން 2-0 އިން މޮޅުވެ ލިވަޕޫލް ވަނީ އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. އެ ޓީމަށް 18 މެޗުން 48 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ސިޓީ އަށް ލިބިފައިވަނީ 44 ޕޮއިންޓެވެ. ތިންވަނައިގައި 39 ޕޮއިންޓާއެކު ޓޮޓެންހަމް ހޮޓްސްޕާ އޮތްއިރު އޭގެ ދެ ޕޮއިންޓް ފަހަތުން ހަތަރުވަނައިގައި އޮތީ ޗެލްސީ އެވެ.
ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ 27 ވަނަ މިނެޓުގައި އެ ޓީމަށް ލީޑް ނަގައިދިނީ އިލްކާއި ގުންޑޮގަން އެވެ. މިއީ އެ ޓީމުގެ ފަބިއަން ޑެލްފް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ގުންޑޮގަން ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
ފުރަތަމަ ހާފު ނިމުމުގެކުރީން، ޕެލަސް އިން ވަނީ ގާތްގާތުގައި ކާމިޔާބުކުރި ދެލަނޑާއެކު ސިޓީ އަށް ހައިރާންކަން ގެނެސްފައެވެ. އެގޮތުން، މެޗުގެ 33 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ޖޭމްސް މެކްއާތަރ ދިން ބޯޅައަކުން ޖެފްރޭ ޝްލުޕް އެވެ. އޭގެ ދެ މިނެޓުފަހުން، ޕެލަސް އަށް މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑް ނަގައިދިނީ އަންޑްރޮސް ޓައުންސެންޑް އެވެ. މިއީ ސިޓީގެ ޕެނަލްޓީއޭރިޔާބޭރުން އެއްފަހަރުން ފޮނުވާލި ރީތި ބޯޅައަކުން ޓައުންސެންޑް ކާމިޔާބުކުރި ގޯލެކެވެ. މި ހާފު ނިމުނީ 2-1 އިން ޕެލަސް ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅު، ޕެލަސް އިން ވަނީ އިތުރު ލަނޑެއްޖަހައި ސީޓީ ސިއްސުވާލައިފައެވެ. މި ހާފު ފެށިތާ ހަ މިނެޓުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ޕެލަސް އަށް މިލަނޑުޖަހައިދިނީ ކެޕްޓަން ލޫކާ މިލިވޯޔެވިޗް އެވެ. މިއީ ޕެލަސްގެ މެކްސް މެޔާ އަށް ސިޓީގެ ފުލްބެކް ކައިލް ވޯކާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
މެޗުގެ 76 ވަނަ މިނެޓުގައި ސިޓީގެ ލެރޯއީ ސާނޭ އަށް ވަނީ ލަނޑުޖެހުމަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. ޕެލަސްގެ ޕެނަލްޓީއޭރިޔާބޭރުން ލިބުނު ހިލޭޖެހުމަކުން އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ކަނާތްފަރާތު އަރިމަތީދަނޑިއަށެވެ.
މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ކެވިން ޑި ބްރައިނާ ވަނީ ސިޓީއަށް ފަރަގު ކުޑަކޮށްދީފައެވެ. މިއީ ޕެލަސްގެ ޕެނަލްޓީއޭރިޔާގެ އަރިމަތީން ފޮނުވާލި ހުރަހަކުން ޑި ބްރައިނާ ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ސިޓީ އަށް ނަތީޖާ ހަމަހަމަކުރުމަށް ސާނޭ އަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ޕެލަސްގެ ގޯލްކީޕަރު ވިސެންޓޭ ގުއައިޓާ ވަނީ މަތަކޮށްފައެވެ.
މިރޭގެ މެޗުން ހޯދީ މޮޅާއެކު ޕެލަސް ވަނީ 28 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ސިޓީ ބަލިކޮށްފައެވެ. މީގެ ކުރިން މި ސީޒަންގައިވެސް ސިޓީން އަމިއްލަ ދަނޑުގައި ކުޅުނު މެޗެއްގައި ބަލިވެފައެއްނުވެއެވެ. އެ ޓީމު ލީގުގައި މިހާތަނަށް ބަލިވެފައިވަނީ ރަށުން ބޭރުގައި ޗެލްސީ އަތުން އެކަންޏެވެ.
ޗެލްސީގެ ސްޓެމްފަޑް ބްރިޖްގައި މިރޭ ލެސްޓާ އާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފު އެ ޓީމުން ޑޮމިނޭޓްކުރިނަމަވެސް ގޯލެއް ކާމިޔާބުކުރެވިފައެއްނުވެއެވެ. މި ހާފުގައި އެ ޓީމުގެ އެޑެން ހަޒާޑް ވަނީ ލީޑް ނެގުމާއި ގާތަށް ޖެހިލައިފައެވެ. އެގޮތުން، މެޗުގެ 33 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާގެ މެދުތެރޭގައި ހުރެ އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ. އޭގެފަހުން، އެ ޓީމުގެ ވިލިއަން އާއި ޖޯޖީނިއޯ ފޮނުވާލި ހަމަލާތައް ލެސްޓާގެ ގޯލްކީޕަރު ކެސްޕާ ޝޫމެއިކަލް ވަނީ މަތަކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ލެސްޓާގެ އިނގިރޭސި ފޯވާޑް ޖެމީ ވާޑީ ވަނީ ޗެލްސީގެ ގޯލް ހުޅުވާލައިދީފައެވެ. މިއީ އެ ޓީމުގެ ޖޭމްސް މެޑިސަން ދިން ބޯޅައަކުން ވާޑީ ކާމިޔާބުކުރި ގޯލެކެވެ.
މި ހާފުގައި ޗެލްސީ އިން ލަނޑެއްޖެހުމަށް ކުރި މަސައްކަތުގައި އެ ޓީމުގެ ވިލިއަން އާއި ހަޒާޑް އަށް ލިބުނު ފުރުޞަތުގައި މި ދެ ކުޅުންތެރިން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ލެސްޓާގެ ކީޕަރު ޝޫމެއިކަލް އެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ޗެލްސީގެ މާކޯސް އަލޮންސޯ އަށް ވަނީ ނަތީޖާ ހަމަހަމަކުރުމަށް ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. ލެސްޓާގެ ޕެނަލްޓީއޭރިޔާގެ މެދުތެރެއިން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ވާތްފަރާތު އަރިމަތީދަނޑީގައިޖެހިފައެވެ.
މިރޭގެ މެޗުން ބަލިވުމުން ޗެލްސީ އަށް ވަނީ ތާވަލްގެ ތިންވަނަ އަށް އެރުމަށް ލިބުނު ފުރުޞަތު ގެއްލިފައެވެ. މި މެޗުން މޮޅުވެ ލެސްޓާ ވަނީ 25 ޕޮއިންޓާއެކު ލީގުގެ 9 ވަނަ އަށް ޖެހިލައިފައެވެ.