Last Updated: July 1, 14:28
Monday, July 1, 2024
ދުނިޔެ

އިންޑޮނީޝިޔާއަށް ސުނާމީއެއް އަރައި 43 މީހަކު މަރުވެއްޖެ

AFP/Getty Images

އިންޑޮނީޝިޔާގެ އަލިފާން ފަރުބަދައެއް ގޮވައި އެރި ސުނާމީއެއްގައި 43 މީހަކު މަރުވެ، 584 މީހުންނަށް އަނިޔާ ވެއްޖެއެވެ.

އެގައުމުގެ ޑިސާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެފައިވަނީ މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ސުނާމީގައި 100 އަށް ވުރެ ގިނަ އިމާރާތްތަކަށް ގެއްލުން ވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސުނާމީ އަރާފައިވަނީ ކްރަކަޓޯ އަލިފާން ފަރުބަދަ ގޮވުމުން ލަފާކުރެވޭ ކަމަށެވެ. ސުނާމީ ގައި ގެއްލުން ވެފައިވަނީ އެގައުމުގެ އައްސޭރިފަށާއި ކައިރި އަވަށްތަކަށެވެ. ޕަންޑެލަންގެ، ދެކުނު ލަމްޕުންގ އަދި ސެރަންގް ގެ ހިސާބުތަކަށް ސުނާމީގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާއިރު ފަތުރުވެރިންގެ މެދުގައި މަގުބޫލު ޓަންޖުން ބީޗް ރިސޯޓަށް ވެސް ވަނީ އަސަރުކޮށްފައެވެ.

ބޮޑު ދެ ރާޅު އެއްގަމަށް އަރާފައިވާއިރު ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި މަގުތައް ވެސް ވަނީ ފެންބޮޑުވެފައެވެ. މީޑިޔާގައި އާންމުވި ވީޑިއޯއަކުން ފެންނަ ގޮތުގައި ދެވަނަ ރާޅު ރިސޯޓަކަށް އަރާފައިވެއެވެ. ޚަބަރު ލިބޭ ގޮތުގައި އެ ރިސޯޓުގައި އެވަގުތު "ސެވެންޓީން" ބޭންޑު ޝޯ އެއް ދެމުން ދިޔައެވެ. ސުނާމީގައި ބޭންޑުގެ ދެ މެމްބަރަކު ގެއްލިގެން ހޯދާ ކަމަށް ރެޑް ކްރޮސް އިން ބީބީސީއަށް ބުނެފައިވެއެވެ.

ކަމާ ބެހޭ ފަރާތްތަކުން އަންނަނީ މި ސުނާމީއާއި ކްރަކަޓޯ އަލިފާން ފަރުބަދަ ގޮވުމާ ގުޅުމެއް ހުރިތޯ ބަލަމުންނެވެ. އަލިފާން ފަރުބަދައެއް ގޮވާއިރު ސުނާމީ އެރުމަކީ ކައިރި ކަމެކެވެ. މާޒީގައި ވެސް އެފަދަ ހާދިސާތަކެއް ހިނގާފައިވެއެވެ.