Last Updated: November 24, 23:51
Sunday, November 24, 2024
ޚަބަރު

އޭސީސީން ސިޔާސީ ބޭފުޅުންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

ފޮޓޯ: އެންޓި ކޮރަޕްޝަން ވެބްސައިޓް

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގައިފި އެވެ.

އޭސީސީން އެ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ، ސިޔާސީ މަގާމުތަކަށް އަލަށް އައްޔަން ކުރައްވާފައިވާ ބޭފުޅުން މަސައްކަތަށް އަހުލުވެރި ކުރުވުމަށް ރައީސް އޮފީހުން ކުރިއަށް ގެންދިޔަ ޓްރެއިނިން ޕްރޮގްރާމެއްގެ ތެރެއިން ކަމަށް މައުލޫމާތު ލިބެއެވެ.

އެ ޕްރޮގްރާމުގައި، ގިނަ ކަންތައްތަކަކަށް ވަނީ ބާރުއަޅާފައެވެ. އެގޮތުން ކޮރަޕްޝަން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކާބެހޭ ގޮތުންނާއި އަދި މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ނަޒާހަތްތެރިކަން އިސްކުރުމާއެކު، ކޮރަޕްޝަނަށް މަގުފަހި ނުވާނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށް ވަނީ ބާރުއަޅުއްވާފައެވެ.

އެ ޕްރޮގްރާމްގައި 30 ބޭފުޅުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި އަލަށް އައްޔަން ކުރައްވާފައިވާ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ހިމެނެއެެވެ. އެ ޕްރޮގްރާމުގައި މައުލޫމާތު ދެއްވީ އޭސީސީގެ ނާއިބު ރައީސް މުއައްވިޒް ރަޝީދެވެ.

20 ޑިސެމްބަރ 2018 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި އޭސީސީގެ މަސައްކަތުގައި ކުރިމަތިވާ ގޮންޖެހުންތަކާއި މައްސަލަތައް އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމުގައި ކުރިމަތިވާ ބައެއް ދަތިތަކާ ބެހޭގޮތުން ވެސް ވަނީ މައުލޫމާތު ދީފަ އެވެ.