Last Updated: November 26, 08:59
Tuesday, November 26, 2024
ކުޅިވަރު

ރޮނާލްޑޯގެ ލަނޑުން އެޓަލާންޓާ އަތުން ޔުވެންޓަސް އަށް ޕޮއިންޓެއް

އެޓަލާންޓާ ކޮޅަށް ލަނޑުޖެހުމަށްފަހު ޔުވެންޓަސްގެ ރޮނާލްޑޯ އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

އިޓާލިއަން ސެރިއޭގައި މިއަދު ކުޅުނު މެޗުގައި ރަށުން ބޭރުގައި އެޓަލާންޓާ އާ ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުގެ ދެވަނަ ހާފުގައި ކުޅެން ނިކުމެ ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ލަނޑުން އެ ޓީމު ބަލިނުވެ ސަލާމަތްވެއްޖެއެވެ. މި މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

މި ނަތީޖާއާއެކު އަދިވެސް ލީގުގެ އެއްވަނައިގައި ޔުވެންޓަސް އޮތީ 18 މެޗުން 50 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި އޮތް ނަޕޯލީ އަށް 17 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު އިންޓަ މިލާން ތިންވަނައިގައި އޮތީ 33 ޕޮއިންޓް ލިބިގެންނެވެ. ހަތަރުވަނައިގައި އޮތް ލާޒިއޯ އަށް ލިބިފައިވަނީ 31 ޕޮއިންޓެވެ.

ޔުވެންޓަސް އިން މި މެޗަށް ނިކުތީ ލީގުގައި އެންމެ ފަހުން އޭއެސް ރޯމާ އާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ތިން ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، އެންމެ ފާހަގަކޮށްލެވެނީ ލީގުގައި ފުރަތަމަ ފަހަރަށް ކްރިސްޓިއާނޯ ރޮނާލްޑޯ ފުރަތަމަ އެގާރައިގައި ހިމަނާފައިނުވުމެވެ. ރޮނާލްޑޯގެ ބަދަލުގައި ޑަގްލަސް ކޮސްޓާ އަށް ފުރުޞަތުދީފައިވާއިރު ބްލައިސް މަޓުއިޑީ އާއި މިރަލެމް ޕިޔަނިޗްގެ ބަދަލުގައި ފުރަތަމަ އެގާރައިން ޖާގަ ދީފައިވަނީ ސާމީ ކެދީރާ އާއި އެމްރޭ ޗާން އަށެވެ.

އެޓަލާންޓާ އިން މި މެޗަށް ނިކުތްއިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ އަނިޔާ އާއި ސަސްޕެންޝަނުގެ ސަބަބުން އެ ޓީމުގެ ބައެއް ކުޅުންތެރިންނަށް މި މެޗުގައި ނުކުޅެވުމެވެ. އެގޮތުން، ލީގުގައި އެ ޓީމު އެންމެ ފަހުން ޖެނޯއާ އަތުން 3-1 އިން ބަލިވި މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުން ހޯސޭ ޕަލޮމީނޯ އާއި ރަފައެލް ޓޮލޮއި އަށް މި މެޗުގައި ނުކުޅެވޭއިރު އެ މެޗުގެ ކުރީކޮޅު ހޮލެންޑް މިޑްފީލްޑަރު މާޓެން ޑެ ރޫން އަށް ލިބުނު އަނިޔާގެ ސަބަބުން މި މެޗު އޭނާ އަށް ވަނީ ގެއްލިފައެވެ.

އެޓަލާންޓާގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެވަނަ މިނެޓުގައި ކުރީން ލީޑްނެގީ ޔުވެންޓަސް އިންނެވެ. މިއީ އެޓަލާންޓާގެ އަލްބޭނިއާ ޑިފެންޑަރު ބެރަޓް ޖިމްސީޓީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

އޭގެ ތިން މިނެޓުފަހުން ޔުވެންޓަސްގެ ލީޑް ފުޅާކުރުމަށް އުރުގުއޭގެ މިޑްފީލްޑަރު ރޮޑްރިގޯ ބެންޓަންކޫރް އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ. ޕެނަލްޓީއޭރިޔާބޭރުން އޭނާ ފޮނުވާލި ބޯޅަ އެޓަލާންޓާގެ ގޯލްކީޕަރު އެރިޓް ބެރީޝާ ވަނީ މަތަކޮށްފައެވެ.

މެޗުގެ 24 ވަނަ މިނެޓުގައި އެޓަލާންޓާ އަށް އެއްވަރުކޮށްދިނީ ކޮލަމްބިއާގެ ފޯވާޑް ޑޫވާން ޒަޕާޓާ އެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި 8 ވަނަ ގޯލެވެ. ފުރަތަމަ ހާފުގައި ދެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކުރެވިފައިނުވާއިރު މި ހާފު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

އެޓަލާންޓާ އާ ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ރޮއިޓާސް

ދެވަނަ ހާފު ފެށިތާ ކުޑައިރުކޮޅެއްގެތެރޭގައި ޔުވެންޓަސްގެ ބެންޓަންކޫރް އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުން އެ ޓީމަށް މައްސަލަތައް ކުރިމަތިވިއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން، މެޗުގެ 56 ވަނަ މިނެޓުގައި ޒަޕާޓާ ވަނީ އިތުރު ލަނޑެއްޖަހައި އެޓަލާންޓާ އަށް ފުރަތަމަ ފަހަރަށް ލީޑް ނަގައިދީފައެވެ. މިއީ އެ ޓީމުގެ އަލެހަންޑްރޯ ގޯމޭޒް ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ޒަޕާޓާ ކާމިޔާބުކުރި ގޯލެކެވެ.

އެޓަލާންޓާގެ ގޯލަށް ފަހު، ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އަލެގްރީ ވަނީ ޕިޔަނިޗް އާއި ރޮނާލްޑޯ ކުޅެން ނެރެފައެވެ.

މެޗު ނިމެން 12 މިނެޓަށްވެފައިވަނިކޮށް، ރޮނާލްޑޯ ވަނީ ޔުވެންޓަސް އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިއީ އެ ޓީމުގެ ކްރޮއޭޝިއާ ފޯވާޑް މާރިއޯ މަންޒުކިޗް ބޮލުން ޖައްސާލި ޕާހެއް ރޮނާލްޑޯ ބޮލުން ގޯލްގެތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. މިއީ ލީގުގައި ރޮނާލްޑޯ ކާމިޔާބުކުރި 12 ވަނަ ލަނޑެވެ.

އޭގެފަހުން، އެޓަލާންޓާގެ ގޯމޭޒް އާއި ޖިއަންލޫކާ މަންޗީނީ އަށް ވަނީ އެ ޓީމު މޮޅުކޮށްދިނުމަށް ރަނގަޅު ދެ ފުރުޞަތުލިބި ބޭކާރުވެފައެވެ. މި ދެ ކުޅުންތެރިން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ޔުވެންޓަސްގެ ގޯލްކީޕަރު ވޮޝިއެކް ޝެޒްނީ އެވެ.

މެޗުގެ އިތުރުވަގުތުގައި ޔުވެންޓަސްގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ ގޯލެއް ކާމިޔާބުކުރި ނަމަވެސް ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ.

މި މުބާރާތުގައި މިއަދު ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު އޭސީ މިލާން ވަނީ ތާވަލްގެ ހަތަރުވަނަ އަށް ޖެހިލަން ލިބުނު ފުރުޞަތު ނަގާލައިފައެވެ. ރަށުން ބޭރުގައި ފްރޮސިނޯނޭ އާ ދެކޮޅަށް އެ ޓީމު ކުޅުނު މެޗު ނިމުނީ ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ. ފިއޮރެންޓީނާ އަތުން ރަށުން ބޭރުގައި 1-0 އިން ޕާމާ މޮޅުވިއިރު ކަލިއާރީ ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ޖެނޯއާ ބަލިކޮށްފައެވެ. ކިއޭވޯ ވެރޯނާ އަތުން 2-0 އިން ސަމްޕްޑޯރިއާ މޮޅުވިއިރު ލާޒިއޯ ވަނީ 2-0 އިން ބޮލޯނިއާ ބަލިކޮށް ތާވަލްގެ ހަތަރުވަނައިގައި ހަމަޖެހިލައިފައެވެ.