ނ. ހެނބަދު ނަރުދަމާގެ ނިޒާމް، ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ފައްޓަވައި ދެއްވައިފިއެވެ.
އުތުރުގެ ދެ އަތޮޅަކަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ހެނބަދު އަށް ވަޑައިގެން އެރަށުގެ ނަރުދަމާގެ ނިޒާމް އިފްތިތާހު ކޮށްދެއްވައި، ރައްޔިތުންނާ ބައްދަލުކުރައްވާފައިވެއެވެ.
ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ހެނބަދޫ ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގައި ޗަމްޕާ ބްރަދާޒް އިން ވެދެއްވާފައިވާ ދީލަތި އެހީތެރިކަމަށް ރައްޔިތުންގެ ނަމުގައާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ޝުކުރު އަދާ ކުރައްވާފައެވެ.
ހެނބަދޫ ނަރުދަމާގެ ނިޒާމަކީ ޗަމްޕާ ބްރަދާޒްގެ ހިލޭ އެހީގެ ދަށުން ގާއިމް ކޮށްފައިވާ މަޝްރޫއެކެވެ. މިމަޝްރޫއަށް 18.9 މިލިއަން ރުފިޔާ ހޭދަ ވެގެން ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ މިފަދަ ބޮޑު ހޭދައެއް ހެނބަދޫ ރައްޔިތުންގެ ހައްގުގައި ޗަމްޕާ ބްރަދާޒް ކުންފުނިން ކުރުމަކީ ރައްޔިތުންގެ އިޖުތިމާއީ މަސްލަހަތު ކުރިއެރުވުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށެވެ.
މީގެ ކުރިން ހެނބަދޫގައި ނަރުދަމާގެ ނިޒާމެއް ގާއިމުވެފައި ނެތުމުން ރައްޔިތުންގެ ގޭގޭތަކުގައި ވަޅުގަނޑު ހަދައި، ނަޖިސް ހިންދަމުން ދިޔަ ކަމަށާއި، ފަހުން ދޫކުރާ ގޯތިތަށް ކުޑަކަމުން އެކަން ދެން ކުރަން ޖެހުނީ މަގުތަކުގައި ވަޅުގަނޑު ހަދައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ނަތީޖާއަކަށް ވެގެންދިޔައީ، ރަށުގެ ފެން ފަށަލަ ތަޣައްޔަރުވެ، ސާފު ފެން ލިބުމުގައި ދަތިތަކާ ރައްޔިތުން ކުރިމަތިލާން ޖެހުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް މިއަދު އެ ތަކުލީފުތަކަށް ނިމުމެއް އައިސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފެންވަރު ރަނގަޅު ނަރުދަމާގެ ނިޒާމެއް ގާއިމު ކުރެވުމުން ރަށުގެ ފެން ފަށަލަ ސާފުވެ، ރައްޔިތުން ހެދުން ދޮވުމަށާއި ފެންވަރައި ހެދުމަށް އަނެއްކާވެސް ސާފު ފެންލިބި، ސިއްހީ ގޮތުން ކުރިމަތިލާން ޖެހުނު ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަމަށް ވިދާޅުވިއެވެ.