Last Updated: November 27, 21:29
Wednesday, November 27, 2024
ސިޔާސީ

"ބޭރުގެ އިންވެސްޓުމަންޓްތައް ގެންނަން ޖެހޭ"

ތަރައްޤީގެ ދުވެލި ބާރު ކުރާން ވެއްޖެ ނަމަ ބޭރުގެ އިންވެސްޓުމަންޓުތައް ގެންނާން ޖެހޭ ކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީގައި ބުދަ ދުވަހުގެރޭ ބޭއްވި އެމްޑީޕީގެ "އެއްބުރުން" ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ ދިވެހިންގެ އަތުގައި އެކަނި މިލްކުވެރިކަން އޮވެ ބޭރުގެ އިންވެސްޓްމަންޓު ނުގެނެވޭ ނަމަ ދިވެހި ރާއްޖޭގެ ތަރައްޤީގެ ދުވެލި ހުންނާނީ އަހަރަކު ބަނދަރެއްގެ ދުވެލީގައި، ބައި އިންޗީގެ ފިޔަވަޅުގައި ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން ބޭނުންވާ މިންވަރަށް ރާއްޖެ ތަރައްގީ ކުރުމަށްޓަކައި ރައްޔިތުންގެ ވިސްނުން ބަދަލް ކުރާން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ އެއަރޕޯޓް ޖީއެމްއާރަށް ތަރައްޤީ ކުރަން އަދި ބޭރުގެ އިންވެސްޓްމަންޓާއި ދިވެހިރާއްޖެއާއި ބޭރުގެ ގުޅުންތަކުގެ ސަބަބުން
ރާއްޖޭގެ މިނިވަންކަމަށާއި އިސްތިޤްލާލަށް ލިބިނު ގެއްލުން އެއްވެސް ބަޔަކަށް ބުނެދޭކަށް ނޭނގުނު ކަމުގައި ނަޝީދު ވިދާޅުވި އެވެ.

ދިވެހި ރާއްޖޭގެ މިނިވަން ކަމަށާއި ދާޚިލީ އެއްވެސް ކަމަކަށް ބޭރު ކުންފުންޏަކުން މި ރާއްޖޭގައި އިންވެސްޓު ކުރުމުން ގެއްލުން ލިބޭނެ ކަމަށް ވިސްނައިގެން ނުވާނެ ކަމުގައި ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ ޤާނޫނުތައް ވެސް އަދި އދ.ގެ މުޢާހަދާތައްވެސް ދިވެހިންގެ މިނިވަންކަން ރައްކާތެރި ކުރުމަށް އެހީތެރި ވެދޭނެ ކަމުގައި ވެސް ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކަފުޅުގައި ލިބިފައިވާ ޤުދުރަތީ ވަޞީލަތްތަކަކީ ރަން ގަނޑެއް ކަމަށާއި އެބޭނުން ނުކޮށް ބާއްވަންޏާ އެއީ ހިލަގަނޑެއް ކަމަށާއި އެއިން އެއްވެސް މަންފާއެއް ނެތް ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ރަށްތައް ތަރައްޤީ ކުރުމަށްޓަކައި ބޭރުގެ ފައިސާއާއި، ވިސްނުމާއި ބޭރުގެ ތަރައްޤީގެ ޚިޔާލު އަންނާން ޖެހޭ ކަމުގައި ނަޝީދު ވިދާޅުވި އެވެ.

އަދި އެންމެ ކައިރީގައިވާ އިންޑިޔާއަކީ މުޅި ދުނިޔޭގައި އެންމެ ހަލުވި ކަމާއެކު ތަރައްޤީވަމުން އަންނަ އެއް ޤައުމު ކަމަށާއި އަޅުގަނޑުމެންނަށް އިންޑިޔާގެ ތަރައްޤީއާ ގުޅެވެން އެބަ އޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެ ތަރައްޤީ އާ ގުޅުމަކީ ރައްޔިތުންގެ ޙައްޤެއްކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެޙައްޤު ލިބިގަތުމަށް ރަށުގެ ގޮނޑުދޮށްތަކުން، އަތޮޅު ދުނިން ރާއްޖޭގެ އަސްދަނޑިން ބޭރަށް ވިސްނުން އެބަ ގެންދާން ޖެހޭ ކަމަށް ވިދާޅުވި އެވެ.