އައްޑޫސިޓީ އަކީ އަބާދީގެ ގޮތުން ބަލާއިރު މާލެފިޔަވައި އާބާދި އެންމެ ބޮޑު ސިޓީއެވެ. އިންސާނީ ވަސީލަތްތައް ވަރަށް ވެސް މުއްސަންޖެވެ. ލިބިފައިވާ މިވަސީލަތްތަކުގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފޭ އެންމެ ބޮޑު އެއްސަބަބަކީ މަސްތުވާ ތަކެއްޗެވެ. މިހެން ބުނަން މިޖެހެނީ ސަބަބުތަކެއްނެތި އެއްނޫނެވެ.
ދާދި ފަހުން ހިތަދޫގައި މަސްތުވާތެކެއްޗާއި ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ "ފްރީޑަމް" ޖަމިއްޔާއިން ހާމަކުރި ގޮތުގައި ހަމައެކަނި ހިތަދޫގައި 612 މަސްތުވާތަކެތި ބޭނުން ކުރާ މީހުން އެބަތިއްބެވެ. އެއީ ހިތަދޫގެ އާބާދީގެ ގާތްގަނޑަކަށް 7.12%އެވެ. ކަންބޮޑުވާން ޖެހޭކަމަކީ އާބާދީގެ ނިސްބަތުން ބަލާއިރު މިއަދަދަކީ މަސްތުވާތަކެތި އުފައްދާ އަފްގާނިސްތާން އާއި ދާދި އެއްވަރުގެ އަދަދެއް ކަމެވެ. އަދި ހުޅުމީދޫ އަވަށުގައި މަސްތުވާތެކީގެ ކޮންމެވެސް ބާވަތެއް ބޭނުންކުރާ 300 މީހުން އެބަތިއްބެވެ. އެއީ އާބަދީ ގެ 7.5 % އެވެ. ފެދޫ އަދި މަރަދޫގައި މިއަދަދު ހޯދުމަށް ރަސްމީ ހިސާބުތަކެއް ހެދިފައި ނުވި ނަމަވެސް ފެންނަ ފެނުމަށް މި އަދަދު އެދެ އަވަށުގައި ވެސް މަދު ނުވާނެކަން ޔަޤީނެވެ.
އާންމުގޮތެއްގައި މަސްތުވާތަކެއްޗަށް އަޅުދާސްތުވެފައިވާ މީހަކު ދުވާލެއްގެ މައްޗަށް 200 ރުފިޔާވަރު މަސްތުވާ ބާވަތެއްގަތުމަށް ހަރަދު ކުރެއެވެ. ހަމަޔަޤީނުންވެސް 200 ރުފިޔާއަކަށް ވުރެ މަދެއްނުވާނެއެވެ. މިއަދަދުން ބަލާއިރު އަހަރެއްގެ މައްޗަށް 66،576،00 (ފަސްދޮޅަސް ހަމިލިޔަން ފަސްލައްކަ ހައްދިހަ ހަހާސް ފަސްދޮޅަސް ހަ) ރުފިޔާ އެބަ އަންދާލެވެއެވެ. ކޮންމެ ގޮތަކަށް ބެލިކަމުގައިވިޔަސް މިހުރިހާ ފައިސާ ދާނީ އައްޑޫސިޓީއިން ބޭރަށް ކަން ޔަޤީނެވެ. ހަމަގައިމުވެސް މިފައިސާ އަކީ އައްޑޫސިޓީގެ ތަރައްޤީއަށް ޙަރަދުކުރެވެން ޖެހޭފައިސާއެވެ. މިއަދަދަކީ އައްޑޫސިޓީ ގެ އެންމެ ބޮޑެތި ވިޔަފާރިތަކަށްވެސް ސާފު ފައިދާގެ ގޮތުގައި އަހަރެއްގެ ތެރޭގައި ނުލިބޭނެ އަދަދެކެވެ. ކޮންމެ އަކަސް އިޤްތިސާދީގޮތުން ބަލާއިރު އައްޑޫސިޓީ މިވަނީ މަސްތުވާތަކެތީގެ އަޅުވެތި ކަމުގެ ދަށުގައެވެ.
ޢިޖުތިމާޢީގޮތުން ފަހަކަށް އައިސް އުފެދިގެން އުޅޭ ހުރިހާ ބަލިމަޑުކަމެއްގެ އަސްލަކީވެސް ހަމަ މަސްތުވާތަކައްޗެވެ. މަސްތުގެ ހާލުގައި ތިބެ ތަފާތު ބާވަތްތަކުގެ ކުށްތަކަށް އަރައިގަންނަ މީހުން މިދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މިހާރު މިފެންނަ ކަންތައްތަކަކީ ދުނިޔޭގައި އެންމެ ކުށްކުރުން ގިނަ ސަރަހައްދުތަށް އެހާލަތަށް ދިޔުމުގެ ކުރިން ފެނުނު ކަންތައްތަކެވެ. އެފަދަ އަލާމާތްތަކެވެ. އެހެންކަމުން މިއީ ދޫކޮށްލައިގެން ތިބެވޭވަރަށް ވުރެ މާ ނުރައްކާތެރި ކަމެކެވެ.
އައްޑޫސިޓީގެ ތަރައްޤީއަށް މަސްތުވާތަކެތީގެ ސަބަބުން އެއްގޮތަށް ވުރެ ގިނަގޮތްގޮތުން ހުރަސް އެޅޭކަން އެބައެނގެއެވެ. އެހެނަސް ހިތާމައަކީ މިކަން ހައްލުކުރަމަށް ކަމާ ބެހޭ ފަރާތްތަކުގެ މާބޮޑު ފަރުވާލެއް ނެއްކަމެވެ. ދެމަހުން އެއްމަހު ކަހަލަ ގޮތަކަށް 2 ގުރާމުގެ މަސްތުވާތަކެއްޗާއެކު ފުލުހުން ޒުވާނުންތަކެއް އަތުނުލާ ވާހަކެއްނޫނެވެ. އެއްވެސް ކަހަލަ ޕްލޭންތަކެއްގެ ދަށުން މިމައްސަލަ ހައްލު ކުރުމަށް އަދި މަސައްކަތެއް ނުކުރެވެއެވެ. ހަމަ ޔަޤީނުންވެސް އައްޑޫސިޓީ ކައުންސިލުން މިމައްސަލަ ހައްލުކުރުމަށް ވަކި ހާއްސަ ސަމާލުކަމެއްދީ މަސައްކަތެއް ކުރާތަނެއް ނުފެނެވެ.
ކޮންމެއަކަސް މަސްތުވާތަކެތީގެ މައްސަލައަކީ އައްޑޫސިޓީ އާއި ދިމާވެފައިވާ ވަރަށް ބޮޑު ވަބާއެކެވެ. އަޅުގަނޑުމެން ތަރައްޤީ ހޯދުމަށް އަތުކުރި އޮޅާލާފައިވާއިރު މި ސިޓީގެ ޒުވާނުން މަސްތުވާތެކެތީގެ ވަބާގައި ނުޖެހި ހެޔޮގޮތުގައި މުޖުތަމަޢަށް ފައިދާވާނެ ޒުވާނުންތަކަކަށް ހެދުމަކީ މިހާރު ކޮންމެހެންވެސް ކުރަންޖެހިފައިވާ ވަރަށްބޮޑު މަސައްކަތެކެވެ. އަޅުގަނޑު ގެ "ހުވަފެނަކީ" އައްޑުސިޓީ މެކްސިކޯސިޓީއަށް ބަދަލު ނުވެ ސިންގަޕޫރު ކަހަލަ ކޮންމެވެސް ތަނަކަށް ވާތަން ދުށުމެވެ.