Last Updated: November 26, 06:34
Tuesday, November 26, 2024
ކުޅިވަރު

ކުޑަ އަގަކަށް ޕީއެސްޖީ ދޫކޮށް ރަބިއޯ ބާސާ އަށް ބަދަލުވަނީ

ޕީއެސްޖީ އަށް ކުޅޭ އެޑްރިއެން ރަބިއޯ (ކ) ފްރެންޗް ލީގު މެޗެއްގައި ކުޅެނީ. --ފޮޓޯ: އޭޕީ

ޕީއެސްޖީ އަށް ކުޅޭ ފްރާންސްގެ މިޑްފީލްޑަރު އެޑްރިއަން ރަބިއޯ އެ ކްލަބާއެކު އެއްބަސްވުން އާކުރަން ދެކޮޅުހެދުމުން އޭނާއާ މެދު ފިޔަވަޅު އަޅާފައިވާއިރު ކުރިއަށް އޮތް ޖަނަވަރީ މަހުގެ ޓްރާންސްފާ މާކެޓްގައި އެންމެ ފަސް މިލިއަން ޔޫރޯގެ އަގަކަށް ސްޕެއިނުގެ ބާސެލޯނާ އަށް ބަދަލުވެދާނެކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ.

އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުން، ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ވަނީ އެ ކްލަބާއި ގުޅުންހުރި އެންމެހާ ހަރަކާތްތަކުން ރަބިއޯ އެކަހެރިކޮށްފައެވެ. އެހެންކަމުން އެ ޓީމުގެ ސްޕޯޓިން ޑައިރެކްޓަރު އެންޓެރޯ ހެންރީކް ބޭނުންވަނީ ވީހާވެސް އަވަހަށް ރަބިއޯ ވިއްކާލުމަށެވެ.

އުމުރުން 23 އަހަރުގެ ރަބިއޯ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު ކުރިއަށް އޮތް 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެހެން ކްލަބުތަކާއެކު އޭނާ އަށް ވާހަކަދެއްކުމުގެ ފުރުޞަތުލިބިގެންދާނެއެވެ.

ފީފާގެ ގަވާއިދުގައި ވާގޮތުގެމަތީން ޕީއެސްޖީއާއެކު ރަބިއޯ ހަދާފައިވާ އެއްބަސްވުން ހަމަވާން ބާކީ ހަ މަސް ދުވަސް އޮތްނަމަވެސް އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުޞަތުވެސް އޭނާ އަށް ލިބެއެވެ. ފްރާންސްގެ ޕެރިހަށް ނިސްބަތްވާ ޕީއެސްޖީގެ އިސްވެރިން ގަބޫލުކުރާގޮތުގައި ކުރިއަށް އޮތް ޖަނަވަރީ މަހުގެ ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރީން ރަބިއޯގެ ޓްރާންސްފާ އާ ގުޅުންހުރި އެންމެހާ ކަންތައްތައް ބާސެލޯނާގެ ޓެކްނިކަލް ސެކެޓްރީ އެރިކް އަބިދާލް ނިންމާނެއެވެ.

ސްޕެއިނުގެ އެންމެފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ސްޕެއިނުގެ ބާސެލޯނާ އަށް ރަބިއޯ ބަދަލުވެއްޖެނަމަ މުސާރައިގެ ގޮތުގައި އަހަރަކު 10 މިލިއަން ޔޫރޯ ދިނުމަށް އެ ކްލަބުން ތައްޔާރަށް އޮތްއިރު ރަބިއޯގެ އޭޖެންޓް އޭނާގެ މަންމަ ވެރޯނިކް ރަބިއޯ އަށް ވެސް އެއާ އެއްވަރުގެ ފީ އެއް ދިނުމަށް ހަމަޖެހިފައިވާކަމަށްވެއެވެ.

މީގެއިތުރުން، ފްރާންސްގެ މީޑިއާ ހަބަރުތަކުގައިވާގޮތުގައި އަންނަ ޖަނަވަރީ މަހު ބާސާއާއެކު އެއްބަސްވުމަކަށް އާދެވިއްޖެނަމަ ރަބިއޯގެ ޓްރާންސްފާ ފީ ގެ ގޮތުގައި ފަސް މިލިއަން ޔޫރޯގެ އަގެއްވެސް ޕީއެސްޖީގެ ރައިސް އަލް ޚެލައިފީ ގަބޫލުކުރަން ތައްޔާރަށްހުރި ކަމަށްވެއެވެ.