(މެއި 23، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
"ސާހިލް މި ރަށުން ދަނީ ކީއްވެ؟" އަފީފާ ވިއާމާ އާ އެކު މަސައްކަތް ކުރަން ހުރެފައި އަހާލި އެވެ.
"އަފީ. މި ރަށުގައި ތިބެގެން ވަކި މޮޅެއްވީ ކޮޮން ބައެއްގެ؟ ސާހިލް ގެންދަނީ ލަވަ ރެކޯޑް ކުރާ ތަނަކުން." ވިއާމާ އަފީފާ ކައިރީ މިހެން ބުނެލަމުން މަސައްކަތާއިގެން ކުރިއަށް ދިޔަ އެވެ.
ސާހިލް ހުރީ ހިމޭންވެފަ އެވެ. މާލެއަކީ އޭނާގެ އުފަން ރަށެވެ. ފެންނަ ގިނަ ބަޔަކަށް އޭނާ އެނގި ވެސް ދާނެ އެވެ. މިއަދު ގިނަ މީހުންގެ ނަޒަރުގައި އޭނާ ވަނީ އިންޑިޔާ އަށް ގެއްލިފަ އެވެ. ނުވަތަ މަރުވެފަ އެވެ. އެކަމަކު އޭނާ ފެނުމުން ގައިމުކޮށް އެނގޭނެ މީހުން ތިބެ ދާނެ އެވެ.
ފާއިތުވެ ދިޔަ 18 އަހަރުތެރޭ އޭނާ ވަރަށް ބޮޑަށް ބަދަލުވެފައި ވެސް ވެ އެވެ. ފަހަރެއްގައި ނޭނގި ދާނެ އެވެ. އަބަދު ގޭގައި ހުރުމުގެ ސަބަބުން އޭނާ ވަނީ ހުދުވެފަ އެެވެ. އަދި ފުދޭ ވަރަކަށް ދިގު ތުނބުޅިއެއް ވެސް ލާފައި ވެ އެވެ. ސާހިލް ވިސްނަމުން މަޑުމަޑުން ބަގީޗާ އާ ދިމާއަށް ދިޔަ އެވެ. އަދި ހިލައިން ހަދާފައިވާ ގޮނޑީގައި އިށީނދެލި އެވެ.
ނަސީބުގޭ މީހުން ތިބޭނެ އެވެ. އެ ގޭ މީހުންނަށް އަހަރެން އެއްގޮތަކަށް ވެސް ނުއޮޅޭނެ އެވެ. އަހަރެންގެ ލޯފަންވީ ސަބަބު އަހާނެ އެވެ. މި އޮތްހާ ދުވަހު ސިއްރު ކުރި ބޮޑު ސިއްރު ފަޅާ އަރަނީ އެވެ. މިހާރު ސާރާ މީހަކާ ވެސް އިނދެފާނެ ތޯއްޗެކެވެ. އެހެން ވެއްޖިއްޔާ އަހަރެން ދެރަވާނެ އެވެ. އެކަމަކު ގައިމު މިއަދު އޭނާ ތަންތަން ބަލާނީ އަހަރެންގެ ލޮލުންނެވެ. މިއީ ގައިމު އަހަރެން އުފާވާ ކަމެކެވެ.
"ސާހިލް ބޯޓް ފުރަން ތައްޔާރު ވެއްޖެ ކޮބާ ދަމާ." ފަވާދު އައިސް ސާހިލް އަށް ގޮވާލި އެވެ. ފަވާދަކީ ވިއާމާގެ ދެބެއިންގެ ދަރި ކޮއްކޮއެކެވެ. ބޯޓްގެ ފަޅުވެރި ކުއްޖެކެވެ.
"އާނ…މިދަނީ." ސާހިލް ތެދުވެގެން ގޭތެރެ އަށް ވަނެވެ.
"ސާހިލް ކޮބާ ހިނގާ ދާން ލަސްވެގެން ފަވާދު އެ އައީ ވެސް." ވިއާމާ ވެސް ސާމާނުތައް އަތަށް ނަގަމުން ބުނެލި އެވެ.
"މަޑުުކުރޭ. މި އަންނަނީ." ސާހިލް ކޮޓަރިއަށް ވަދެ އޭނާގެ ދަބަސް ނެގި އެވެ. އަދި ކޮނޑުގައި އަޅުވާލި އެވެ. އަދި އެހެން ދަބަހެއް އަތުން ވެސް ހިފާލައިގެން ނިކުތެވެ.
ވިއާމާގެ މަންމަ ދޮރުމަތީ ބަލަން ހުއްޓެވެ. އެސްފިޔަ ޖަހާ ވެސް ނުލާ އޭނާ ސާހިލް އަށް ބަލަމުން ދިޔަ އެވެ.
ސާހިލް ހާދަ ފުރިހަމަ އެވެ. އެސްފީނާއިން ސަލާމަތް ކުރައްވާށި އެވެ. ހިތާހިތާ އޭނާ ދުޢާ ކުރި އެވެ. ސާހިލް ބޭރަށް ނިކުތުމާ އެކު ބައެއް އަންހެންވެރިން ވެސް ކަޅި ޖަހާނުލައި ސާހިލް އަށް ބަލަމުން ދިޔަ އެވެ.
"އޯހް…މަށަށް ލިބޭ ނަމަ އަބަދު މަ އޮންނާނީ އޭނާގެ އަތުގެ ތެރޭގައި މޮޑެވިގެން." ޝާހިދާ ލާނެއް ރާގަކަށް ބުނެލި އެވެ.
"ޝާހިދާ…ކަލެއަކީ ދެ ކުދިންގެ މަންމައެއް. އަދިވެސް ކަލޭގެ އުޅުން އިސްލާހު ކުރާކަށް ނުވޭތަ؟" ފާތުމަ ކަޅި އަޅައިގެންފައި ޝާހިދާ އާ ދިމާއަށް އެތިވަރު ގޮވައި ގަތެވެ.
"އާނ ދޮގޭ މަވިއްޔާ ހިތުގަ އޮތް އެ ތި މި ބުނީ. އެކަމަކު މި ރަށުގައި ސިއްރު ކަަންތައް ކުރާ މީހުން މަދުތަ؟ މަވިއްޔާ ހިތަށް އެރި އެއްްޗެއް އެބަ ކިޔާތާ އެކަމަކު ނުބުނެ ސާހިލް ދެކެ ލޯބިވާ މީހުން ވެސް މަދެއް ނޫން. ނިކަން ބަލާބަލަ ފަހުރީއްޔާ އާއި ނާސިހާ އަށް. މަވިއްޔާ އަނގައެއް އޮންނަ ކަމެެއްވެ ކަމެއް ނުކުރަން." މިހެން ކިޔާ ކުދި ކިޔަމުން ޝާހިދާ ގޮސް އޮބާލި އެވެ.
ވިއާމާ އަށް ސާރާ ވަނީ ހުރިހާ އެއްޗެއް ފޯނުން ކިޔައި ދީފަ އެވެ، ގެއަށް ވަންނަންވާނީ ވަކި ދޮރަކުންކަމާއި ވިޝާމް ސުޓޫޑިޔޯއިން ބައްދަލު ކުރަން ޖެހޭނީ ކާކާކަމާއި ކުރިއަށް ހުރި ކަންތައް ވަރަށް ތަފްސީލުކޮށް ސާރާ ވިއާމާ އަށް ކިޔައި ދިނެވެ.
"ވިއާ…މިވަގުތު ހުރިހާ ކަމެއް އޮތީ ތީނަ އަތުގަ. އަހަރެން ގެ ތިޔަ އިހްސާންތެރިކަން ދުވަހަކު ވެސް ހަނދާން ނައްތައެއް ނުލާނަން." ސާރާ ފޯނުން ވިއާމާ އާ ވާހަކަ ދެއްކި ދުވަހު ބުންޏެވެ.
"މަލް. އަހަރެންނަށް ވީ އެންމެ ރަނގަޅަކަށް ކަންތައް ކުރާނަން. ޔަގީން ކުރޭ." ވިއާމާ ފޯނު ބޭއްވީ ސާހިލް ކައިރިއަށް އައުމުންނެވެ. އެ ވަގުތު އެންމެން ވެސް ބޯޓަށް އަރައިފި އެވެ.
ސާރާޔާ، ކަރީމު އަދި ހުސްނާ އިންޑިޔާގެ ޓްރިވެންޑްރަމްގައި ބޯޓު ޖައްސާ އިރަށް އެކަކު އަނެކަކަށް ބަލާލި އެވެ. އަދި ހިނިތުން ވެލައިގެން ތިބެ އެހެން ފަސިންޖަރުންނާ އެކު ބޯޓުން ފައިބަމުން ދިޔަ އެވެ.
މީރާ ވެސް މުޅިގެ އާ ގެއަކަށް ބަދަލުކޮށްލިއެވެ. އޭނާގެ ކޮޓަރީގައި އާ އެނދެއް ބެހެއްޓިއެވެ. އަދި ސާރާ އަށް ރީތި އާ ކަނބަޑެއް ވެސް ވައްދާލި އެވެ. މަންމަ އާއި ބައްޕަގެ ކޮޓަ ރިވެސް އެހާ ރީތި ކުރި އެވެ. ތާޒާ މާ ބޮޑިއެއް މޭޒުމަތީ ބަހައްޓާލި އެވެ.
މުޅި އެ ކޮޓަރި އެއްވަސް ވެފައިވަނީ ތަފާތު މީރު ވަސް ދުވާ މަލުންނެވެ. އަދި ބަދިގެ އެހާ ތަނަވަސްކޮށްލިއެވެ. ތަފާތު ވައްތަރުގެ ކާ އެއްޗިހިން މުޅިތަން މުއްސަނދިކޮށްލި އެވެ.
މިސިޒް ޕީޓަ ވެސް ހައިރާންވެފައި މި އަޖާއިބެއް ފަދަ ކުއްޖާގެ ފަހަތުން ދުވެލަ ދުވެލާ ހުއްޓެވެ. މުރާދު ވަރަށް ކައިރިން ހުރިހާ ކަމެއްވެސް ބެލި އެވެ. ބައެއް ފަހަރަށް މިސިޒް ޕީޓަ ފެންނަން ނުހުންނަ ގަޑީގައި މީރާ އަށް އަތް ގާތް ވެސް ކޮށްލަދެ އެެވެ. އަދި އެ ވަރަށް ލާނެއް ވެސް ވެލަ އެވެ. މިކަހަލަ ކޮންމެ ކަމަކުން މީރާ މީރު ކަމެއް ލިބިގަތެވެ.
"ކަމަނާ….އަޅުގަނޑުގެ ކޮޓަރި ވެސް…" މުރާދު ލާނެއްވެލަމުން ބުނެލި އެވެ.
"މުރާދުގެ ކޮޓަރި އަޅުގަނޑު ސާފެއް ނުކުރާނަން." މީރާ ހެމުންހެމުން އެތަނުން ދުރަށް ދިޔަ އެެވެ. މުރާދު ތުން އޫކޮށްލާފައި ރުޅި އައީ ކަމަށް ހެދިގެން ސޯފާގައި އިށީނެވެ.
"ކަމަނާ. މިހާރު ފްލައިޓް ޖައްސަފާނެ. ދެން އާދެބަލަ ތިޔަ މޭކަޕް ނުކުރިޔަސް ވާނެ. ހަޔާތުގަ ދުވަހަކު އަހަރެން އަންހެނަކު ރީތިވާން ނުފޮނުވާނަން. ދިއުޅި ދިގު ބައެއް…ތައުބާ އަހަރެން ކަހަލަ ފިރިހެނުންނަށް ﷲ ކެއްތެރިކަން ދެއްވާށި." ބޭރުގައި ކާރުގެ ތަޅުދަނޑި އަނބުރަ އަނބުރާ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރެ މުރާދު ގޮވަމުން ދިޔަ އެވެ.
"މިހާރު މި އަންނަނީ ތިވަރަށް އެއްޗިހި ކިޔަންޏާ ތި އެއްޗިހި އަޑު އަހަން ވެސް އެބަ ޖެހޭ. އަންހެން ކަނބަލުންނަށް ގެއްލުން ނުވާހެން ޖަވާބު ދޭންވެސް ޖެހޭ." މީރާ ވެސް ކޮޓަރިތެރޭ ހުރެ ބުނެލި އެވެ.
"ކަމަނާ މި އަންނަނީޔޭ ބުނާތާ ވެސް ބައި ގަޑިއިރު ވީ. އަންހެން ކަނބަލުންނަށް ވަކާލާތު ކުރާނީ ފަހުން. އަހަރެން މި ދަނީ ކާރު ނެރޭން." މުރާދު ބޭރަށް ނިކުންނަމުން ބުނެލި އެވެ.
މީރާ ކޮޓަރިތެރޭ ހުރެ ހިނިތުންވެލި އެވެ. މީރާ މަޑުމަޑުން ބޭރަށް ނިކުތެވެ. އަދި މިސިޒް ޕީޓާ ކާރީ ކޮންމެވެސް އެއްޗެއް ކިޔަމުން ގޯތިތެރެއަށް ނިކުތެވެ.
ކާރުގައި އިން މުރާދު ކާރުން ފޭބި އެވެ. އަދި ދޮރުފަތް ލައްޕާލަމުން ކާރުގެ މަތީން އަތް އަޅުވާލައިގެން ކުރިމަތީން މި އަންނަ ރީތި ކުއްޖާ އާ ދިމާއަށް ބަލާލަން ގެއްލިފައި ހުއްޓެވެ.
ފަށުވި މަޑު ނޫކުލައިގެ ޕާކިސްތާނު ހެދުމެކެވެ. ކުދި ބޮޅުތަކެ އްޖަހާފައިވާ ހަމަ ނޫކުލައުގެ ދޯޕައްޓާއަކުން މޭމަތި ނިވާކޮށްފަ އެވެ. އަތުގައި ވެސް ކުރީ ދުވަހު މުރާދު އާ އެކު ގޮސް ގަތް ނޫކުލައިގެ ތަނޑިބައި އަޅާލައިފައި އޮތެވެ. އޭނާގެ ރީތިކަމުން މުރާދު އަނގަ ހުޅުވިފައި ހުއްޓެވެ. ދުރުގައި މިސިޒް ޕީޓާ ވެސް މި މަންޒަރު ބަލަން ހެވިފައި ހުއްޓެވެ.
(ނުނިމޭ)