Last Updated: November 26, 08:59
Tuesday, November 26, 2024
ކުޅިވަރު

އާސެނަލްގެ ކުރީގެ ޗެއާމަން ޕީޓާ ހިލް-ވުޑް މަރުވެއްޖެ

އާސެނަލްގެ ކުރީގެ ޗެއާމަން ޕީޓަ ހިލް-ވުޑް. --ފޮޓޯ: ގެޓީ އިމޭޖަސް / އާސެނަލް

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބު އާސެނަލްގެ ކުރީގެ ޗެއާމަން ޕީޓާ ހިލް-ވުޑް އުމުރުން 82 އަހަރުގައި މަރުވެއްޖެއެވެ.

އާސެނަލްގެ ޗެއާމަން ކަމާއި 1982 ވަނަ އަހަރު ހަވާލުވެ އޭނާ ވަނީ ކޯޗުންގެ ގޮތުގައި ޖޯޖް ގްރެހަމް އާއި އާސެން ވެންގާ ގެނެސް އެ ޓީމާއެކު ގިނަ ކާމިޔާބީތަކެއް ހޯދައިދީފައެވެ. އެގޮތުން، އޭނާގެ ޗެއާމަން ކަމުގައި އާސެނަލް ވަނީ ލީގު ތައްޓާއި އެފްއޭކަޕް މުބާރާތްވެސް ފަސް ފަހަރު ހޯދުމުގެ އިތުރުން ލީގު ކަޕް އާއި ޔޫރަޕިއަން ކަޕް ވިނާސް ކަޕް ވެސް އެއް ފަހަރު ހޯދައިފައެވެ.

ސިއްހީ ހާލަތު ތަން ނުދޭތީވެ އާސެނަލްގެ ޗެއާމަންކަމުގެ މަގާމުން ހިލް-ވުޑް ވަކިވީ 2013 ވަނަ އަހަރުގެ ޖޫން މަހުގައެވެ.

އާސެނަލުން ގަބޫލުކުރާގޮތުގައި 2006 ވަނަ އަހަރު އެ ކްލަބުގެ ކުރީގެ ދަނޑު ހައިބަރީ ދޫކޮށް އެމިރޭޓްސް ސްޓޭޑިއަމަށް ބަދަލުވުމުގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ވެސް ހިލް-ވުޑް އެވެ.

ހިލް-ވުޑް އެންމެ ފުރަތަމަ އާސެނަލްގެ ބޯޑާއި ގުޅުނީ 1962 ވަނަ އަހަރުގައެވެ. އޭނާ ޗެއާމަންކަމާއި ހަވާލުވީ ބައްޕަ ޑެނިސް މަރުވުމުންނެވެ.

ހިލް-ވުޑްގެ ޗެއާމަންކަމުގެ ފުރަތަމަ ދުވަސްވަރު ކޯޗު ގްރެހަމްގެ އިރުޝާދުގެ ދަށުން އާސެނަލް ވަނީ 1986 ވަނަ އަހަރުން ފެށިގެން 1995 ވަނަ އަހަރުގެ ނިޔަލަށް ދެ ފަހަރު ލީގު ތަށި ހޯދައި އެފްއޭކަޕް އާއި ލީގުކަޕް އަދި ޔޫރަޕިއަން ކަޕް ވިނާސް ކަޕް އެއްފަހަރު ކާމިޔާބުކޮށްފައެވެ.

އޭގެފަހުން، އާސެނަލްގެ ތާރީޚު ދުށް އެންމެ ކާމިޔާބު ކޯޗު ކަމަށްވާ އާސެން ވެންގާގެ އިރުޝާދުގެ ދަށުން އިނގިރޭސި ޕްރިމިއާ ލީގު ތިން ފަހަރު ހޯދިއިރު އެފްއޭކަޕްގެ ތަށި ހަތަރު ފަހަރު ކާމިޔާބުކޮށްފައިވެއެވެ. އެގޮތުން، އެންމެ ފާހަގަކޮށްލެވެނީ 2004/2003 ވަނަ އަހަރުގެ ސީޒަނުގައި އެއްވެސް މެޗަކުން ބަލިނުވެ ޕްރިމިއާ ލީގުގެ ތަށި ކާމިޔާބުކުރުމެވެ.

އާސެނަލްގެ ޗެއާމަންކަމުން މީގެ ފަސް އަހަރުކުރީން ހިލް-ވުޑް އިސްތިއުފާ ދީފައިވާއިރު އެ މަގާމާއި މިހާރު ހަވާލުވެ ހުރީ ސަރ ޗިޕްސް ކެސްވިކް އެވެ.

ހިލް-ވުޑް މަރުވިއިރު އަންބަކާއި ތިން ކުދިން ދުނިޔޭގައި މިވަގުތު އެބަތިބިއެވެ.

ހިލް-ވުޑް މަރުވުމުން އާސެނަލުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ "ޕީޓާ އާއި އޭނާގެ އާއިލާއިން މި ކްލަބަށް އަގުހުރި ހިދުމަތްތަކެއް ކޮށްދީފައިވާ ކަމަށާއި އޭނާގެ އާއިލާ އާއި ހެޔޮއެދޭ ހުރިހާ ފަރާތްތަކަށް ދިމާވި މި އުނދަގޫ ދަނޑިވަޅުގައި އޭނާގެ ހަނދާން އާކުރަނީ ޝައުގުވެރިކަމާއެކުގައެވެ."