ސ. ގަމުގެ ވައިގެ ބަނދަރު ތަރައްޤީ ކުރުމަށް ބޭނުންވާ ސާމާން ތަކުގެ ތެރެއިން ބިން ހިއްކުމަށް ބޭނުންވާ ޑްރެޖަރާއި އެ ނޫން ބައެއް ސާމާނު އައްޑު އަށް ގެނެސްފި އެވެ.
މި މަހު ރަސްމީކޮށް އިފްތިތާހު ކުރުމަށް ހަމަޖެހިފައިވާ ގަން އެއާޕޯޓް ތަރައްޤީގެ މަޝްރޫއު އިފްތިތާހުކުރުމަށް ހަމަަޖެހިފައި ވަނީ ރައީސް ޑރ. މުހައްމަދު ވަހީދުއެވެ.
އެއާޕޯޓްގެ ރަންވޭ ދިގުކުރުމަށް ބިން ހިއްކުމަށް ގެނައި ޑްރެޖަރު މިވަގުތު އޮތީ ފޭދޫ ފަޅުގަ އެެވެ. ދުބާއީގެ ކޮބްލާ ކުންފުންޏާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ ރަންވޭ އަށް ބޭނުންވާ ބިން ހިިއްކުމުގެ މަޝްރޫއަށް ބޭނުންވާ އިތުރު އެހެނިހެން ބައެއް ސާމާން ވެސް އައްޑު އަށް ގެނައުމުގެ މަަސައްކަތް ކުރަމުން އަންނަ ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއަޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން ބުނެ އެވެ.
ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މައި ކޮންޓްރެކްޓަރަކީ އިނގިރޭސިވިލާތުގެ ލަގާން އެވެ.
ގަމުގެ ވައިގެ ބަނަދަރު ތަރައްޤީގެ މަޝްރޫއުގެ ތެރޭގައި ހިމެނެނީ ބިން ހިއްކައިގެން ރަންވޭ ދިގުކުރުމާއި، ސީ ޕްލޭން ޖައްސާ ވޯޓަ ރަންވޭއެއް ހެދުމުގެ އިތުރުން މިހާރު އޮތް ރަންވޭގައި އިތުރު ތާރު ފަށަލައެއް އަޅައިގެން ރަންވޭގެ ފެންވަރު ރަނގަޅު ކުރުމެވެ.