ލަންޑަން (ޑިސެމްބަރު 31) – އިންގިލިޝް ޕްރެމިއާ ލީގް ގައި ރޭ އެވަޓަން އާއި ބައްދަލުކޮސް ފަހަތުން އަރައި 2 ގޯލް ޖަހައިގެން ޗެލްސީ މޮޅުވެއްޖެއެވެ. އިނގިރޭސި ތަޖުރިބާކާރު މިޑްފީލްޑަރު ފްރޭންކް ލަމްޕާޑް ޖެހި ދެ ލަނޑާއެކު ޗެލްސީ ވަނީ ތަވަލްގެ ތިންވަނާގައި 36 ޕޮއިންޓާއިއެކުއެވެ.
އެވަޓަންގެ ދަނޑުގައި ކުޅުނު މެޗުގެ ދެވަނަ މިނިޓުގައި އެވަޓަން އިން ލީޑު ނެގީ ދެކުނު އެފްރިކާގެ މިޑްފީލްޑަރު ސްޓީވަން ޕީނާ ޖެހި ލަނޑުންނެވެ. އެކަމަކު ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް، ލަމްޕާޑް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި ޗެލްސީ މޮޅުވި ލަނޑު ލަމްޕާޑް ޖެހީ 72 ވަނަ މިނިޓުގަ އެވެ.
މެޗުން މޮޅުވެ، ޗެލްސީ ތާވަލްގެ ތިންވަނައިގައި އޮތީ 38 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އޮތީ ޗެލްސީ އަށްވުރެ ހަތަރު ޕޮއިންޓް ކުރީގަ އެވެ. އެއްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް އޮތީ ޗެލްސީ އަށްވުރެ 11 ޕޮއިންޓް ކުރީގަ އެވެ.
ޗެލްސީގެ ވަގުތީ ކޯޗު ރަފައެލް ބެނިޓޭޒް ބުނީ ތާވަލްގެ އެއްވަނައިގައި އޮތް ޔުނައިޓެޑް ލީޑު ބޮޑުވިޔަސް، ޗެލްސީ އަށް ލީގު ހޯދުމުގެ ފުރުސަތު އަދި ނުގެއްލޭ ކަމަށެވެ.
"އަހަރެމެން އަބަދު ވެސް ވިސްނަނީ ކުރިއަށް އޮންނަ މެޗަށް. އަހަރެމެން މާބޮޑަށް ތާވަލްގެ މަގާމުތަކަކަށް ނުވިސްނަން،" ބެނިޓޭޒް ބުންޏެވެ.
ލީގުގައި ރޭ ލިވަޕޫލް ވަނީ ކުއީންސް ޕާކް ރޭންޖާސް (ކިއުޕީއާރް) އަތުން 3- 0 އިން މޮޅުވެފަ އެވެ. ލިވަޕޫލްގެ އުރުގުއޭ ފޯވަޑް ލުއިސް ސުއަރޭޒް މެޗުގައި ދެ ލަނޑުޖެހިއިރު، ޑެންމާކްގެ ޑިފެންޑަރު ޑެނިއެލް އެގާ ވެސް ވަނީ ލަނޑު ޖަހައިފަ އެވެ.
ކިއުޕީއާރް ތާވަލްގެ ފުލުގައި އޮތީ ފުލުން ދެވަނައިގައި އޮތް ރެޑިން އަށްވުރެ ތިން ޕޮއިންޓް ފަހަތުގަ އެވެ. ތާވަލްގެ ފުލުގައި އޮވެ އާ އަހަރަށް ކުރިމަތިލި ޓީމެއް ޕްރިމިއާ ލީގުގެ ތާރީހުގައި މިހާތަނަށް ރެލިގޭޝަނުން ސާލަމަތްވެފައި ވަނީ އެންމެ ފަހަރަކު އެވެ. އެއީ 2005 ވަނަ އަހަރު ވެސްޓް ބްރޮމް އެވެ.
މެޗަށް ފަހު ވާހަކަދައްކަމުން ކިއުޕީއާރްގެ ކޯޗު ހެރީ ރެޑްނެޕް ބުނީ އަންނަ މަހުގެ ޓްރާންސްފާ ޕީރިއަޑްގައި އާ ކުޅުންތެރިންތަކެއް ހޯދުމަށް ކިއުޕީއާރް އިން މަސައްކަތްކުރާނެ ކަމަށެވެ. އަދި ރަނގަޅު ކުޅުންތެރިންތަކެއް ގެނެވިއްޖެ ނަމަ، ރެލިގޭޝަނުން ސަލާމަތްވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.