ދެހާސް އެގާރަ ވަނަ އަހަރު ރިލީޒް ކުރި "ލައެލާ" އައްޑޫގައި އަޅުވަން ނިންމާފައިވާ ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރު ހާމިދު އަލީ ބުނެފި އެވެ.
"އައްޑޫ ލައިވް" އާ ވާހަކަ ދައްކަމުން ފިލްމީ ދާއިރާގެ "އެއްގާ ގަނޑުން ޖަހާ ހަދޫނި މަރާލި" ގެ ނަމުން ގިނަ ބަޔަކު ދަންނަ ހާމިދު ބުނީ ޖުލައި މަހުގެ ކުރީ ކޮޅު "ލައެލާ" އައްޑޫގެ ހުރިހާ ރަށްތަކެއްގައި އެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
ލޯބީގެ އަސަރު ގަދަ ހާދިސާތަކެއް ތަމްސީލުކޮށްދޭ މި ފިލްމު އައްޑޫ ސިޓީގައި އެޅުމަށް ހަމަޖެހިފައި މި ވަނީ އައްޑޫގެ ގިނަ ބަޔަކު އެކަމަށް އެދިގެން ކަމަށް ހާމިދުގެ ލާނާސް ޕްރޮޑަކްޝަންގެ ފުރިހަމަ ތައްގަނޑުގައި ނެރެފައިވާ މި ފިލްމާ ބެހޭ ގޮތުން ހާމިދު އިތުރަށް ބުންޏެވެ.
އޭނާ އިތުރަށް ބުނީ މި ފިލްމަކީ ދަރިންގެ ނުރުހުމުގައި އާއިލާ އިން ބޭނުންވާ ގާތް މީހުންނާ ދަރިން ކައިވެނި ކުރުމުގެ ވިސްނުމާއި ފައިސާވެރިޔަކާ ކައިވެނި ނުކޮށް އުފަލެއް ނެތް ކަމަށް ގަބޫލު ކުރެވޭ މީހުންގެ ވިސްނުން ކުރިއަށް ނެރެފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެއް ކަމަށެވެ.
ވިޔަފާރީގެ ގޮތުން ކާމިޔާބު "އުދަބާނި" އަށް ފަހު އޭނާ ޕްރޮޑިއުސް ކުރި ފުރަތަމަ ފިލްމާ ބެހޭ ގޮތުން ހާމިދު ބުނީ މި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ރަށެއްގެ މުއްސަނދި ކަތީބެއްގެ ދެ އަންހެން ކުދިން ކަމަށްވާ ލައެލާ އާއި ނީނާގެ ހަޔާތުގެ މައްޗަށް ކަމަށާއި ދައްކުވައި ދެނީ އެ މީހުންގެ ބައްޕަ އާއި މަންމަގެ ނުފޫޒާ އެކު ޒުވާން ދެ އަންހެން ކުދިންގެ ދިރިއުޅުން އުމުރަށް ބަދަލުވެގެންދާ ގޮތެވެ.
މި ފިލްމުގެ ރިންނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ)، އަހުމަދު (އާނަންދު)، އާމިރާ އިސްމާއިލް، ކޮއްޔަ ހަސަން މަނިކު، އާމިނަތު އާޒިފާ(އަޒޫ) އަދި ހާމިދު އެވެ.