(މެއި 24، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
ސާރާގެ އިސްތަށިގަނޑު ވެސް ގަތާފައި މާ ޖަހާލައިފައި ހުއްޓެވެ. އެދިގު އިސްތަށިގަނޑު ކަޅު ހަރުފައެއްހެން ފުރަގަހުގައި އެލިފައި އޮތެވެ. އަރައިގެން އައިސް މެދުއުޑުގައިވާ އިރު ވެސް މީރާ ފެނިފައި ހުއްޓިލއިގެން ހުއްޓެވެ.
"ދެން މިހާރު ލަހެއްނުވޭބާ؟" އެ ވަގުތު މީރާ ކައިރިއަށް އައިސް ގޮވާލި އެވެ
މީރާ ގެ އަޑު އިވުނީމާ ސިހިގެން ދާ ގޮތަށް މުރާދު ހަރަކާތްކުރި އެވެ.
މުރާދު އެނބުރި ލާފައި ގޮސް މީރާއަށް ކާރުގެ ދޮރުފަތް ހުޅުވާލަ ދީފައި މީރާ އިށީނުމުން ދޮރު ލައްޕާލި އެވެ. އަދި އަނެއް ފަރާތުން މުރާދު ވެސް ގޮސް އިށީނދެ ކާރު ދުއްވާލި އެވެ.
މީރާ ގެ ފުރިހަމަ ރީތިކަމަކީ ބަލާ ކޮންމެ މީހަކަށް އަސަރު ކުރުވާފަދަ ރީިތި ކަމެކެވެ. މީރާ އާ އެކު ހޭދަވި ދުވަސްތަކުގައި މީރާ ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން މުރާދު ވަނީ ކޮންމެވެސް ވަރަކަށް ނާހިދާ މަތިން ހަނދާން ނެތިފަ އެވެ. ނޫނީ މުރާދަށް ވެސް ވަނީ މީރާގެ ރީތިކަމާއި ފަރިކަމުން އަސަރުކޮށްފަ އެވެ. މުޅި ދަތުރުމަތީ ދެ މީހުން ވެސް ތިބި އެކަކު އަނެކެއްގެ ޙިޔާލަށް ގެއްލިފަ އެވެ. އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އެއާޕޯޓަށް ދެވުމާއެކު މުރާދު ފުން ނޭވާއެއް ލި އެވެ.
"ކަމަނާ މި ތަނަށް ފައިބާ. އަހަރެން ކާރު ޕާކްކޮށްފަ އެބަ އަންނަން." މުރާދު މީރާ އާ ދިމާއަށް ބަލާލަމުން ބުނެލިއެވެ. މީރާ ވެސް ހެދުމުގައި ހިފާލައިގެން މަޑުމަޑުން ކާރުން ފޭބި އެވެ. އަދި ވަށައިގެން ބަލާލި އެވެ. މުރާދު ވެސް ކުޑަ ގޮތަކަށް ބޭރު ބަލާލި އެވެ.
"މިއަންނަނީ ހަމަ އިރުކޮޅަކުން." މިހެން ބުނެފައި މުރާދު ކާރު ދުއްވާލި އެވެ. ތަފާތު ފަސިންޖަރުންތަކުން އެއަޕޯޓް ފުރިފައި އޮތެވެ. ނޫނެކެވެ. ހުސް ފަސިންޖަރުންނެއް ނޫނެވެ. ވަދާޢު ކުރަންދާ މީހުން ވެސް ލޯ ފުރާ ކަރުނަ އާ އެކު ތިއްބެވެ. މިއީ ހަގީގަތުގައި ވެސް އަސަރު ކުރުވާ މަންޒަރެކެވެ. މީރާ ދުރުގައި ތިބި ކަޕްލްއަކަށް ބަލަހަށްޓައިގެން ހުއްޓެވެ. އޭނާގެ ފިރިމީހާ އޭނާ ދޫކޮށްފައި އެއް އަހަރު ދުވަހަށް ޑުބާއީއަށް ދަނީ އެވެ. އެ މީހުން ވާހަކަ ދައްކަނީ ހިންދީ ބަހުން ކަމަށްވާތީ މީރާ އަށް އެ މީހުން ކިޔާ އެއްޗިހި އެނގުނެވެ.
"އަހަރެން ކަލާ މަތިން ވަރަށް ހަނދާންވާނެ." އެ އަންހެން މީހާ ފިރިހެން މީހާގެ މޭގައި ބޯ އަޅާލަމުން ބުނެލި އެވެ.
"ކަލޭ އަހަރެން މަތިން ހަނދާންވާ ކޮންމެ ފަހަރަކު ބޭރަށް ނިކުމެ އުޑުމަތި ބަލާ. ފެންނަ ކޮންމެ ދިމާލަކުން ކަލެއަށް ހިންހަމަޖެހުން ލިބޭނެ. ރޭގަނޑު އަހަރެން މަތިން ހަނދާންވާ ނަމަ ހަނދުވަރު ބަލާލާ. އަދި ދެ މީހުން ކުރި ވަޢުދުތަކާ ޢަހްދުތައް ހަނދާން ކޮށްލާ. ގައިމު ކަލާގެ އުދާސް ކަން ދުރުވާނެ. ސަޕްނާ އަހަރެން ވެސް ކަލާ މަތިން ހަނދާންވެ ރޮވޭނެ." އެ އަންހެން ކުއްޖާ އެވަގުތު އޭނާގެ އަޑުން ލަވަ ކިޔަން ފެށި އެވެ.
"ކުރިން ކާލާ ޝާމިލް ވެފައިވީ އަހަރެންގެ ހުވަފެންތަކުގަ އެވެ. އެކަމަކު ފަހުން ސީދާ ކަލާ އަހަރެންގެ ހިތުގެ މިލްކުވެރިޔާ އަށް ވިއެވެ. ބަލާށެވެ. އެ އުޑުމަތި ވެސް މިއަދު ކަލާ ދާތީ ވަނީ ބަނަވެފަ އެވެ. ހީވަނީ އަހަރެންނާ ބައިވެރި ވަނީހެންނެވެ. އޭ ލޯބިވެރިޔާ އެވެ. ދޫކޮށްފައި ނުދާށެވެ. އަހަރެންނަށް ކަލާންގެ ކުރިން ހަނދާން ވަނީ ކާލާގެ ނަމެވެ.
މިކަމުގައި ﷲ އަހަރެންނަށް މާފް ކުރަށްވާށިއެވެ. އަހަރެމެން އެކުގައި މިގޮތަށް ލަވަކިޔަމުން އެތަށް ބަގީޗާއެއްގައި ނެށީމެވެ. ހަނދާން ނައްތާ ނުލާށެވެ." ސަޕްނާގެ ލަވައިގެ މިހި ސާބަށް ދިޔަތަނާ މުރާދު ވެސް އައިސް މީރާ ކާރީ ހުއްޓިލި އެވެ. އަދި ދެ މީހުން ދެ މީހުނަށް ހަތަރު ކަޅި ހަމަކޮށް ލެވުނެވެ.
އެވަގުތު އެ ދެ މީހުންނަށް ހީވީ ލަވަ ކިޔަމުން ދަނީ ސަޕްނާ އާއޮ އޭނާގެ ފިރިމީހާ ނޫން ހެންނެވެ. އަދި ޙުދު މުރާދު އާއި މީރާ ހެނެވެ. ދެ މީހުންނަށް ދެ މީހުންގެ އަތުގައި ހިފާލެވުނެވެ. އަދި ލަަވައިގައި ބައިވެރި ވެވުނެވެ.
މިއީ މީރާގެ ހިޔާލީ ދުނިޔޭގަ އެވެ. މުރާދުގެ މޭގައި ބޯ އަޅައިގެން މުޅި ތަނުގައި އޭނާ ކޮކާލެއްހެން އެނބުރުނެވެ. ލަވަ ކިޔަމުންނެވެ. ވަށައިގެން ތިބި މީހުން ތައުރީފް ކޮށްފައި އަތްތިލަ ބަޑި ތަޅައިގަތް އަޑަށް މީރާ ސިހިފައި ހިޔާލީ ދުނިޔެއިން އެނބުރި އަ އެވެ. އަދި ވަށައިގެން ހޯދާލި އެވެ.
އޭނާގެ ކާރީ މުރާދެއް ނެތެވެ. އޭނާ ހިނިތުންވެލާފައި ބޮލުގައި އަމިއްލަ އަތުން ޖަހާލި އެވެ. ހީވީ މީރާ އޭ ހޭލާށޭ ބުނިހެންނެވެ. އޭރު ފްލައިޓް ޖައްސައިގެން މުރާދު މަންމަމެން ނުފެނިގެން ވަށައިގެން ހޯދަނީ އެވެ. އެއް ފަރާތުން މުސްކުޅި ވަރެއްގެ ފިރިހެނަކާއި ދެވަން ފުރައިގެ އަންހެނަކާއި ވަރަށް ރީތި އަންހެން ކުއްޖަކު މިހިރަ އަންނަނީ އެވެ.
މުރާދު ހަލުއި ހިނގުމެއްގައި ގޮސް އެ މީހުންނާ ސަލާން ކުރި އެވެ. އެ ވަގުތު މީރާ އަށް މިއީ މުރާދުގެ އާއިލާކަން ދެނެގަންނާކަށް މާ އުދަނގުލެއް ނުވި އެވެ. މާދުރުގައި ހުރި ރީތި އަންހެން ކުއްޖަކު އައިސް މުރާދު އާ ކައިރިވެލި އެވެ. އެ ވަގުތު ސާރާ އާއި ހުސްނާ އަދި ކަރީމު ހައިރާންވެގެން އެކަކު އަނެކަކަށް ބަލާލި އެވެ. މީރާވެސް ގަތް ލަދުން އިސް ޖަހާލި އެވެ.
"މިއީ ކޮން ކުއްޖެއް؟" ހުސްނާ އެން މެފަހުން އަހާލި އެވެ.
"މަންމާ…މިއީ…މިއީ…މަންމަމެންނާ ބައްދަލު ކުރަން އައި އަޅުގަނޑުގެ ރައްޓިހި ކުއްޖެއް. މީރާ" މުރާދު ވަރަށް އުނދަގުލުން ބުނާ ކަހަކަލަ ގޮތަކަށް މަންމަމެންނަށް ކިޔައި ދިނެވެ.
(ނުނިމޭ)