އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ރައީސް ސޯލިހު ރިޔާސީ ކެމްޕެއިން ދަތުރުފުޅެއްގައި ބ. ތުޅާދޫގައި ވިދާޅުވީ އެމަނިކުފާން ވެރިކަމަށް ވަޑައިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށްދެއްވާނެކަމަށެވެ.
ރާއްޖޭގެ އެތެރޭގެ އުދުހުންތައް ކުރަނީ ގައުމީ އެއާލައިން މޯލްޑިވިއަންއިންނެވެ. މޯލްޑިވިއަންއިން ރާއްޖޭގެ އެކި ކަންކޮޅަށް ދަތުރު ކުރާއިރު ޓިކެޓު ވިއްކާ އަގަކީ އިންތިހާއަށް ބޮޑު އަގެވެ. އަދި ހާއްސަކޮށް ބޭރު މީހުންނަށް މޯލްޑިވިއަންއިން ޓިކެޓު ވިއްކަނީ ދިވެހިންނަށް ވުރެ ބޮޑުތަން ބޮޑު ކޮށެވެ. މިއީ ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ގަވާއިދާއިވެސް މުޅިން ހިލާފަށް ކުރާ ކަމެކެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް މި އުސޫލު އޮތީ މިގޮތަށެވެ.
މޯލްޑިވިއަންއިން ޓިކެޓު ގަނެ ދިވެހިން ދަތުރު ކުރަނީ އިތުރު ގޮތެެއް ނެތިގެންނެވެ. އަމިއްލަ އެއާލައިނެއްގެ ގޮތުގައި ހިންގާ ފްލަިއމީއަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރު ކުރުމުގެ ހުއްދަ ސަރުޖކާރުން ނުދީ އޮތުމުގެ ސަބަބުން އެއާލައިނަށް އޮތީ ހިންދެމޭ ގޮތަށް ނޫނެވެ.
ރާއްޖޭގެ ވެރިކަމަށް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބުވެ ސަރުކާރު ހިންގަން ފެށުމާއި އެކު 12 ޑިސެމްބަރ 2018 ގައި ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ މީޑިޔާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރަން ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ. މިނިސްޓަރުގެ އެވާހަކަފުޅު ވެގެން ދިޔައީ ރާއްޖޭގެ ގިނަ ބަޔަކު ހެއްވާލި ވާހަކަ އަކަށެވެ.
އެހެން ނަމަވެސް މިނިސްޓަރު ނަހުލާ ވިދާޅުވި ދެ ދުވަސް ފާއިތުވެގެން ދިޔައިރުވެސް ޓިކެޓްގެ އަގު ހެޔޮ ނުކުރެވުނެވެ. އަދި އެންމެ ކުޑަމިނުން ހެޔޮކުރަން ނިންމާ އަގު ވެސް އިއުލާނެއް ނުކުރެވުނެވެ.
އެ މައްސަލައިގައި ފާޑުކިޔުންތައް ގިނަވުމާއި އެކު އެންމެ ފަހުން މިނިސްޓަރު ނަހުލާ ވަނީ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމުގެ ބަހުސް އިން ސަލާމަތްވާ ފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ. ނަހުލާ ވިދާޅުވި ގޮތުގައި، މިނިސްޓްރީން ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.
އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރުމުގެ ވާހަކަ ޓްރާންސްޕޯޓު މިނިސްޓްރީން ވިދާޅުވުމާއި ގުޅިގެން މޯލްޑިވިއަން އިން ވަނީ ޓިކެޓު އަގު ހެޔޮ ކުރެވިދާނެކަމަށް ބުނެފައެވެ. ނަމަވެސް ޓިކެޓު އަގު ހެޔޮވާނެ އަދަދަކާއި އެކަން ކުރާނެ ތާރީހެއް މޯލްޑިވިއަން އަދި ޓްރާންސްޕޯޓު މިނިސްޓްރީއަށްވެސް އަދި މިހާތަނަށް ބުނެނުދެވެއެވެ.
އެތެރޭގެ އުދުހުންތަކުގެ ވައުދާއި އެކު ސަރުކާރަށް ފާޑު ކިއުން މިހާރު ވަނީ އަމާޒުވާން ފަށާފައެވެ. ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ހިއްސާ ކޮށްފައިވާ ހިޔާލުތަކަށް ބަލާއިރު ސަރުކާރުން ޓިކެޓު ތަކުގެ އަގު ކުޑަކުރުމުގެ ބަދަލުގައި ވާދަވެރި ވިޔަފާރިއަކަށް ފުރުސްތު ހުޅުވާލުމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
މޯލްޑިވިއަން އާއި އެކު ފްލައިމީ އަދި ދާދި ފަހުން އެތެރޭގެ އުދުހުންތަކަށް ހުއްދަދިން މަންތާ އެއާ އާއި އެކު ޓިކެޓުގެ އަގު ކުޑަކުރެވިގެންދާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.
އަނެއްކޮޅުން ބައެއް ފަރާތްތަކުން ބުނެފައިވަނީ މޯލްޑިވިއަންގެ އަގު ކުޑަކޮށްގެންވެސް އެއާލައިން ގެއްލުން ނުވެ ހިންގިދާނެކަމަށެވެ. މިކަމަށް ސަރުކާރުން ބާރުއަޅަން ޖެހޭ ކަމަށް އެފަރާތްތަކުން ބުނެއެވެ. ކޮންމެއަކަސް 2018 ވަނަ އަހަރާްއި އަލްވަދާއު ކިޔާއިރު އަދިވެސް އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަ ނުކުރެވެއެވެ. އަދި ކުރެވޭނެ ދުވަހެއްވެސް ސަރުކާރަކަށް ބުނެނުދެވެއެވެ.