އައްޑޫ ސިޓީގެ އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުން މަދިރީގެ އުނދަގޫ ބޮޑުވެގެން އެކަމާއި ކަންބޮޑުވުން ފާޅުކުރަމުން ގެންދާއިރު ވެސް އައްޑޫ ސިޓީ ކައުންސިލުން އެކަން ހައްލުކުރުމަށް މަސައްކަތް ނުކުރާ މައްސަލަ ބޮޑުވެއްޖެއެވެ.
އައްޑޫގެ އަވަށްތަކުގައި މަދިރީގެ އުނދަގޫ ބޮޑުވުމުގެ ޝަކުވާ ރައްޔިތުން އަބަދުވެސް ދަނީ ކުރަމުންނެވެ. މި ދުވަސްކޮޅު އެ ޝަކުވާތައް އިތުރުވެފައި މިވަނީ ފާއިތުވި ޑިސެމްބަރު މަހު ކުރި ވިއްސާރައަށް ފަހު މަދިރީގެ އުނދަގޫ އިތުރަށް ބޮޑުވުމުންނެވެ.
މީގެ ކުރިން މިނިސްޓްރީ އޮފް ހައުސިންގެ ޒިންމާއެއްގެ ގޮތުގައި އޮތަސް ރައީސް ސޯލިޙް ވެރިކަމަށް ވަޑައިގެން އައްޑޫގައި ޕެސްޓް ކޮންޓްރޯލް ކުރުމުގެ ކަންތައް ވަނީ ކައުންސިލާއި ހަވާލުކޮށްފައެވެ.
އެހެން ނަމަވެސް މިއަދާއި ހަމައަށް ކައުންސިލުން އައްޑޫގައި ޕެސްޓް ކޮންޓްރޯލް ކުރުމާއި ބެހޭގޮތުން އެއްވެސް މަސައްކަތެއް ފަށާފައެއް ނުވެއެވެ. އަދި އެކަމާއި ބެހޭގޮތުން ކައުންސިލްގެ އެއްވެސް ބައްދަލުވުމެއްގައި މަޝްވަރާކުރި ކަމެއް ވެސް ނޭނގެއެވެ.
'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ކައުންސިލްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މަދިރީގެ މައްސަލަ އާއްމު ފަރާތްތަކުން ކައުންސިލްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި އެކަމާއި ވަރަށް އަވަހަށް ކައުންސިލުން މަސައްކަތް ފަށާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މަދިރީގެ އުނދަގޫ ބޮޑުވެގެން ޓްވިޓަރ އާއި ފޭސްބުކްގައި އައްޑޫގެ އާއްމުން ގެންދަނީ ތަފާތު ޝުޢޫރުތައް ފާޅުކުރަމުންނެވެ. އެގޮތުން އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވުމަށް ވެސް އޮތް ހުރަހެއް ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.
އައްޑޫގައި މަދިރި މަދުކުރުމަށް ކައުންސިލުން އެއްވެސް ކަމެއް ކޮށްފައި ނުވާއިރު މާލޭ ސިޓީ ކައުންސިލުން ގެންދަނީ މާލޭގައި މަދިރި މަދުރުކުރުމަށް ފޮގްކުރަން ފަށާފައެވެ.