އިނގިރޭސި ޕްރިމިއާ ލީގުގައި ރަށުންބޭރުގައި މިދިޔަ ހަފްތާގައި ބްރައިޓަން ހޯވް އެންޑް އެލްބިއަން އާ ދެކޮޅަށް ކުޅެ 1-1 އިން އާސެނަލް އެއްވަރުވި މެޗުގައި އެޓީމުގެ ކޯޗު އުނާއި އެމެރީ ފައިން ޖެހި ފެން ފުޅިއެއް ގޮސް ބްރައިޓަންގެ ސަޕޯޓަރެއްގެ ގައިގަ ޖެހުމުން އެ މައްސަލަ ބެލުމަށްފަހު އިނގިރޭސި އެފްއޭ އިން ވަނީ 8000 ޕައުންޑުން އޭނާ ޖޫރިމަނާކޮށްފައެވެ.
މެޗު ނިމުމާ އެކު ބްރައިޓަންގެ ސަޕޯޓަރުގެ ކިބައިން އެމެރީ މައާފަށް އެދިފައިވާއިރު ބްރައިޓަން އާއި އާސެނަލް ކުޅުނު މެޗުގެ ރެފްރީ ރިޕޯޓުގައި އެ ވާހަކަތައް ހިމަނާފައެއްނުވެއެވެ. އެކަމަކު އިނގިރޭސި އެފްއޭ އިން އެ މައްސަލަ ބަލަން ނިންމީ މެޗުގެ ވީޑިއޯ ފުޓޭޖަށް ބެލުމަށްފަހުގައެވެ.
މިކަމާ ބެހޭގޮތުން، އިނގިރޭސި އެފްއޭގެ ސްޕޯކްސްޕާސަން ބުނީ އެމެރީ އަށް ދިން އަދަބު އޭނާ ގަބޫލުކޮށްފައިވާކަމަށެވެ.
ބްރައިޓަން އާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެމެރީ ވަނީ އެކަމާ ބެހޭގޮތުން ވާހަކަ ދައްކައިފައެވެ. އެގޮތުން، އޭނާ ވަނީ އެކަމަށް މައާފަށް އެދުމުން އެ ވާހަކަތައް ދެން އިތުރަށް ދައްކާން ނުޖެހޭނެ ކަމަށް އުއްމީދުކުރާކަމަށެވެ.
"އެ ފުޅިން އެހާ ބާރަށް ނޫން ވިޔަސް އެ ސަޕޯޓަރެއް ގައިގައި ޖެހުނު. އަހަރެން މެޗު ނިމުމާ އެކު ގޮސް މައާފަށް އެދުނިން. އެއީ އަހަރެން ގަސްދުގައި ކުރިކަމެއް ނޫން ވިޔަސް. އަހަރެންގެ އަތުން ވެގެންވާނެ ކަމެއް ނޫން އެއީ. އަހަރެން ދެކެނީ މި ވާހަކަ ދެން ނުދައްކާނެ ކަމަށް،" އެމެރީ ބުންޏެވެ.
މީގެކުރިން، 2016 ވަނަ އަހަރުގައި ވެސްޓްހޭމް ޔުނައިޓެޑާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ލީގުގައި ކުޅުނު މެޗެއްގައި ފުޅިއަކު ފައިން ޖެހުމުން ޔުނައިޓެޑްގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ ބެންޗަށް ނާދެވޭ ގޮތަށް އެއް މެޗަށް ސަސްޕެންޑްކޮށްފައެވެ.
ލީގުގައި، އާސެނަލް ދެން ކުޅޭ މެޗުގައި މިރޭ ރާއްޖޭގަޑިން 20:00 ގައި އަމިއްލަ ދަނޑުގައި ނުކުންނާނީ ލީގުގެ ފުލުން ދެވަނައިގައި އޮތް ފުލަމް އާ ދެކޮޅަށެވެ.