އިނގިރޭސިން ގަމުން ފައިބައިގެން ދިޔައީ އެއާޕޯޓުގައި ހުރި ހުރިހާ ވަސީލަތެއް އައްޑޫ ރައްޔިތުންނަށް ދޫކޮށްލުމަށްފަހުއެވެ. އެހެނަސް އެ ވަސީލަތްތަކުގެ ފޮނިމީރުކަން އައްޑޫ ރައްޔިތުންނަށް ނުލިބި 50 ވަރަކަށް އަހަރުގެ ހިތި ތަޖުރިބާ އައްޑޫ ރައްޔިތުން ވަނީ ކޮށްފައެވެ.
އެއީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، އަލްމަރްހޫމް އިބްރާހިމް ނާސިރްގެ ވެރިކަމުގައި ގަން އެއާޕޯޓުގައި ހުރި ވަސީލަތްތައް މާލެއަށް ގެންދިއުމުންނެވެ. އެކަމެއް ހިނގާފައި ވަނީ އައްޑޫ ރައްޔިތުންގެ ތެރެއިން މަދު ބައެއްގެ އެހީތެރިކަމާއި އެކުގައެވެ.
އިނގިރޭސިން ގަމުން ފޭބުމަށް ފަހު ދިވެހި ސަރުކާރުން ބޭނުންވެގެން ގަމުގައި ހުރި ވަސީލަތްތައް އޮޑި ދޯނުފަހަރުގައި މާލެއަށް ޖަމާކުރެވުނު ހިސާބުން ގަން އެއާޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް އޮތީ 2000 ވަނަ އަހަރާއި ހަމައަށް މަޑު ޖެހިފައެވެ.
ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި 2000 ވަނަ އަހަރުގެ ކުރީކޮޅު ގަން އެއާޕޯޓްގެ އާ ޓާމިނަލް އެޅުމުގެ މަޝްރޫއެއް ފެށިއެވެ. އެ މަޝްރޫޢު ކުރިއަށް ގެންދިޔައީ ގަމުން ރާއްޖެ އިން ބޭރަށް ދަތުރުކުރެވޭނެ ކަމުގެ ހުވަގެން ދައްކަމުންނެވެ. އެހެން ނަމަވެސް އެ މަޝްރޫޢު ނިމުނުއިރު އައްޑޫ ރައްޔިތުންނަށް ލިބުނީ "ގަން އިންޓަނޭޝަނަލް އެއާޕޯޓް"ގެ ނަން ބޯޑެކެވެ.
އިންޓަނޭޝަނަލް ނަން ބޯޑު އަޅުވައި ކުލަގަދަ ރަސްމިއްޔާތެއް ބޭއްވި ނަމަވެސް، އެއާޕޯޓުގެ ރަންވޭ ކުޑަވެގެން ބައިނަލްއަގުވާމީ ބޮޑެތި އެއާލައިންތަކުން ގަމަށް ސީދާ ދަތުރުތައް ނުފެށީއެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ލިމިޓެޑް އުފެއްދުން
ގަން އެއާޕޯޓު ތަރައްޤީ ކުރުމަށް ޒަމާނުއްސުރެ ދިވެހި ސަރުކާރަށް އޮތް ހުރަހެއް ކަމުގައިވީ ފައިސާ ހޯދާނެ ގޮތެއް ނެތުމެވެ. ރައީސް މައުމޫންގެ ސަރުކާރުގައި ވެސް ދެއްކީ ތަފާތު އެކި ބަހަނާތަކެވެ. ލޯނު "ނުލިބޭ" ވާހަކަ އާއި ފައިސާގެ "ތަނަވަސްކަމެއް" ނެތް ވާހަކައެވެ.
ދިވެހި ސަރުކާރުތަކަށް "ފައިސާ ނުލިބިގެން" ގަން އެއާޕޯޓު ތަރައްޤީ ނުކުރެވިފައި އޮތް މައްސަލަ އަށް އެންމެ ފުރަތަމަ އެދެވޭ ހައްލެއް ގެނައުމުގެ މަސައްކަތް ފެށީ އެމްޑީޕީގެ ވެރިކަމުގައެވެ. އެގޮތުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުނި އުފައްދަވައި އެއާޕޯޓު ތަރައްޤީ ކުރުމަށް ކުންފުންޏެއް އުފެއްދިއެވެ.
އަދި އެ ކުންފުނީގެ ހިއްސާގެ 30 އިންސައްތަ ކާސާ ހޮލްޑިން އަށް އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އާއި އެސްޓީއޯ އަށް ވެސް 10 އިންސައްތަ ހިއްސާ ވިއްކާލިއެވެ. އޭއައިއޭގެ %50 ހިއްސާ ވަނީ ދިވެހި ސަރުކާރުންނެވެ.
ހިއްސާ ވިއްކައިގެން ގެނައި ބަދަލާއި އެކު އޭއައިއޭ އިން ހިންދެމިލައި އެއާޕޯޓު ތަރައްޤީ ކުރުމަށް ލޯނު ހޯދިއެވެ. 50 ވަރަކަށް އަހަރުވަންދެން ރާއްޖޭގައި ވެރިކަން ކުރި ސަރުކާރުތަކަށް ނުކުރެވެނު ކަން ކުރިއެވެ.
ލޯނު ހަމަޖެހުމަށްފަހު އޭއައިއޭ އިން އެކުލަވާލީ، ގަން އެއާޕޯޓް 3 ފިޔަވައްސަކަށް ބަހާލައިގެން ތަރައްޤީ ކުރަން ނިންމާފައިވާ ގޮތުގެ ޕްލޭނެކެވެ. ކުރިމަތިވަމުންދާ އެކި ގޮންޖެހުންތަކާއި އެކު ވެސް މިއަދާއި ހަމައަށް ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ މަސައްކަތް އޭއައޭ އިން ވަނީ އެއްކޮށް ނިމިފައެވެ. އޭއާއިއޭ އިން މިހާރު ފޯކަސް ކުރަމުން ދަނީ 3 ވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށެވެ.
ރަންވޭ ދިގުކުރުމުގެ ބިޔަ މަޝްރޫޢު
ދެ ފިޔަވައްސަކަށް ބަހާލައިގެން އޭއައިއޭގެ ފަރާތުން ގަމުގެ ރަންވޭ ބޮޑުކުރުމުގެ ބިޔަ މަޝްރޫޢުގެ މަސައްކަތް ފެށީ 2013 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. 549 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރާ ގޮތަށް ގަން އެއާޕޯޓު ތަރައްޤީ ކުރަން އޭއައިއޭ އިން ފެށީ އައްޑޫގެ އިތުރުން ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް އުއްމީދު ގެނެސްދެމުންނެވެ.
- އެއާޕޯޓުގެ ރަންވޭގެ ހުޅަނގު ފަރާތުން 1 މިލިއަން ކިއުބިކް މީޓަރު ބިން ހިއްކުން
- ރަންވޭގެ އިރުމަތީ ފަރާތުން ސާޅީސް ހާސް ކިއުބިކް މީޓަރުގެ ބިން ހިއްކުން
- ރަންވޭގެ ހުޅަނގު ފަރާތުގައި 1600 މީޓަރަށް ރިވެޓްމަންޓް ޖެހުމާއި 925 މީޓަރު ދިގު ޖިއޯޓިއުބް ޕްރޮޓެކްޝަން ގާއިމްކުރުން
- ރަންވޭގެ އިރުމަތީ ފަރާތުގައި 625 މީޓަރަށް ރިވެޓްމަންޓް ޖެހުން
ގަން އެއާޕޯޓް ތަރައްޤީ ކުރުމުގެ ފުރަތަމަ ފިޔަވަހި ނިންމާލި އިރު، ކުރިނއެ އެއާޕޯޓުގައި އޮތް 2،650 މީޓަރުގެ ރަންވޭ ވަނީ 3،400 މީޓަރަށް ދިގު ކޮށްލައިފައެވެ. މީގެ އިތުރުން ރަންވޭގެ ދެކޮޅަށް 7.5 މީޓަރު އިތުރުކުރި އިރު ފުޅާމިން ވަނީ 60 މީޓަރަށް ދަމާލާފައެވެ.
ގަން އެއާޕޯޓުގެ ރަންވޭގެ މަސައްކަތް ނިންމާލުމަށްފަހު ދެއަތް އުރާލައިގެން ތިބުމުގެ ބަދަލުގައި އޭއައިއޭ އިން އަވަސްވެގަތީ ގަމަށް ބޭރުގެ އެއާލައިންތައް އޮޕަރޭޓް ކުރަން ފެށުމަށެވެ. ރަންވޭގެ މަސައްކަތް ނިންމައި މާގިނަ ދުވަހެއް ނުވެ އެ ލަނޑުދަނޑިއަށް ވެސް އޭއައިއޭ އިން ވަނީ ވާސިލްވެފައެވެ.
އެގޮތުން 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އަވަށްޓެރި ސްރީލަންކާގެ ޤައުމީ އެއާލައިންގެ ޝެޑިއުލް ދަތުރުތައް ގަމަށް ފެށުމާއި އެކު "އެތައް ލައްކަ" ދުވަހެއް ވަންދެން އައްޑޫ ރައްޔިތުން ދެކެމުން އައި ހުވަފެން ވަނީ ހަގީގަތަކަށް ވެގެން ގޮސްފައެވެ.
ބައިގަރުނު ކުރިން ވެސް ދުށް ހުވަފެން ހަގީގަތަކަށް ވުމުން އައްޑޫ ރައްޔިތުން އުފަލުން ފޮޅިފައި ތިބިއިރު އެމީހުންގެ އުއްމީދަކީ ގަން އެއާޕޯޓު އިތުރަށް އަދިވެސް ތަރައްޤީ ވުމެވެ. ގަން އެއާޕޯޓުން އައްޑޫ އާއި ދުނިޔޭގެ ބޮޑެތި ސިޓީތައް ގުޅުވާލެވުމެވެ.އޭއައިއޭގެ ވިސްނުމަކީ ވެސް އެއީއެވެ.
ގަން އެއާޕޯޓް ތަރައްޤީ ކުރުމުގެ 3 ވަނަ ފިޔަވަހީގައި އޭއައިއޭ އިން 154 މިލިއަން ރުފިޔާ ޚަރަދު ކުރާއިރު އެންމެ ބޮޑު އިސްކަމެއް ދޭނީ އެއާޓްރެފިކް އިކުއިޕްމަންޓް ހޯޑުމަށާއި ގްރައުންޑް ހޭންޑްލިން ޚިދުމަތްތައް ތަރައްޤީ ކުރުމަށެވެ.
އޭއައިއޭގެ އަމާޒު ހުރީ އެންމެ އެއާލައިނެއްގެ ދަތުރު ގަމަށް ފަށައިގެން އެއާޕޯޓު ހިންގާކަށް ނޫނެވެ. އޭގެ ހެއްކަކީ، ގަން އެއާޕޯޓަށް ފުރަތަމަ ބައިނަލްއަޤްވާމީ އެއާލައިން އޮޕަރޭޓް ކުރަން ފެށިތާ 2 އަހަރު ތެރޭގައި ސައުތް އެފްރިކަން އެއާލައިންސްގެ ދަތުރުތައް ގަމަށް ފެށުމެވެ.
ސައުތްއެފްރިކަން އެއާލައިންގެ ދަތުރުތައް ގަމަށް ފެށުމަށް ފަހު މިހާރު އޭއައިއޭގެ ވިސްނުން ހުރީ ދުނިޔޭގެ އެންމެ ބާރުބޮޑު އެއާޕޯޓުތައް ކަމަށްވާ ލަންޑަނުގެ ހީތްރޯ އެއާޕޯޓް، ހޮންކޮންގް އެއާޕޯޓުގެ އިތުރުން އޮސްޓްރޭލިއާގެ ޕާތް އިން ގަމަށް ދަތުރުތައް ފެށުމަށެވެ.
އެ އަމާޒަށް ވާސިލްވެވިއްޖެ ނަމަ އައްޑޫގެ އިތުރުން ރާއްޖޭގެ ދެކުނުގެ ފަތުރުވެރިކަމަށް އިތުރު ދޮރުތަކެއް ހުޅުވިގެންދާނެއެވެ. އަދި ޚާއްސަ ގޮތެއްގައި އައްޑޫގެ ފަތުރުވެރިކަމަށް އޮތް އެންމެ ބޮޑު ހުރަސް ކަމުގައިވާ ރާއްޖޭގެ ޑޮމެސްޓިކް އެއާލައިންތަކުން ނަގާ ބޮޑު އަގުގެ މައްސަލަ އަށް ވެސް ހައްލެއް ލިބޭނެއެވެ.
ފަސްތަރީގެ އެއާޕޯޓް ހޮޓަލެއް އަޅާނެ އެއާލައިންތަކަށް ކޭޓަރިން ޚިދުމަތް ދޭން ފަށާނެ
ހޮންކޮންގް، ލަންޑަން އަދި ޕާތް އިން ގަމަށް ސީދާ ދަތުރުތައް ފެށުމުގެ ވިސްނުން އޭއައިއޭ އިން ގެންގުޅެމުން އަންނައިރު އެކަމަށް މަގުފަހިކުރުމަށް ގަމުގައި ފަސްތަރީގެ ހޮޓަލެއް ހެދުމަށް ވަނީ ނިންމާފައެވެ. އޭއައިއޭ އިން މީގެ ކުރިން ހާމަކޮށްފައިވާ ގަމުގައި ހަދަން ނިންމާފައިވާ ފަސްތަރީގެ ހޮޓެލްގެ ޓޮފެގްރެފިކް ސާވޭ ނިމި ކޮންސެޕްޓް ޕްލޭނާއި ފައިނޭންޝަލް ފީޒިބިލިޓީ ވެސް ވަނީ ނިމިފައެވެ.
ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހަދާ މި ހޮޓަލަކީ 300 އެނދުގެ ހޮޓަލެކެވެ. އޭއައިއޭ އިން ބުނެފައިވާ ގޮތުގައި އެ ހޮޓަލުގައި ހިމެނެނީ 30 މޫދު ކޮޓަރި އާއި 60 ބީޗް ވިލާ އާއި 30 ކޮޓަރީގެ ދެ ގެސްޓްރޫމް ކޮމްޕްލެކްސް އެވެ. މީގެ އިތުރުން 100 މީޓަރުގެ ސްވިމިން ޕޫލަކާއި ރެސްޓޯރަންޓާއި ބާ އާއި ރޫފް ޓޮޕް ފިޓްނެސް ސެންޓަރަކާއި ސްޕާއަކާއި 200-300 ދެމެދުގެ ކެޕޭސިޓީގެ ކޮންފަރެންސް ސެންޓަރެއް ވެސް ހޮޓެލްގައި ހިމެނެއެވެ.
އޭއައިއޭ އިން ބުނެފައިވާ ގޮތުގައި އެއާޕޯޓް ހޮޓެލް ވުޖޫދަށް އަންނަ ހިސާބުން ބައިނަލްއަޤްވާމީ އެއާލައިންތަކަށް އިންފްލައިޓް ކެޓަރިންގެ ހިދުމަތް ދޭން ފަށާނެ ކަމަށެވެ.
ގަން އެއާޕޯޓު ތަރައްޤީ ކުރުމަށް އޭއައިއޭ އިން ގެންގުޅޭ ތަސައްވުރަށް އައްޑޫ އަދި ދެކުނުގެ ރައްޔިތުންގެ އިތުބާރު ކުންފުނީގެ ޅަފަތުގައި ވަނީ ހޯދާފައެވެ. އޭއައިއޭ އާއި އެކު ގަމަށް ބައިނަލްއަޤްވާމީ ދަތުރުތައް ފެށިފަހުން، އައްޑޫގެ ފަތުރުވެރިކަމާއި ވިޔަފާރިތަކަށް ވެސް ވަނީ ކުރިއެރުންތައް ލިބިފައެވެ.
ގަން އެއާޕޯޓުގެ ތަރައްޤީއަށް އޭއައިއޭ އިން ކުރާ މަސައްކަތް ކާމިޔާބު ވަމުން ދިއުމުން އުއްމީދު ގެނުވަނީ ހަމައެކަނި އައްޑޫއަކަށް ނޫނެވެ. ގަން އެއާޕޯޓުގެ ތަރައްޤީ އާއި އެކު ދެކުނުގެ ރައްޔިތުން މިއަދު ކުރަމުން ދަނީ އިޤްތިސާދީ ގޮތުން ރާއްޖޭގެ ދެކުނަށް ވެސް ކުރިއެރުންތަކެއް ޙާސިލްކުރެވިދާނެ ކަމުގެ ފޮނި އުއްމީދެވެ.