ދާދި ދެންމެ އަކު އިކުއިޓޭރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ބޭއްވި ރަސްމިއްޔާތެއްގައި އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ސޯދިޤް (ސޯބެ) "އައްޑޫ ލައިވް" ވެބްސައިޓް ލޯންޗް ކޮށްދެއްވައިފިއެވެ.
މި ވެބްސައިޓް ލޯންޗު ކުރެވިގެން މި ދިޔައީ ސިޓީ ކައުންސިލުންނާއި، މަދަނީ ބައެއް ޖަމިއްޔާތަކާއި ގުޅިގެން ކުރިޔަށް ގެންދާ "އައި ހޭވް އަ ޑްރީމް" ހަރަކާތުގެ ތެރެއިންނެވެ.
ސައިޓް ރަސްމީކޮށް ލޯންޗް ކޮށްދެއްވުމަށް ފަހު މޭޔަރު ވަނީ އައްޑޫ ގެ ރައްޔިތުންނަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް މީލާދީ އާ އަހަރުގެ ތަހްނީޔާ ދަންނަވާފަ އެވެ.
ސޯބެ ވިދަޅުވީ މި ފަދަ ފުރުސަތެއް ދެއްވީތީ "އައްޑޫ ލައިވް" ގެ ޓީމް މެމްބަރުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ޒިއްމާދާރުކަމާ އެކު ނޫސް ހިންގުމަށް އިލްތިމާސް ކުރެއްވި އެވެ.
އައްޑޫގެ ހަބަރުތަކަށް ހާއްސަކޮށްގެން ހިންގާ "އައްޑޫ ލައިވް" ރަސްމީކޮށް ލޯންޗްކޮށް ދެއްވި ކަމަށްޓަކައި "އައްޑޫ ލައިވް" ޓީމް ގެ ފަރާތުން މޭޔަރަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރާމެވެ."
އާ އަހަރުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް އައްޑޫގެ އެންމެހާ ރައްޔިތުންނަށް "އައްޑޫ ލައިވް" ޓީމްގެ ފަރާތުން ވެސް ކިޔަމެވެ. އަދި ސައިޓަށް ކިޔުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ވެސް އުންމީދު ކުރަމެވެ.