ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ދެ ރަށެއްގައި ފެންބޮޑުވެއްޖެ އެވެ.
ދެކުނުގެ އަތޮޅު ތަކަށް ރެއިން ފެށިގެން ވަނީ ޔެލޯ އެލާޓް ނެރެފައެވެ. ރޭ ދަންވަރުން ފެށިގެން ވެހެމުންދާ ވާރޭގައި ފެންބޮޑުވެފައި ވަނީ ގދ. ވާދޫ އާއި ތިނަދޫގަ އެވެ. ތިނަދޫގެ މަގުތަކުގައި ފެން ބޮޑުވެފައިވާތީ، އެ ރަށުގެ ދެ ސަރަހައްދެއްގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ތިނަދޫ ފަޔަރ ސްޓޭޝަނުން ދަނީ ކުރަމުންނެވެ.
ވާދޫއަށް ބޯކޮށް ވާރޭވެހި އެރަށުގެ ބައެއް ގެތަކަށް ވަނީ ފެންވަދެފައެވެ. ފަރުނީޗަރަށާއި ގޭތެރޭގައި ގެންގުޅޭ ބައެއް ތަކެއްޗަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގާ ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ލަފާކުރާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަކީ އެދެވިގެންވާ ކަމެކެވެ.