ރާއްޖެ އަކީ ކުދި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވިފައިވާ ރީތި ހިތްގައިމު ތަނެކެވެ. އުތުރުން ދެކުނަށް އިންޑިއާ ކަނޑުގައި ފެތުރިފައި އޮތް މިރާއްޖޭގެ ވެރިކަމުގެ ބާރުތައް ޒަމާނުއްސުރެ ފުނިޖެހިފައި އޮތީ ވެރިރަށް މާލެ އަށެވެ. ބާރުތަކުގެ ބެހެނިވެރިންނަކީ އަބަދުވެސް މާލޭގެ އިއްޒަތްތެރީންނެވެ.
ވެރިކަމުގެ ނިޒާމުގެ ތެރެއިން ކުރަންޖެހޭ ކޮންމެ ކަމެއްވެސް ކުރެވެން އޭރު އޮތީ މާލެ ގޮސްގެންނެވެ. ނުވަތަ މާލޭގައި ތިއްބަވާ ވެރިން އަންގަވާ ގޮތަކަށް މެނުވީ އެކަމެެއް ކުރެވޭނެ ގޮތެއް ނެތެވެ.
މިހެންއޮތުމުގެ ނަތީޖާއަކަށްވީ އަތޮޅުތެރޭގައި ދިރިއުޅުނު ދިވެހީންނަށް ނުލިބި ގެއްލިފައިވާ ހައްޤުތައް ގިނަވުމެވެ. މާލެ އަށްވުރެ އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުން ގިނަ ނޫން ޒަމާނެއް ރާއްޖޭގެ ތާރީޚުގައި އައިސް ދިޔަ ހެނެއް ހީނުވެއެވެ.
ނަމަވެސް އަތޮޅުތެރޭގައި ލިބެން ހުރި ވަސީލަތްތަކާއި ހިދުމަތްތަކަކީ އަބަދުވެސް މާލެއާ އަޅާކިޔާއިރު މަދު މިންވަރެކެވެ. މިކަންކަމަކީ ވަރަށްވެސް ނިކަމެތި ހާލަތެއްގައި ހުރި ކަމެއްކަން އެތަނުގައި ދިރިއުޅޭ އެންމެން ދެނެތިބޭނެއެވެ.
2008 ވަނަ އަހަރު އަމަލު ކުރެވެންފެށި ޤާނޫނުއަސާސީ އާއެކު އަތޮޅުތެރޭ ރައްޔިތުންނަށް އުންމީދު އާކޮށްދިނެވެ. ސަބަބަކީ އަލަށް އަމަލުކުރެވެންފެށި ނިޒާމަކީ ހިދުމަތާ ވެރިކަމުގެ ނިޒާމުގައިވެސް ރައްޔިތުންގެ ބައިވެރިވުން ބޮޑު ނިޒާމަކަށްވުމެވެ.
މިގޮތުން ރަށްރަށާއި އަތޮޅުތެރޭގެ އިދާރީކަންކަން ބަލަހައްޓައި ހިންގަން ރަށްފުށުގެ އިހުސާސް އެނގޭ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އުފެދުނެވެ. އަދި އެންމެ މުހިންމު އެއްކަމަކަށް ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރަމުން އައިގޮތަށް ބަދަލުތަކެއް ގެނެވުނެވެ. އާ ޤާނޫނުއަސާސީ އިން ގެނައި ބަދަލުތަކުގެ ތެރެއިން އެންމެ ޝައުގުވެރި ބަދަލަކަށް ފެނިގެންދިޔައީވެސް މިބަދަލެވެ.
ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލު ކުރުމަށް އާބާދީގެ ނިސްބަތުން މެމްބަރުން އިތުރުވާގޮތަށް ބަދަލުގެނެވުނީ ސަބަބުތަކެއް ހުރެގެންނެވެ. ކުރިން ކޮންމެ އަތޮޅަކަށް ދެ މެމްބަރުން މަޖިލީހުގައި ތިބި ތިބުން ނުރަނގަޅު ތަޖުރިބާއަކަށް ބަލައިގެންނެވެ.
އޭރު ގިނަފަހަރު އަތޮޅުތައް ތަމްސީލު ކުރެއްވީ މާލޭގައި ދިރިއުޅުއްވާ ބޭފުޅުންނެވެ. ބައިވެރިވުންބޮޑު ބަދަލެއް ގެނައުމަށް ހާއްސަ ކަމެއް ދިނުމުގެ އެއް ސަބަބަކީވެސް މިއީއެވެ. ރަށްފުށުގެ އޮޔާވައި ރަނގަޅަށް އެނގިތިބި ބަޔަކު އެރަށްތަކުގެ ހައްޤުގައި ވަކާލާތުލުރުމަށް ފުރުސަތު ދިނުމެވެ. އެއްވެސް ހާލެއްގައި މަޖިލީހުގައި ތިބި މަހުޖަނުން ގިނަކުރާކަށެއްނޫނެވެ. ނޫނީ ތިމާ ތަމްސީލުކުރާ ތަނާ އެއްވެސް ގުޅުމެއް ނެތި ސިޔާސީ މައިދާނުން ޖާގަ ހޯދުމުގެ ބޭނުމަށް އިންތިހާބުވާ މެމްބަރުން ގިނަކުރާކަށެއްވެސް ނޫނެވެ.
ރަށްފުށުގެ ކަންކަން ރަނގަޅުކޮށްދިނުމަށް އެންމެ ކުރީސަފުގައި ހަރަކާތްތެރިވާން ޖެހޭ އެކަކީ އެ ރަށެއް ނުވަތަ ދާއިރާއެއް ތަމްސީލުކުރާ މަޖިލިސް މެމްބަރެވެ. އެހެން ކަމުން އެ މެމްބަރަކީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު ފެނިފަ ގެއްލޭ ތަރިއަކަށް ހެދުމުން ލިބޭނެ ކުރިއެރުމެއް ނޯންނާނެއެވެ.
ރަށުގެ ވެއްޓާ، ރަށުގެ ސަގަފަތާ ބީރައްޓެހި މާލޭ ބޭފުޅުންނަކަށް ރަށުގެ އިހުސާސްތައް ނުކުރެވޭނެކަމީ ދެބަސްވެވޭނެ ކަމެއް ނޫނެވެ. އަދި އެތަނަށް ވާ މޮޅަކުން އެމީހަކަށް ލިބޭނެ މޮޅެއް ނެތެވެ. އެތަނަަށް ލިބޭ ދެރައަކުން ގެއްލޭނެ އެއްޗެއްވެސް ނޯންނާނެއެވެ. އެފަދަ މީހުން ބަލާނީ އިންތިހާބާ ދިމާކޮށް ހަދިޔާ ބަހާލައިގެން ނިންމާލުމަށެވެ.
ރައްޔިތުންގެ މަޖިލީސް މިހާރު އޮތް ގޮތަކީ ރަށު މީދާ ރަށަށް ގަދަކުރަން ރޭވިގޮތެވެ. މެމްބަރުންނަކީ ދާއިރާގެ އޮޔާއި ވައި ރަނގަޅަށް ދަންނަ މެމްބަރުންނަށް ހެދުމަށް ގެނައި ބަދަލެކެވެ. އެއްވެސް ހާލެއްގައި އެތަނަށް އެއްވާ މީހުންގެ ތެރެއިން އެންމެ އަޑުގަދަ މީހުން ބަލަން ނުވަތަ ޢަދަދު ގިނަކުރުމުގެ ބޭނުމުގައި ގެނައި ބަދަލެއް ނޫނެވެ.
ދާއިރާތަކަށް ރައްޔިތުންގެ އިހްސާސް ނުދަންނަ މާލޭގައި ދިރިއުޅޭ މެމްބަރުން އިންތިހާބު ކުރުމުން ރައްޔިތުންނަށް ލިބުނު ނިކަމެތިކަން ފާއިތުވި ދުުވަސްތަކުން ގިނަ ރައްޔިތުންނަށް ތަޖްރިބާ ކުރެވޭނެއެވެ. އެފަދަ މެމްބަރުން މާލޭގައި މުސާރަ ނަންގަވައިގެން އުފަލުގައި ދައުުރު ހޭދަކުރައްވާއިރު ރައްޔިތުންގެ ހާލު ބަލާލެވެނީ އަނެއް ފަހަރު އިންތިހާބު ބޯމަތިވުމުންނެވެ. ފައިސާއަށް މަޖްލިސް ގޮޑި ގަނެލައިގެން ރައްޔިތުންނަށް ދޭ ޖަވާބަކީ، ގޮޑި އަކީ އެމީހުން ގަނެފައިވާ ގޮޑިއެއް ކަމަށާއި، ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަމެއް ނޯންނާނެކަމަށެވެ.
މިއީ މިއަދު އަތޮޅުތެރޭ ރައްޔިތުން ފުންކޮށް ވިސްނައި ނިންމުން ނިންމަން ޖެހޭ މައްސަލައެކެވެ. ދާއިރާ ތަމްސީލު ކުރުމަށް ދާއިރާގެ އިހްސާސް ދަންނަ މީހަކު ބެހެއްޓުން މުހިއްމެވެ.