މެންޗެސްޓާ ޔުނައިޓެޑް ކުޅޭ ކޮންމެ މެޗަކުންވެސް މޮޅުވެވޭނެ ކަމަށް ގަބޫލުކުރާކަމުގައި އެ ޓީމުގެ ކޯޗުކަމާއި ވަގުތީގޮތުން ހަވާލުވެހުރި އޮލެ ގުނަ ސޯލްޝެއާ ބުނެފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ބުދަ ދުވަހުގެ ރޭ ރަށުން ބޭރުގައި ނިއުކާސަލް އަތުން 2-0 އިން ޔުނައިޓެޑް މޮޅުވުމުން ސޯލްޝެއާ ވެފައިވަނީ އެ ކްލަބުގެ ތާރީޚުގައި އާ ކޯޗުގެ ގޮތުގައި ފުރަތަމަ ހަތަރު މެޗުން މޮޅެއް ހޯދި ދެވަނަ ކޯޗަށެވެ. މި ރެކޯޑް ދެން އޮތީ 1946 ވަނަ އަހަރު އެ ޓީމަށް ކޯޗުކޮށްދިން ސަރ މެޓްސް ބަޒްބީ އަތުގައެވެ.
"މިވަރުގެ ކްލަބަކަށް އައުމުން ކޮންމެ މެޗަކުންވެސް މޮޅުވާން ބޭނުންވާނެ." ސޯލްޝެއާ ބުންޏެވެ.
"ހަތަރު މެޗުން މޮޅުވުމުން ދެން ކުރިއަށް އޮތް މެޗުންވެސް މޮޅުވުމަށް ބޭނުންވާނެ. އެއްވެސް މެޗަކަށް ނިކުތުމުގެ ކުރީން އަހަރެން ނުދެކެން އެއީ ބަލިވެދާނެ މެޗެއްގެ ގޮތުގައި. އަހަރެންނަށް ވިސްނޭގޮތުގައި ކޮންމެ މެޗަކުންވެސް އަހަރެމެންނަށް މޮޅުވެވޭނެ."
ޔުނައިޓެޑްގެ ކޯޗުކަމުން ހޯސޭ މޮރީނިއޯ ވަކިކުރުމަށްފަހު އުމުރުން 45 އަހަރުގެ ސޯލްޝެއާ އާ ވަގުތީގޮތުން އެ ކްލަބުގެ ކޯޗުގެ މަގާމް ހަވާލުކުރީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގައެވެ.
ޔުނައިޓެޑް ކޯޗުކަމާއި ސޯލްޝެއާ ހަވާލުވީ އޭނާގެ ކުރީގެ ކްލަބު މޯލްޑޭ އިން ދޫކުރުމުންނެވެ. ހަބަރުތައް ލިބޭ ގޮތުގައި ނޯވޭގެ ކްލަބުން އޭނާ އެނބުރި މެނޭޖަރުގެ މަގާމަށް އަދި އަންނާނެކަމަށް ގަބޫލުކުރެއެވެ.
ނަމަވެސް، ކުރީން ޔުނައިޓެޑަށް ކުޅުނު އިތުބާރު ފޯވާޑް ސޯލްޝެއާ ވަނީ ކައިރި މުސްތަގުބަލެއްގައިވެސް ކްލަބު ދޫކޮށްލަން ގަސްދު ނުކުރާކަމަށް ބުނެފައެވެ.
"އަހަރެންނާއި ކޯޗުކަމުގެ މަގާމް ހަވާލުވީ ވަގުތީގޮތުން ކަމަށްވާއިރު ދާއިމީ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށް ކްލަބުން ބުނި. އެހެނަސް މި މަގާމުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ފަހު އިތުރަށް މި މަގާމުގައި ދެމިހުންނަން ބޭނުންވޭ. ކްލަބުން ދާއިމީ ކޯޗެއްގެ ގޮތުގައި އަހަރެން ނުވަތަ އެހެން ފަރާތެއް ކަނޑައެޅިނަމަވެސް އެކަމަށް މަރުހަބާ ކިޔާނަން." މީޑިއާ އަށް މިއަދު ދިން އިންޓަވިއުގައި އޭނާ ބުންޏެވެ.
އެފްއޭކަޕްގައި އަންނަ ހޮނިހިރު ދުވަހު ރެޑިން އާ ދެކޮޅަށް އޯލްޑް ޓްރެފޯޑްގައި ކުޅޭ މެޗަށްފަހު ޔުނައިޓެޑުން ވަނީ ތަމްރީން ދަތުރަކަށް ދުބާއީ އަށް ދާން ހަމަޖެހިފައެވެ. ނަމަވެސް، މިއީ ޗުއްޓި ހޭދަކުރަން ދާ ދަތުރެއް ނޫންކަމަށް ސޯލްޝެއާ ވަނީ ކުޅުންތެރިންނަށް ހަނދާންކޮށްދީފައެވެ.