(މެއި 25، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
"މީރާ. މިއީ އަހަރެންގެ މަންމަ. މިއީ އަހަރެންގެ އަންހެން ކޮއްކޮ ސާރާ. މިއީ އަހަރެންގެ ބައްޕަ. ކާރު ނަގައިގެން އެބަ އަންނަން."
މީރާ ވެސް އެމީހުންނާ ސަލާންކޮށްލި އެވެ. ދައްކާނެ މާ ގިނަ ވާހަކަ ނެތުމާ އެކު އެ މީހުން ތިބީ ކާރު އަންނަންދެން ވެސް ހިމޭނުންނެވެ. އެކަކު އަނެކަކަށް ބަލާލާފަައި ހީލަ އެވެ.
ނަސީބެކެވެ. މުރާދު އަވަހަށް އައިސްފި އެވެ. މުރާދު ކާރުން ފައިބާފައި މަންމަމެންގެ ސާމާނު ކާރުގެ ފަހަތް ހުޅުވާލާފައި އަރުވާފައި ދޮރު ލައްޕާލި އެވެ. އަދި ފަހަތު ދޮރު ހުޅުވާލާފައި މަންމަމެން ކާރަށް އަރަން އިޝާރާތް ކުރި އެވެ.
"މަންމަމެން އިށީންނަވާ މިތާ ޓްރެފިކްތެރޭ މާ ގިނަ އިރަކު ކާރު ނުބޭއްވޭނެ." މުރާދު މިހެން ބުނަމުން ކާރުގެ ވައަތް ފަރާތު ދޮރު މީރާ އިށީންނަން ހުޅުވާލަ ދިނެވެ. މީރާ މަޑުމަޑުން އައިސް މުރާދު ކައިރީ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. މުރާދު ކާރު ދުއްވާލުމާ އެކު ދެބަފައިން ވިޔަފާރީގެ ވާހަކަ ފެށި އެވެ.
އަންހެންވެރިން މާ ގަޔާވާ ވާހަކައަކަށް ނުވިއެއްކަމަކު އަޑު އަހާލައިގެން ތިއްބެވެ. ސާރާ ވެސް ބައެއް ފަހަރު ބައިވެރި ވެލަ އެވެ. ފުރަތަމަ ފަހަރަށް މުރާދު އާ ބެހޭ ގޮތުން މީރާ ފަހުރުވެރި ވިއެ ވެ. ދެން ދެކެވުނީ ސާރާ ފަށަން އުޅޭ ކޮންމެވެސް މަސައްކަތެއްގެ ވާހަކަ އެވެ. އެހާ ހިސާބުން ގެއަށް އާދެވުނެވެ.
"މީރާ…މަންމަމެންނަށް ކޮޓަރި ދައްކާލާ. އަހަރެން ސާމާނުތަށް ހިފައިގެން އެބަ އަންނަން." މުރާދު މިހެން ބުނުމުން މީރާ އަވަހަށް ކާރުން ފޭބި އެވެ.
"މަންމާ. ދުރުވޭ." ފުރަތަމަ ފަހަރަށް މީރާގެ މިއުޒިކީ އަޑު އިވިގެން ދިޔައެވެ. މުރާދު ފަހުރުވެރި ނަޒަރަކުން މަންމަމެންނަށް ބަލާލި އެވެ. ހިވީ އެއްޗެކޭ ބުނިހެންނެވެ.
މީރާގެ އަޑު ވެސް އޭނާގެ ރީތިކަމާ އެއް ވަރަށް ނަލަ އެެވެ. ހުސްނާ މެން ބޯ ޖަހާލަމުން މީރާގެ ފަހަތުން ހިނގައިގަތެވެ.
"ދަރިފުޅު ވެސް އުޅެނީ މި ގޭގަތަ؟" ހުސްނާ މީރާ އާ ސުވާލު ކުރި އެވެ.
"ލައްބަ." މީރާ ޖެހިލުން ވެ ހުރެ ޖަވާބު ދިނެވެ. ހުރިހާ މީހުން ކޮޓަރިތައް ބަލާލާފައި ސިޓިން ރޫމްގައި އިށީނެވެ. އެވަގުތު މިސިޒް ޕީޓަ އެތެރެއަށް އައުމުން މީރާ އެ މީހުންނަށް މިސިޒް ޕީޓަ ތައާރަފްކޮށްލަ ދިނެވެ. އެވަގުތު މުރާދު މިސްޓަ ޕީޓާ އާ އެކު ސާމާނު ހިފައިގެން އައުމުން އެއީ ކާކުކަން ވެސް މީރާ އެ މީހުނަށް ބުނެދިނެވެ. މުރާދު އައިސް އެ މީހުން ކައިރީ އިށީނުމާ އެކު މީރާ ދިޔައީ ބަދިގެ ފަރާތަށެވެ.
"ދަރިފުޅާ…މީރާއަކީ އަނެއްކާ ދަރިފުޅުގެ ވާން އުޅޭ އަނބިމީހާތަ؟" ހުސްނާ ސިއްރުން ކަހަލަ ގޮތަކަށް ސުވާލު ކުރި އެވެ.
"މަންމާ…މީހުންނާ އިންނާނެ ނަސީބު އަހަރެންނަށް ލިބިގެން ނުވޭ. އެހެން ނޫނަސް އެއީ މި ރަށުގައި ކިޔަވަން ހުންނަ ކުއްޖެެއް. ދިމާވި ދަތިތަކާ ހުރެ ދުވަސްކޮޅަކަށް މި ގެއަށް ބަދަލު ވީ." މުރާދު މަންމަމެންނަށް މީރާ އާ ބެހޭގޮ ތުން ކުޑަކޮށް ކިޔައި ދިނެވެ.
އޭނާގެ ގެވެހިކަމަށް ތައުރީފް ކުރި އެވެ. އޭނާގެ ކެއްކުމާ ބެހޭ ގޮތުން ވަރަށް ވާހަކަ ދެއްކި އެވެ. ބަގީޗާ ބެލެހެއްޓުމުގައި އޭނާ ގެންގުޅޭ އާދަ އާއި މުރާލި ގޮތާ މެދު ފަށްފަށްކޮށް ވާހަކަ ދައްކަމުން މަންމަމެންނަށް ގޭގެ ބަގީޗާ ދެއްކި އެވެ. ވާހަކަ ދައްކަމުން ބޭރަށް ނިކުމެވުނު އިރެއް ވެސް އެ މީހުނަކަށް ނޭގުނެވެ.
މީރާގެ ހުރިހާ ވާހަކަ އެއްވެސް ވީ އެމީހުންނަށް ކަމުދާ ވާހަކައަކަށެވެ. އެންމެ ބޮޑަށް އުފާވީ ހުސްނާ އެވެ. މުރާދު ގެ ދުލުން ނާހިދާ ފިޔަވައި އެހެން ކުއްޖަކަށް އެއްވެސް ވަރެއްގެ ތަޢުރީފެއް އަޑު އިވުމަކީ މިއަދު އޭނާ ޤަބޫލް ކުރާ ގޮތުގައި މުޢުޖިޒާތެކެވެ. މުރާދު އެ ވަގުތު ކާ އެއްޗިހި ތައްޔާރުވިތޯ ބަލާލަން އެތެރެ އަށް ދިޔަ އެވެ.
އޭރު ކާގެ ތެރެއިން ދުވާ މީރު ވަހުން ވެސް ބަނޑު ފުރި އަރާހާ ވެ އެވެ. މީރާ އުނަގަނޑުގައި ދޯޕައްޓާ ބަނދެލާއިގެން ވަރަށް ފަރުވާތެރިކަމާ އެކު އެއްޗެއް ކޮށަނީ އެވެ. އޭނާގެ ބޮލުގެ އިސްތަށިކޮޅެއް މޫނު މައްޗަށް ވެއްޓި އޭނާގެ ކޯތާފަތުގައި ސަމާސާކޮށްލަ ކޮށްލާ އޮތެވެ. ކޮށައި ނިމިގެން މީރާ އެނބުރިލި ވަގުތު މުރާދު ފެނިގެން ވަރަށް ސިހުނެވެ.
"ކާން ތައްޔާރުވި ވާހަކަ މަންމަމެންމަށް އަންގަލާދީ." މީރާ އެނބުރިލަމުން ބުނެލި އެވެ.
"އަހަރެން މި ދަނީ ކޮޓަރިއަށް. ހީވާ ގޮތުން މަންމަމެންވެސް އެވަނީ ކޮޓަރިއަށް. ކަމަނާ ގޮސް ބުނޭ." މުރާދު ހިނިތުން ވެލަމުން ބުނެލި އެވެ.
މީރާ އަތް ފޮހެލަމުން ކާ ގެއިން ނިކުތެވެ. އަދި އޭނާގެ ކޮޓަރިއަށް ދިޔަ އެވެ. އޭރު ސާރާ ކޮޓަރީގައި ފޯނުން ކޮންމެވެސް މީހަކާ ވާހަކަ ދައްކަނީ އެވެ. މީރާ މަޑުމަޑުން ދޮރު ލައްޕާލުމަށް ފަހު މަންމަމެންނަށް ތައްޔާރު ކޮށްފައި ވާ ކޮޓަރިއަށް ދިޔަ އެވެ. އެވަގުތު ކަރީމު އާއި ހުސްނާ ދޮރު ލައްޕާލަމުން ކޮޓަރިން ނިކުންނަނީ އެވެ.
"އަނހަ ދަރިފުޅާ އަހަރެމެން ހޯދަން ދޯތި އަންނަނީ ވެސް." ހުސްނާ ނުހަނު ލޯތްބާ އެކު މީރާގެ ބޮލުގައި ފިރުމާލި އެވެ.
ކަރީމު އެ ދެ މީހުންގެ ފަހަތުން ހިނގައިގަތެވެ. އެވަގުތު މުރާދު ވެސް ކޮޓަރި ހުޅުވާލާފައި ނިކުތީ އެވެ. ކުރު ސޯޓު ބުރިއެއް ލައިގެން ޓީޝާޓެއް ވައްޓާލަމުންނެވެ.
"ހަމަ ރަނގަޅު ގަޑިއެއްގަ ދޯ މިނިކުމެވުނީ. ކޮބާ ކޮއްކޮ؟"
(ނުނިމޭ)