Last Updated: November 25, 22:26
Tuesday, November 26, 2024
ކުޅިވަރު

ރެޑިން ބަލިކޮށް ޔުނައިޓެޑުން އެފްއޭކަޕްގެ ހަތަރުވަނަ ބުރަށް ދަތުރުކޮށްފި

ރެޑިން ކޮޅަށް ލަނޑުޖެހުމަށްފަހު ޔުނައިޓެޑްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

އިނގިރޭސި އެފްއޭކަޕްގެ ތިންވަނަ ބުރުގައި މިއަދު ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ރެޑިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން އެ މުބާރާތުގެ ހަތަރުވަނަ ބުރަށް ދަތުރުކޮށްފިއެވެ. މި މެޗުން ޔުނައިޓެޑް މޮޅުވީ 2-0 އިންނެވެ.

ޔުނައިޓެޑުން މި މެޗަށް ނިކުތީ ޕްރިމިއާ ލީގުގައި އެންމެ ފަހުން ރަށުންބޭރުގައި ނިއުކާސަލް އަތުން 2-0 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. ނިއުކާސަލް އާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން މި މެޗުގެ ފުރަތަމަ އެގާރައިން ޖާގަ ދީފައިވަނީ ފިލް ޖޯންސް އާއި ހުއާން މަޓާ އަށް އެކަންޏެވެ. އަނިޔާގެ ސަބަބުން ޕައުލް ޕޮގްބާ މި މެޗުގައި ނުކުޅޭއިރު އެ ޓީމުގެ ގޯލް ބެލެހެއްޓީ ސާޖިއޯ ރޮމޭރޯ އެވެ. މީގެއިތުރުން، އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރި އަލެކްސިސް ސަންޗޭޒް ވަނީ މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިފައެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ކުޅުނު މި މެޗުގައި އެ ޓީމުގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިގެންގޮސްފައިނުވާއިރު ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް އުފެއްދީ ވެސް އިނގިރޭސިވިލާތުގެ ދެވަނަ ޑިވިޝަނުގެ ފުލުން ދެވަނައިގައި އޮތް ރެޑިން އެވެ.

މި މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ފުރަތަމަ ލަނޑު، 22 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ހުއާން މަޓާ ކާމިޔާބުކޮށްދިންއިރު މި ހާފު ނިމުމުގެކުރީން ރޮމެލޫ ލުކާކޫ ވަނީ އެ ޓީމަށް ދެލަނޑުގެ ލީޑެއް ނަގައިދީފައެވެ.

ރެޑިން އާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ގެޓީ އިމޭޖަސް

މި ހާފުގައި ޔުނައިޓެޑްގެ ލީޑް ފުޅާކުރުމަށް ލުކާކޫ އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތްނުވިއިރު ރެޑިންގެ ކެލުމް ހެރިއަޓް އާއި އެންޑީ ޔިއަޑޮމް އަށް ވަނީ ލަނޑުޖެހުމަށް ރަނގަޅު ދެ ފުރުޞަތުލިބި ބޭކާރުވެފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅު، ރެޑިންގެ ކުޅުންތެރިން ވަނީ ޔުނައިޓެޑްގެ ޑިފެންސަށް އިތުރަށް ބާރު ބޮޑުކޮށްފައެވެ. އެގޮތުން، އެ ޓީމުގެ ޖޯން ސްވިފްޓް އާއި ހެރިއަޓް ފޮނުވާލި ހަމަލާތައް ޔުނައިޓެޑްގެ ގޯލްކީޕަރު ރޮމޭރޯ މަތަކުރިއިރު ޔުނައިޓެޑްގެ މަޓާ ފޮނުވާލި ބޯޅަ ރެޑިންގެ ކުޅުންތެރިން ވަނީ ދިފާއުކޮށްފައެވެ.

އޭގެފަހުން، ޔުނައިޓެޑްގެ ލީޑް ފުޅާކުރުމަށް މަރުއާން ފެލައިނީ އާއި އަންދްރެއަސް ޕެރޭރާ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. މި ދެ ކުޅުންތެރިން ފޮނުވާލި ދެ ހަމަލާ ވެސް ރެޑިންގެ ގޯލްކީޕަރު އަންސީ ޖާކޮލާ މަތަކުރިއިރު ރެޑިންގެ ސޯނޭ އަލޫކޯ ފޮނުވާލި ހަމަލާއިގެ ހުރަހަކަށްވީ ޔުނައިޓެޑްގެ ކީޕަރު ރޮމޭރޯ އެވެ.

މި މުބާރާތުގައި މިއަދު ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ބޯންމައުތު އަތުން 3-1 އިން ބްރައިޓަން ހޯވް އެންޑް އެލްބިއަން މޮޅުވިއިރު ވެސްޓްހޭމް ޔުނައިޓެޑް ވަނީ 2-0 އިން ބާމިންހަމް ސިޓީ ބަލިކޮށްފައެވެ.