Last Updated: November 25, 22:26
Tuesday, November 26, 2024
ކުޅިވަރު

ރޮތަހަމް ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލުމަށްފަހު ސިޓީ ހަތަރުވަނަ ބުރަށް

ރޮތަހަމް ޔުނައިޓެޑް ކޮޅަށް ލަނޑުޖެހުމަށްފަހު މެންޗެސްޓާ ސިޓީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

އިނގިރޭސި އެފްއޭކަޕްގެ ތިންވަނަ ބުރުގައި މިރޭ ކުޅުނު މެޗުގައި ދެވަނަ ޑިވިޝަނުގެ ކްލަބެއްކަމަށްވާ ރޮތަހަމް ޔުނައިޓެޑް ކޮޅަށް މެންޗެސްޓާ ސިޓީ އިން ލަނޑު ގޯންޏެއް އޮއްސާލައިފިއެވެ.

ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުން އެ ޓީމު މޮޅުވީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ހޯދި އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.

މިރޭގެ މެޗަށް ސިޓީގެ ކޯޗު ގާޑިއޯލާ ނެރެފައިވަނީ ވަރުގަދަ ޓީމެކެވެ. އެގޮތުން، ލީގުގައި އެ ޓީމު އެންމެ ފަހުން ލިވަޕޫލް އަތުން 2-1 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ތިން ކުޅުންތެރިންގެ އިތުރަށް ކެވިން ޑި ބްރައިނާ އާއި ރިޔާދް މާރޭޒް އަދި އިލްކާއި ގުންޑޮގަން ގެ އިތުރުން ގެބްރިއަލް ޖެސޫސް އާއި ނިކޮލަސް އޮޓަމެންޑީ އަށް ވަނީ ޖާގަ ދީފައެވެ.

މި މެޗުގައި ސިޓީން ކާމިޔާބުކުރި ފުރަތަމަ ލަނޑު، 12 ވަނަ މިނެޓުގައި ޖަހައިދިނީ ރަހީމް ސްޓާލިން އެވެ. މިއީ އެ ޓީމުގެ ޑި ބްރައިނާ ތަނަވަސްކުރި ފުރުޞަތަކުން ސްޓާލިން ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން، މެޗުގެ 43 ވަނަ މިނެޓުގައި ސިޓީގެ ދެވަނަ ލަނޑު، ގުންޑޮގަން ދިން ރީތި ބޯޅައަކުން ފިލް ފޯޑެން ކާމިޔާބުކޮށްދިންއިރު ރޮތަހަމްގެ ސެމީ އަޖޭޔީ އަތުން ބައިކޮޅަށް ވަން ގޯލަކުން ސިޓީން މި ހާފު ނިންމާލީ ތިން ލަނޑުގެ ލީޑަކާއެކުގައެވެ.

ރޮތަހަމް އާ ދެކޮޅަށް ސިޓީ ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ގެޓީ އިމޭޖަސް

ދެވަނަ ހާފު ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ސިޓީގެ ހަތަރުވަނަ ލަނޑު، ސްޓާލިން ދިން ބޯޅައަކުން ޖެސޫސް ޖަހައިދިންއިރު މެޗުގެ 73 ވަނަ މިނެޓުގައި އެ ޓީމުގެ ލީޑް އިތުރަށް ފުޅާކޮށްދިނީ މާރޭޒް އެވެ. މިލަނޑުޖެހުމަށް އެހީތެރިވެދިނީވެސް ގުންޑޮގަން އެވެ.

އޭގެ ފަސް މިނެޓުފަހުން، ސިޓީގެ ގުންޑޮގަން ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން އާޖެންޓީނާގެ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ ވަނީ މެޗުގެ ނަތީޖާ 6-0 އަށް ބަދަލުކޮށްލާފައެވެ.

މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް، ސިޓީގެ ފަހު ލަނޑު ޖަހައިދިނީ މި ހާފުގައި ކުޅެން ނިކުތް ލެރޯއީ ސާނޭ އެވެ. ޕެނަލްޓީއޭރިޔާބޭރުން ސާނޭ ފޮނުވާލި ބޯޅަ ގޯލްގެތެރެއަށް ވަނީ ކުރިމަތީގައި ހުރި ރޮތަހަމްގެ ކުޅުންތެރިއެއްގެ ގައިގަ ޖެހިފައެވެ.

ސިޓީ އަށް ދެން އޮތީ ލީގު ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އަންނަ ބުދަ ދުވަހުގެ ރޭ ބާޓަން އެލްބިއަން އާ ދެކޮޅަށް ކުޅޭ މެޗެވެ.