ޑަބްލިއު ކޮންސްޓްރަކްޝަނުން މަސައްކަތް ކުރަމުން ދިޔަ ސައިޓަކުން ވެއްޓުނު ސިމެންތި ބަސްތާއެއްގެ ދަަށުވެ، ފުރާނަ ގެއްލުނު ރަޝްވާން ޖިއާންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް އެ ކުންފުނީގެ ހިފަހައްޓާފައިވާ އިމާރާތް ކުރުމުގެ ހުއްދަތައް އަލުން ކުންފުންޏަށް ދީފިއެވެ.
ރަޝްވާން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މަރުވުމާ ގުޅިގެން ޑަބްލިއު ކޮންސްޓްރަކްޝަންގެ އިމާރާތް ކުރުމުގެ ހުރިހާ ހުއްދައެއް ވަގުތީ ގޮތުން ބާތިލުކުރިއެވެ. ނަމަވެސް މިދިޔަ މަހު ފަހުކޮޅު ހުއްދަތައް އަލުން ދީފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ 'މިހާރު" ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
ނަމަވެސް ސިމެންތި ބަސްތާ ވެއްޓުނު ސައިޓުގެ މަސައްކަތް ކުރުން އަދިވެސް ހުއްޓުވާފައި އޮތް ކަމަށާއި ސަބަބަކީ އެމައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް ދާތީ ކަމަށް އޮފިޝަލް ބުނެފައިވެއެވެ.
ޑަބްލިއު ކޮންސްޓްރަކްޝަނުން އެހާދިސާއާ ގުޅިގެން ބުނެފައިވަނީ އެކުންފުނިން މަސައްކަތް ކުރިއަށް ގެންދިޔައީ ގަވާއިދާއި އެއްގޮތަށް ހުއްދަ ނަގައިގެން ކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލުން ބުނެފައިވަނި ކުންފުނިން މަސައްކަތް ކުރަމުން ދިޔަ ސައިޓުގައި މަސައްކަތް ކުރަމުން ދިޔައީ އެހެން އިމާރާތެއްގެ މަސައްކަތް ކުރުމަށް ކުރިން ދީފައިވާ ހުއްދައެއްގެ ދަށުން ކަމަށެވެ.
މަގުގައި ހިނގާ މީހުން ހިނގުމަށް ހަދާފައިހުންނަ ޕޭވްމެންޓު މަތިން އުމުރުން އަށް އަހަރުގެ ތުއްތު ރަޝްވާން ހިނގާފައި ދަނިކޮށް ސިމެންތި ބަސްތާއެއް ވެއްޓި ލިބުނު އަނިޔާގައި ނިޔާވެފައިވާއިރު މަސައްކަތް ކުރަމުންދިޔަ ކުންފުންޏާ ދެކޮޅަށް ފިޔަވަޅެއް އެޅިފައެއް ނުވެއެވެ.