މިދިޔަ އަހަރު ތައިލެންޑްގެ ހޮހޮޅައެއްގައި ތާށިވި ބައެއް ކުދިންނާއި ޔޫތު މިނިސްޓަރ އަހްމަދު މަހުލޫފް އިއްޔެ ބައްދަލުކުރައްވައިފި އެވެ.
މަހުލޫފް ހޮހޮޅައިގައި ތާށިވި ކުދިންގެ ތެރެއިން ހަތަރު ކުދިންނާއި އިއްޔެ ބައްދަލުކުރައްވައި، އެކުދިންނާއެކު ނަގާފައިވާ ފޮޓޯއެއް ޓްވިޓާ މެދުވެރިކޮށް ހިއްސާކޮށްފަ އެވެ. މަހުލޫފް އެކުދިންނާއި ބައްދަލު ކުރެއްވީ މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ތައިލެންޑުގެ ހޮހޮޅައެއްގައި ތާށިވި 12 ކުދިންގެ ފުޓުބޯޅަ ޓީމާއި އެކުދިންގެ ކޯޗު ސަލާމަތް ކުރުމަށް އެޤައުމުގެ އަސްކަރިއްޔާއާއި ތަޖުރިބާކާރުން ހިންގި ކާމިޔާބު އޮޕަރޭޝަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ތައުރީފާއި މަރުހަބާ ކިޔާފައެވެ.
އެ އޮޕަރޭޝަން ކުރިއަށްދިޔަ ގޮތުގެ ވާހަކަ ދައްކުވައިދޭ ފިލްމެއްވެސް އުފެއްދުމަށް ދެ ކުންފުންޏަކުން ދަނީ މަސައްކަތް ކުރަމުންނެވެ.