Last Updated: November 22, 19:57
Friday, November 22, 2024
ރިޕޯޓް

ކުނި ކޮތަޅު އުކާލާ މީހާގެ މައުލޫމާތު ހާމަކުރެވޭ އިރު ޚިޔާނާތްތެރިންގެ މައުލޫމާތު ސިއްރު!

މާލޭގެ މަގަކަށް ކުނި އަޅާފައި - ފޮޓޯ: ޓްވިޓާ

ދިވެހިރާއްޖޭގެ ވެރިރަށް މާލޭގެ މަގުމައްޗަށް ކުނި އެޅުން ހުއްޓުވުމަށް ދާދި ފަހުން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީން (އީޕީއޭ) އިން ވަނީ ވަރަށް ތަފާތު މަސައްކަތެއް ފަށާފައެވެ. އެއީ މަގުމައްޗަށް ކުނި އަޅާ ފަރާތްތަކުގެ މައުލޫމާތު ހާމަކޮށް އެމީހުން ޖޫރިމަނާ ކުރުމެވެ.

ޤާނޫނީ ގޮތުން އީޕީއޭއަށް ލިބިފައިވާ ބާރުތަކާއި އެކު ފެށި މި މަސައްކަތަކީ މަގުމައްޗަށް ކުނިއެޅުން ހުއްޓުވުމަށް މުހިއްމު ކަމެކެވެ. އީޕީއޭގެ އަމާޒަކީ، މަގުމައްޗަށް ކުނި އަޅާ މީހުންގެ އާއްމުކޮށްގެން ނަމަވެސް އެ މައްސަލަ އަށް ހައްލު ހޯދުމެވެ.

އީޕީއޭގެ މަސައްކަތަކީ ދައުލަތުގެ އެހެން އިދާރާތަކަށް ނަމޫނާއެކެވެ. އެކަމަށް ސާބަސް ރައްދުކުރަން ޖެހެއެވެ.

މަގުމައްޗަށް ކުނިއުކާލާ މީހުން ލަދުގަންނަވާލައިގެން ނަމަވެސް އެކަން ހުއްޓުވުމަށް ސަރުކާރުގެ އިދާރާއެއްގެ އަމާޒު ހުރިއިރު ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވާ މީހުން ލަދުގަންނުވާލަން ސަރުކާރުން ފަސްޖެހެނީ ކީއްވެގެން ހެއްޔެވެ؟ އެކަމަށް ސަރުކާރާއި ދައުލަތުގެ އިދާރާތަކުން ޖެހިލުން ވަނީ ހެއްޔެވެ؟

ދިވެހިރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް ޚިޔާނާތް ކަމަށްވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތުގެ މައްސަލައެވެ.އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމުން ދައުލަތައް ލިބުނު 1.4 ބިލިއަަނަށް ވުރެ ގިނަ ރުފިޔާއަށް ވަނީ ޚިޔާނާތްތެރިވެފައެވެ.

އަދި އެ ޚިޔާނާތުގެ ފައިސާ 155 މީހެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް އޭސީސީ އިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އެ މައުލޫމާތު ހާމަކުރަން އޭސީސީން ދެކޮޅެވެ.

ރައްޔިތުންނަށް ފެންނަމުން ދަނީ އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާ ޖަމާކުރި އެކައުންޓްތަކުގެ މައުލޫމާތުތައް ހާމަކުރުމަށް ގޮވާލަން ސަރުކާރާއި ސިޔާސީ ފަރާތްތަކުން ވެސް ފަސްޖެހޭ މަންޒަރެވެ.

ކުނިކޮތަޅު އުކާލާ މީހާގެ މައުލޫމާތު ހާމަކޮށް އޭނާ ލަދުގަންނަވާލައިގެން އެކަން ހުއްޓުވާއިރު ރައްޔިތުންގެ ފައިސާ ބަނޑުއަޅައިގެން ތިބި 155 ޚިޔާނާތްތެރިންގެ މައުލޫމާތު ހާމަކޮށް އެމީހުން ލަދުގަންނަވާލަން ފަސްޖެހެންވީ ކީއްވެގެން ހެއްޔެވެ؟