ވޯލްޑް ބޭންކްގެ ރައީސް ޖިމް ޔޮންގ ކިމް، އޭނާގެ ދައުރު ހަމަވުމުގެ ތިން އަހަރު ކުރިން މަޤާމުން އިސްތިއުފާދެއްވައިފި އެވެ.
އުމުރުން 59 އަހަރުގެ ކިމް ވިދާޅުވާ ގޮތުގައި އިސްތިއުފާދެއްވުމަށްފަހު އޭނާ މަސައްކަތް ކުރައްވާނީ ފާމް އަކާއި ގުޅިވަޑައިގެން، ތަރައްޤީވަމުންދާ ޤައުމްތަކުގެ އުމްރާނީ ކުރިއެރުން އިތުރުކުރުމަށްޓަކައެވެ. މިކަމާއި ބެހޭ އިތުރު އެއްވެސް ތަފްސީލެއް ބޭންކުން ހާމަކޮށްފައެއް ނުވެއެވެ.
ހޯމަ ދުވަހު ނެރުއްވި ބަޔާނެއްގައި ކިމް ވިދާޅުވެފައި ވަނީ އެ ބޭންކްގެ ރައީސްގެ ގޮތުގައި ޚިދުމަތްކުރެއްވުމަށް ލިބިވަޑައިގަތް ފުރުސަތަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، ކުރިއަށްވުރެ މިހާރު އެ ބޭންކްގެ މުހިންމުކަން ބޮޑުވެފައިވާ ކަމަށެވެ.
ކިމް އިސްތިއުފާދެއްވުމާއެކު، އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެ މަޤާމާއި ހަވާލުވެވަޑައިގަންނަވާނީ ބޭންކްގެ ސީއީއޯ ކްރިސްޓަލީނާ ޖޯޖީވާ އެވެ.
ދެކުނު ކޮރެއާ އަށް އުފަން ކިމް އަކީ ފިޒީޝަނެއް އަދި އެންތްރޮޕްލޮޖިސްޓެއް ވެސް މެއެވެ. އޭނާ ވޯލްޑް ބޭންކްގެ ރައީސްކަމަށް ހޮވިވަޑައިގެންފައި ވަނީ 2012 ވަނަ އަހަރު އެވެ. އެއަށްފަހު 2017 ވަނަ އަހަރު އޭނާ ވަނީ އަނެއްކާވެސް ފަސް އަހަރުގެ ދައުރަކަށް ހޮވިވަޑައިގެންފަ އެވެ.
ވޯލްޑް ބޭންކާއި ގުޅިވަޑައިގަތުމުގެ ކުރިން ކިމް ވަނީ ޑާޓްމައުތު ކޮލެޖުގެ ރައީސްކަން ވެސް ކުރައްވާފަ އެވެ. އޭނާ އަކީ އައިވީ ލީގު ކޮލެޖެއްގެ ރައީސްކަން ކުރެއްވި ފުރަތަމަ އޭޝިއަން-އެމެރިކަން ނަސްލުގެ މީހާއެވެ.
މީގެ ކުރިން ކިމް ވަނީ ހަވާޑް ޔުނިވާސިޓީ އަދި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.