Last Updated: November 24, 20:29
Sunday, November 24, 2024

(މެއި 26، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

މިހެން ހަމަ މުރާދަށް ބުނެވުނު އިރު މީރާގެ ކޮޓަރިން ސާރާ ވެސް ކާން ދާން ނިކުތީ އެވެ. ހުރިހާ އެންމެން މިކަމާ ހުނެވެ.
ކާ ގެއަށް ގޮސް އެންމެން އިށީނެވެ. އަދި މީރާ އެންމެންނަށް ތަށިތަށް ކައިރިކޮށް ދޭން ފެށި އެވެ. އަދި ކާ އެއްޗިހި އަޅައި ދޭން ފެށި އެވެ.

ކޮންމެ މީހެއްގެ ދުލުގައި ވަނީ "ވާހްވާހް" މިހެންނެވެ. މުރާދު ފަހުރުވެރި އަދި ޝުކުރުވެރި ނަޒަރަކުން މީރާއަށް ބަލާލި އެވެ. އެންމެން ކެއުމުގެ ފަހުން ސިޓިން ރޫމަށް ދިޔަ އެވެ. މީރާ ވަނީ ކޮޓަރިއަށެވެ. ފިލާވަޅު ހަދަން ހުރުމާ އެކުގަ އެވެ.

ސާހިލް މާލެ އާދެވުމާ އެކު ހިތް އަވަސް ވި އެވެ. އޭނާގެ ގޭގައި ތިބީ ކޮން ބައެއްތޯ ބަލަން ބޭނުން ވި އެވެ. އެހެނަސް ބުނާނީ ކާކު ކައިރީ ހެއްޔެވެ؟ ސާރާ ކޮބާ ބާވަ އެވެ؟ ނަސީބުގެ އާ ބެހޭ ގޮތުން ސުވާލުކޮށްލަން ބޭނުން ވި އެވެ. ނަމަވެސް ލަދުވެތިކަމާއި ބިރުވެރިކަން މި ދެމެދަށް ހުރަސް އަޅާ އޭނާއަކަށް އެއިން އެއްވެސް ކަމެއް ކުރާކަށް ނުކެރުނެވެ.

"ސާހިލް އާދޭ." މިހެން ބުނަމުން ވިއާމާ ސާހިލްގެ އަތުގައި ހިފައިގެން މަގުގެ އެއް ފަރާތަކަށް ޖެހިލި އެެެވެ. އަދި ކާރެއް ހޯދާލުމަށް ފަހު ސާމާނު ކާރަށް އެރުވި އެވެ. މިކަމުގައި ފަޅުވެރި ކުދިންނާ ޑްރައިވަރުގެ އެހީ ލިބުނެވެ.

"ކޮންތާކަށް ދާންވީ؟" ކާރުގެ ޑުރައިވަރު ކާރަށް އަރައި ހަމަޖެހިލުމުން ކާރު ދުއްވާލަމުން ސުވާލު ކުރި އެވެ.

"ދާންވީ މާފަންނު ޗާނދު އަށް." ވިއާމާ މިހެން ބުނެލަމުން ޖެހިގެން އިން ސާހިލް އަށް ބަލާލި އެވެ. ސާހިލް ހަމަ ބޭރަށް ނަޒަރު ހުއްޓާލައިގެން އިނެވެ.

ހިނދުކޮޅެއްގެ ތެރޭ އެގެއަށް ދެވިއްޖެ އެވެ. ސާހިލް ކާރުން ފޭބިތަނާ ގިނަ އިރެއް ނުވެ ތަންކޮޅެއް މަތިން ދޫންޏެއް އުދުހިލާފައި ގޮވާލި އެވެ.

"ވިއާމާ…އެގޮވާލާފަ ދިޔައީ ފެހި ކުލައިގެ ބޮޑު ގުރައެއްތަ؟" ފުރަތަމަ ފަހަރަށް ސާހިލް ވާހަކަ ދެއްކި އެެވެ.

"އާނ…ސާހިލް. އެއީ ފެހި ކުލައިގެ ގުރައެއް. އެހެން ގުރާތަކާ ހިލާފަށް އޭތި ތަންކޮޅެއް ބޮޑު."

ސާހިލް ގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށި އެވެ. އާނއެކެވެ. އަހަރެންނަށް މި އާދެވުނީ އަހަރެން ކުރިން ވެސް އުޅުނު ހިސާބަށެވެ. މިއީ ކޮން ގެއެއް ބާވަ އެވެ؟

"މިހާރު އެ ދޫނި ކޮބާ؟" ސާހިލް ސުވާލު ކުރި އެވެ.

"މިގޭ ގަހުގެ ގޮފިގަނޑެއްގަ ޖައްސާލާފަ އެ ދިޔައީ. އެއީ ސާހިލް ދަންނަ ދޫންޏެއް ތަ؟ވިއާމާ ހައިރާންވެފައި ސުވާލު ކުރި އެވެ. އެކަމަކު ސާހިލް ޖަވާބެއް ނުދިނެވެ.

ސާހިލް ކޮޓަރި ތެރެއަށް ވަނެވެ. ވިއާމާގެ އެހީގަ އެވެ. އަދި ސާހިލް މަޑުމަޑުން އެނދުގައި އިށީނެވެ.

"ވިއާމާ. މި ކޮޓަރީގަ ބޭރަށް ހުޅުވޭ ކުޑަދޮރެއް އެބަހުރިތަ؟" ސާހިލް އަހާލި އެވެ.

"އާނ. ސާހިލް. ތި އިށީނދެގެން އިންތާ ބިއްދޮށުގައި ތިޔަ ހުރީ ބޭރަށް ހުޅުވޭ ކުޑަދޮރެއް." ވިއާމާ ކިޔާލަ ދިނެވެ. މި ނޫން ވެސް ކޮޓަރީގެ ބައެއް ކަންތައް ވިއާމާ ސާހިލް އަށް ކިޔައި ދިނެވެ. އަދި ވިއާމާ ދިޔައީ ބޭރަށެވެ. ސާހިލް އަށް މި ގެ އޭނާއަަށް އާ ގެއަކަށް ނުވި އެވެ.

ސަބަބަކީ އެ ގުރާ އެވެ. އެ ގުރައަކީ އޭނާގެ ކުޑައިރުގެ ރަހްމަތްތެރިޔާ އެވެ. އޭނާ އިންޑިޔާ އަށް ދިޔަ ފަހުން އެ ގުރާ ގެ އެއްވެސް ހަބަރެއް އޭނާއަށް ނުލިބެ އެވެ. އަދި ދިމާވި ގިނަ ގުނަ ކަންތަކުން އޭނާ ވެސް ވަނީ އެ ގުރާ މަތިން ގޮތަކަށް ހަނދާން ނެތިފަ އެވެ. އެެކަމަކު އެ ގުރާއަކީ އޭނާގެ ވަރަށް ގިނަ ސިއްރުތަކެއްގެ ބައިވެރިއެކެވެ. ސާރާ ކައިރިއަށް ދާ އިރު އޭނާ އާންމުކޮށް ދަނީ ގުރާ ގޮވައިގެންނެވެ.

އާދައިގެ މަތިން އެގޭގެ ގޮފިތަކުގައި ގުރާ އުދުހިފައި އުޅެ އެވެ. އަދި ސާހިލް ބޭރަށް ނިކުންނަ އިރަށް ފަހަތުން އަންނާނެ އެވެ. އަދި ސާހިލްގެ ކޮނޑުމަތީ ޖައްސާލާނެ އެވެ. ސާހިލް ހީނހީނފައި އޭނަގެ ވާހަކަ އެ ބަސް ނުމޮށެވޭ ގުރައަށް ކިޔައި ދެ އެވެ.
މިކަމުން ސާހިލް އަށް މީރު ކަމެއް ލިބެ އެވެ. ސާހިލް ކުރީގެ ހަނދާން ކުރަމުން އައިސް ލޮލުން ކަރުނަ ފާއްދާލި އެވެ.

އެވަގުތު އަނެއްކާ ވެސް އެއްކަލަ ގުރާގެ އަޑު ސާހިލް އަށް އިވުނެވެ. ސާހިލ ކުޑަ ދޮރުން ބޭރު ބަލާ ލިއެވެ. އަދި އޭތީގެ އަޑު އައި ދިމަ ފާހަގަކޮށް ބަލަމުން ދިޔަ އެވެ.

"ތަކުރު…ތަކުރު…" ސާހިލް މަޑުމަޑުން ގޮވާލި އެވެ. އައިނައި ތަނެއް ނޭނގި އެގުރާ ސާހިލް ބަލަހައްޓައިގެން އިން ކުޑަދޮރު ކައިރިއަށް ޖެހިލައިފި އެވެ. އަދި އޭގެ އަޑުން އޭތި އައިކަން ސާހިލް އަށް އަންގާލި އެވެ.

"ތަކުރާ…އާދޭ…މަގޭ އަތުގައި ކުރިން ވެސް ކަލޭ އިށީންނަ ފަދައިން އިށީދޭ." އެވަގުތު އޭތި ސާހިލް ދިއްކޮށްގެން އިން މުލަށްދަޑި މަތީ ރީތިކޮށް އިށީނެވެ. އަދި އަޑެއް ލެއްވި އެވެ. ސާހިލް ގުރާގެ ބޮލުގައި ނުހަނު ލޯބިން ފިރުމާލި އެވެ. އަދި ގުރައަށް ބޮސް ދިނެވެ.

"ތަކުރާ….ކަލޭ އަދިވެސް އަހަރެން މަތިން ހަނދާން އެބަހުރިދޯ؟ ކަލެއަށް އަހަރެން އައިކަން އެނގުނީ ކިހިނެއް؟ ކަލެ އާ އަހަރެން ހަވާލު ކުރި އަހަރެންގެ ސާރާ ކޮބާ؟" ސާހިލް މޮޔައަކު ފަދައިން ގުރަ އާ ވާހަކަ ދައްކަމުން ދިޔަ އެވެ. އިންތިހާ އަށް ލޯބިންނެވެ.

(ނުނިމޭ)