އަންނަ އާދީއްތާގައި މިއަހަރުގެ ދިރާސީ އާ އަހަރު ފެށިގެންދާއިރު ހުރިހާ ސްކޫލެއްގައި ވެސް އެ ދުވަހަށް ކިޔެވުން ފެށިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިއަދު މިނިސްޓަރ ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މިހާރު ހުރިހާ ސްކޫލެއް ވެސް އޮތީ އާ އަހަރަށް ތައްޔާރު ވެފައި ކަމަށެވެ. އެގޮތުން، ކޮންމެ ދިރާސީ އަހަރެއް ނިމުމަށް ފަހު ސްކޫލްތަކުގައި ބޭނުންކުރާ ޑެސްކާއި ގޮނޑި ފަދަ ތަކެތި މަރާމާތް ކުރުމާއި ކުލަލައި އާބާތުރަފިލުވުން މިހާރު ނިމިފައި ވާ ކަމަށެވެ.
އަދި ޓީޗަރުންވެސް އައްޔަން ކުރަން ޖެހޭ ސްކޫލްތަކަށް އައްޔަން ކުރެވި ނިމިފައިވާ ކަމަށާއި ބައެއް ސްކޫލްތަކުގެ ޓީޗަރުންގެ ޓްރާންސްޕޯޓް ކަންތައް ހަމަނުޖެހި ރާއްޖެ ނާދެވި ތިބި ބައެއް ޓީޗަރުން އެބަ ތިބި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކުދިންގެ ފޮތްތައް ކުރިންވެސް ހަމަޖެހިފައި އޮތް އުސޫލުން، ޖެނުއަރީ 13 ގައި ހުރިހާ ބެލެނިވެރިންނަށް ހުރިހާ ސްކޫލެއްގައި ދޫކުރެވިގެންދާނެ ކަމަށާއި، ފޮތްތައް ހަމަވެފައިވާ ކަމަށް ވެސް މިނިސްޓަރ އައިޝާ ވިދާޅުވިއެވެ. އަދި މިނިސްޓްރީން ފޯރުކޮށްދޭން ޖެހޭ ވަސީލަތްތައް ހުރިހާ ސްކޫލަކަށް ފޯރުކޮށްދެވިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ހުޅުމާލޭގައި އަލަށް ހުޅުވާ ހުރަވީ ސްކޫލުގެ މަސައްކަތް ވެސް ނިމި އާދީއްތަ ދުވަހު ހުޅުވިގެންދާނެ ކަމަށާއި އެ ސްކޫލުގައި ކިޔެވުން ފެށިގެންދާނީ މިސަރުކާރުގެ ސިޔާސަތުގެ ދަށުން އެއް ދަންފަޅިއަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހެނދުނުގެ ނާސްތާ ޕްރޮގްރާމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މި ޕްރޮގްރާމްގެ ޕައިލަޓް ޕްރޮގްރާމް 25 ސްކޫލުގައި އާދީއްތަ ދުވަހު ފެށިގެންދާނެ ކަމަށާއި މިއަދާ ހަމައަށް 22 ސްކޫލެއްގެ ހުރިހާ ކަމެއް ނިނިމިފައިވާ ކަމަށެވެ. އަދި ބާކީ 3 ސްކޫލުގައި ވެސް ނާސްތާ ޕްރޮގްރާމް އާދީއްތަ ދުވަހު ފެށޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ އަރުވާފައެވެ.