މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ޚިޔާނާތުގެ މައްސަލަ، ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަން އިން ތަޙުޤީޤުކުރަން ފަށައިފި އެވެ.
މިކަން ހާމަކޮށްފައި ވަނީ ދައުލަތުގެ ތެރޭގައި ހިންގި ޚިޔާނާތުގެ މައްސަލަތައް ބަލައި، ގެއްލުނު ފައިސާ އަނބުރާ ހޯދަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދި ރިޔާސީ ކޮމިޝަން އިން މިއަދު ކުރި ޓްވީޓެއްގަ އެވެ.
We are investigating the case of MMPRC. If you would like to forward any documents or info you may submit those to our office at Ghaazee Building, ground floor. Or email to info@pccar.gov.mv
— Presidential Comm on Corruption & Asset Recovery (@PComCAR) January 10, 2019
އެ ޓްވީޓްގައި އެ ކޮމިޝަން އިން ބުނެފައި ވަނީ އެމްއެމްޕީއާރްސީ މެދުވެރިވެގެން ހިންގި ކަމަށް ތުހުމަތު ކުރެވޭ ޚިޔާނާތުގެ މައްސަލަ ތަޙުޤީޤު ކުރަމުން ގެންދާ ކަމަށާއި، މި މައްސަލައިގެ ތަޙުޤީޤަށް ބޭނުން ހިފޭނޭ ލިޔެކިއުމާއި މައުލޫމާތު ހުރި ނަމަ، އެ ކޮމިޝަން އާއި ހިއްސާކުރެއްވުމަށް އެދޭ ކަމަށެވެ.
އެގޮތުން ޣާޒީ ބިލްޑިންގެ ގްރައުންޑް ފްލޯގައި ހުންނަ އެ ކޮމިޝަންގެ އިދާރާ އަށް ވަޑައިގެން ނުވަތަ އެ ކޮމިޝަންގެ އީމެއިލް އެޑްރެސް info@pccar.gov.mv އަށް އީމެއިލްކޮށްގެން ވެސް މަޢުލޫމާތު ހިއްސާކުރެއްވޭނެ ކަމަށް އެ ކޮމިޝަން އިން ބުނެއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތަކީ މިހާތަނަށް ރާއްޖޭގެ ތާރީޚުން ފެނުނު އެންމެ ބޮޑު ޚިޔާނާތެވެ.