ސިނަމާލެ ބްރިޖުން ދަތުރުކުރާއިރު ހެލްމެޓް އަޅަން މަޖުބޫރުކޮށް، ޓެކްސީތަކުގައި މީޓަރު ހަރުކުރަން ނިންމާފައިވާ ކަމަށް ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފިއެވެ.
މީޓަރު ހަރުކޮށްގެން އަގު ނެގުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމީ އާންމުންނަށް ހުޅުވާލި ސާވޭއަކަށް ރިއާޔަތް ކުރުމަށް ފަހުގައެވެ. މިއަދު މިނިސްޓަރ ބައިވެރިވެވަޑައިގެންނެވި ނޫސް ކޮންފަރެންސެއްގައި ވިދާޅުވީ ސާވޭގައި ބައިވެރިވި 10،000 ވަރަކަށް މީހުންގެ ތެރެއިން %60 މީހުން ޓެކްސީގައި މީޓަރު ހަރުކުރުމަށް ތާއީދުކޮށްފައިވާ ކަމަށެވެ.
މިނިސްޓަރ އައިޝާ ވިދާޅުވީ ޓެކްސީ ތަކުގައި މީޓަރު ހަރުކުރުމަށް ވަކި ދުވަހެއް ކަނޑައެޅިނުވާ ކަމަށެވެ. ނަމަވެސް އެކަމަށް ޓައިމްލައިނެއް ހަދައިގެން މަސައްކަތް މިނިސްޓްރީ ތެރެއިން ފެށިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކަންތައްތައް ކުރުމަށް ނިންމާފައިވަނީ ރައްޔިތުންނާ ވީހާވެސް ބޮޑަށް ގުޅިގެން ކަމަށާއި، އެހެންކަމުން މިކަން ވެސް ކޮށްފައިވަނީ ރައްޔިތުންގެ ޚިޔާލު ހޯދައިގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޚިދުމަތްދޭ ފަރާތުގެ ކަންބޮޑުވުންތަކާއި ދަތިތައް ވެސް މިނިސްޓްރީން އަހާނެ ކަމަށާއި އެ ކަންތައްތަކަށް ހައްލު ހޯދައިދިނުމަށް މިނިސްޓްރީންނާއި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މިއަހަރުގެ މާޗު 10 ވަނަ ދުވަހުން ފެށިގެން ސިނަމާލެ ބްރިޖުގައި ދެ ފުރޮޅުލީ އުޅަނދު ދުއްވޭނީ ހެލްމެޓް އަޅައިގެން ކަމަށް ނިންމައި އެކަން ވެސް ކުރަން ފެށުމަށް ހަމަޖެހިފައިވާކަން މިނިސްޓަރު މިބައްދަލުވުމުގައި އިއުލާން ކުރައްވާފައިވެއެވެ.
ދުނިޔޭގެ ސިއްހަތާ ބެހޭ މައި ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވެސް ވަރަށް ބޮޑަށް ދުއްވާ ފަރާތްތަކަށް ބާރު އަޅާ ކަމެއްގެ ގޮތުގައި ހެލްމެޓު އެޅުން އޮންނަ އިރު، ބްރިޖު މަތިން މަދު ދުވަސްތަކެއްގެ ތެރޭގައި ގިނަ އެކްސިޑެންޓު ހިނގާފައިވާތީ އަދި އެ އެކްސިޑެންޓުތަކުގައި އަނިޔާވި މީހުންގެ ބޮލަށް އަނިޔާވެފައިވާކަން ފާހަގަވެފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ނުރައްކާތެރި އަނިޔާތަކުން ދުއްވާ މީހުން ސަލާމަތް ކުރުމަށް މިފިޔަވަޅު ވަރަށް މުހިންމު ކަމަށާއި ހުރިހާ ބޭފުޅުންވެސް ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސް ކޮށްފައިވެއެވެ.