އާބާދީ ނިސްބަތުން ބޮޑު އިރު ސިއްޙީ ފަރުވާ ދިނުމަށް މުޅި އައްޑޫ ސިޓީގައި ވެސް ވަނީ ސަރުކާރުގެ އެންމެ ހޮސްޕިޓަލެކެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކު ފަރުވާ ހޯދަން އަންނަ އިރު މިތަނުން ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ނުދެވެ އެވެ. އެއް ދުވަހުން އަނެއް ދުވަހަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ހާލަތު ދަނީ ގޯހުން ގޯހަށެވެ.
އައްޑޫގެ ގިނަ ރައްޔިތުން ގަބޫލް ކުރަނީ އެހެންނެވެ. ސަބަބަކީ ހިދުމަތް ދޭނެ ޑޮކްޓަރުން ނެތުމުގެ މައްސަލަ އެވެ. ކަށީގެ ޑޮކްޓަރާއި އެތެރެ ހަށީގެ ޑޮކްޓަރެއް ނެތްތާ އެތައް ދުވަހެއް ވެއްޖެ އެވެ. ގިނަ ފަހަރަށް މިކަމަށް ފަރުވާ ދެނީ އެތާ ތިއްބަވާ މިކަމުގެ ތަޖުރިބާ ނެތް ޑޮކްޓަރުންނެވެ.
އެއް ޑޮކްޓަރަކު އަނެއް ޑޮކްޓަރަކާއި މައްސަލަ އެބަ ޖެހެ އެވެ. މިއީ ވެސް ގިނަ ފަހަރަށް ހައްލު ކުރަން ދަތި އަދި ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ވެސް އުނދަގޫވާ ކަމެކެވެ.
ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނާ ދޭތެރޭ ތަނުގައި ތިއްބަވާ ވެރިން ކަންތައްތައް ކުރައްވަނީ ވަރަށް ދެރަ ގޮތަކަށެވެ. ވަޒީފާ އަދާ ކުރާ މާހައުލަކީ ރައްކާތެރިކަމާ އެކު ވަޒީފާ އަދާ ކުރެވެން ޖެހޭނެ ތަނަކަށް ހެދުމަކީ ވެރިންގެ ޒިންމާއެކެވެ.
އެގޮތުން ބަލާ އިރު ނަރުހުންގެ ޖަގަހައަކަށް މިހާރު ހަމަޖައްސާފައިވާ ތަނަކީ ރައްކާތެރިކަމާ އެކު މަސައްކަތް ކުރެވޭނެ ތަނަކާ މެދު ޝައްކެވެ.
ބަލި މީހުންނަށް ބޭނުންކޮށްފައިވާ ތަކެއްޗާ ބައެއް ސާމާނު ބެހެއްޓުމުން ތަން ވަނީ ކުޑަވެ، އަދި ވައި ބޭރުވާ ރަނގަޅު ގޮތެއް ނެތުމަކީ ސިއްޙީ ތަނެއްގައި ކިހާ ދަށް ފެންވަރެއްގެ ކަމެއްތޯ މިއީ ގިނަ ބަޔަކު ކުރާނެ ސުވާލެކެވެ.
ހިތަދޫ ހޮސްޕިޓަލަކީ ދުވާލަކު އެތައް ބަޔަކު ހިދުމަތް ހޯދަން އަންނަ ތަނަކަށް ވާއިރު ރަނގަޅު ހިދުމަތެއް މިހާރު ވެސް ނުދެވެ އެވެ. އަންހެނުންގެ ވޯޑުގެ ފާހާނާ އިން ފެން ނުލިބޭ އިރު އަވަސް ފަރުވާ ދޭތަނުގެ އެއަކޯންގެ މައްސަލަ ވަނީ ޖެހިފައި، ގިނަ އެނދުތަކުގެ ފުރޮޅު ހަލާކު ވުމުގެ ސަބަބުން ގިނަ ފަހަރަށް އެތައް އުނދަގުލެއް ކުރިމަތިލާން އެބަ ޖެހެ އެވެ.
ކުޑަކުދިންގެ ރޫމް 4 ގެ ފަންކާ ހަލާކުވެފައި، ވޯޑްތަކުން ވައްކަން ކުރުން މަދެއް ނުވެ، ސިކިއުރިޓީ ރަގަނޅު ނުވެ، މިއީ ހައްތާ ވެސް މައްސަލަތަކެވެ.
ޕްރައިވެޓް ރޫމްތަކުން އެތަނުން ނަގާ އަގާ ދެވޭ ހިދުމަތާއި ނުބައްދަލެވެ. ހޮސްޕިޓަލަކީ 24 ގަޑި އިރު ހިދުމަތްދޭ ތަނަކަށް ވުމުން ލާރި ނަގަން ޖެހޭނީ އެ ކޮޓަރިއެއް ނެގި ފަހުން 24 ގަޑި އިރަށެވެ. ހެނދުނު 10 ޖަހާ އިރު ކޮޓަރިއެއް ހިފިޔަސް 12 ޖަހާ އިރަށް އިތުރަށް 500 ނަގަ އެވެ. މިވެސް ގިނަ ފަހަރަށް މީހުން ކުރާ ޝަކުވާ ޝަކުވާއެކެވެ.
މިހާރު ހިދުމަތް ދެމުން އަންނަ 50 އެނދުގެ ހޮސްޕިޓަލަގެ މައްސަލަތައް ފުނިޖެހެމުން ދާއިރު ވެސް މިކަމުގެ ޒިންމާ ނަގާނެ ފަރާތެއް ނެތުމަކީ ވަރަށް ހިތާމަ ހުރި ކަމެކެވެ.