ދިވެހި ބަހުގެ ރަދީފުގައި ތަރައްޤީގެ މާނަ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އަށް ބަދަލުކުރަން ޖެހޭ ކަމަށް އަލަށް އުފެއްދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އަދުރޭ މިހެން ވިދާޅުވެފައި ވަނީ ޕީއެންސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
އެގޮތުން އަދުރޭ ވިދާޅުވީ ތަރައްޤީއޭ ބުނުމުން ރައްޔިތުންނަށް ސިފަވާނީ ރައީސް ޔާމީން ކަމަށާއި، ދިވެހި ބަހުގެ ރަދީފުގައި ވެސް "ތަރައްޤީ"، މި ބަހުގެ މާނައިގެ ގޮތުގައި ހިމަނަންޖެހެނީ ޔާމީން ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުން ގެނެސްދިން ތަރައްޤީ އާއި ގާތަށް ވެސް މި ސަރުކާރަށް ތަރައްޤީ ނުގެނެވޭނެ ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.
މީގެ އިތުރުން ތަރައްޤީ އަކީ ބޮޑެތި ބްރިޖުތައް އެޅުމާއި، 25 ބުރީގެ އިމާރާތްތައް ހެދުންފަދަ ޢުމްރާނީ މަޝްރޫޢުތައް ހިންގުންކަން ފާހަގަކުރައްވައި އަދުރޭ ވިދާޅުވީ، ފާއިތުވެގެންދިޔަ ދުވަސްތަކުގައި ފެނިގެންގޮސްފައިވާ ބޮޑެތި މަޝްރޫޢުތަކަކީ ބަގީޗާތަކާއި އިދާރާތަކުގެ ނަން ބަދަލު ކުރުން ކަމަށާއި، ރައްޔިތުން ބޭނުންވާ ފަދަ ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ހިންގިފައި ނުވާ ކަމަށެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީން އަކީ ރާއްޖޭގެ ތަރައްޤީގެ ބާނީކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް އިއުތިރާފްވެވަޑައިގަންނަވާ ކަމަށާއި، އޭގެ ހެއްކަކީ އަތޮޅުތަކަށް ވަޑައިގެން ބްރިޖު އަޅުއްވާނެ ކަމުގެ ވާހަކަ ދެއްކެވުން ކަމަށެވެ.