އިޓާލިއަން ކަޕްގެ ދެވަނަ ބުރުގައި ރޭ ސަޕޯޓަރުން ނުވައްދާ ހުސް ދަނޑެއްގައި ކުޅުނު މެޗުގައި ބެނެވެންޓޯ އަތުން 6-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން އިންޓަ މިލާން ކާމިޔާބުކޮށްފިއެވެ.
އިންޓަގެ ސެންސީރޯގައި ރޭ ކުޅުނު މި މެޗަށް ސަޕޯޓަރުން ވައްދާފައިނުވަނީ މިދިޔަ ޑިސެންބަރު މަހުގެ 27 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނަޕޯލީ އާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ޑިފެންޑަރު ކަލިދޫ ކުލީބަލީ އާ ނަސްލީގޮތުން އިންޓަގެ ސަޕޯޓަރުން ދިމާކޮށްފައިވާތީއެވެ. އެ މައްސަލަ ބެލުމަށްފަހު އިޓާލިއަން ފުޓްބޯޅަ ފެޑެރޭޝަނުން ނިންމީ އިންޓަ އިން ދެން އެންމެ އަވަހަށް ކުޅޭ ދެ މެޗު ސަޕޯޓަރުން ނުވައްދާ ކުޅޭށެވެ.
އިންޓަގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ތިންވަނަ މިނެޓުގައި އެ ޓީމަށް ލީޑްނަގައިދިނީ ކެޕްޓަން މައުރޯ އިކާޑީ އެވެ. މިއީ އެ ޓީމުގެ އެންޓޯނިއޯ ކަންޑްރޭވާ އަށް ބެނެވެންޓޯގެ ލޫކާ އެންޓެއި ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އޭގެ ފަސް މިނެޓުފަހުން، އިންޓަގެ ދެވަނަ ލަނޑުޖަހައިދިނީ ކަންޑްރޭވާ އެވެ. ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ޑަލްބާޓް ހެންރިކޭ ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ.
ދެވަނަ ހާފުގެ ކުރީކޮޅު، އިންޓަގެ ހަތަރުވަނަ ލަނޑު، ލޮޓާރޯ މާޓިނޭޒް ކާމިޔާބުކޮށްދިންއިރު، މެޗުގެ 58 ވަނަ މިނެޓުގައި ބެނެވެންޓޯގެ ރޮބާޓޯ އިންސީނިއޭ ވަނީ ހިލޭޖެހުމަކުން ކާމިޔާބުކުރި ގޯލާއެކު އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ.
އޭގެފަހުން، މެޗުގެ 66 ވަނަ މިނެޓުގައި ލޮޓާރޯ މާޓިނޭޒް ވަނީ އިތުރު ލަނޑެއްޖަހައި އިންޓަގެ ލީޑް ފުޅާކޮށްދީފައެވެ. މެޗު ނިމެން 16 މިނެޓަށްވެފައިވަނިކޮށް ފިލިއްޕޭ ބަންޑިނެއްލީ ވަނީ ބެނެވެންޓޯގެ ދެވަނަ ލަނޑުޖަހައިދީފައެވެ. މިމެޗުގައި އިންޓަ އިން ކާމިޔާބުކުރި ފަހު ލަނޑު، އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ ކަންޑްރޭވާ އެވެ.
ރޭގެ މެޗުން މޮޅުވެ އިންޓަ ވަނީ އިޓާލިއަން ކަޕްގައި މިހާތަނަށް ވާދަކުރި 16 ފަހަރުގެ ތެރެއިން 15 ވަނަ ފަހަރަށް ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. މީގެއިތުރުން، މިއީ މި މުބާރާތުގެ މެޗެއްގައި އިންޓަ އިން ހަ ލަނޑުޖެހި ފުރަތަމަ ފަހަރެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ޓޮރީނޯ އަތުން ރަށުން ބޭރުގައި 2-0 އިން ފިއޮރެންޓީނާ މޮޅުވިއިރު ނަޕޯލީ އިން ސަސުއޮލޯ ބަލިކުރީވެސް ހަމަ މިނަތީޖާއިންނެވެ.