ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް) އަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ސްކޫލުން މަޢުލޫމާތު ދޭ ގޮތުގައި އިއްޔެއިން ފެށިގެން މި މަހުގެ 28 އާއި ހަމައަށް އެ ސްކޫލަށް ވަނުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އިން ރޭގަނޑު 20:00 އަށް އެ ސްކޫލްގެ އޯޕެން ޑޭ އޮންނާނެ ކަމަށެވެ.
އޯޕަން ޑޭގައި އެ ސްކޫލްގައި ކިޔަވައިދެއްވާ މުދައްރިސުންނާއި ބައްދަލުކޮށް، މާއްދާތަކާއި ކްލަބްތަކާއި އެސޯސިއޭޝަންތަކުގެ އިތުރުން އެ ސްކޫލުން ފޯރުކޮށްދޭ އެހެނިހެން ފުރުސަތުތަކާއި ބެހޭ މަޢުލޫމާތު ދަރިވަރުންނަށް ލިބިގެންދާނެ އެވެ.
ވިލާ އިން ބުނީ އެ ސްކޫލަށް ވަނުމަށް ބޭނުންވާ ފޯމް ފުރިހަމަ ކުރުމަށްފަހު، 20 ޖެނުއަރީ އާއި 28 ޖެނުއަރީ 2019 އާއި ދެމެދު، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 14:30 އާއި ދެމެދު އެ ސްކޫލްގެ އޮފީހަށް ހުށަހެޅޭނެ ކަމަށެވެ. ފޯމް އެ ސްކޫލުންނާއި ސްކޫލްގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.
ސްކޫލަށް ވަނުމަށް ހޮވޭ ދަރިވަރުންގެ ނަންތައް ހިމެނޭ ލިސްޓު، 29 ޖެނުއަރީ ވާ އަންގާރަ ދުވަހު، އެ ސްކޫލްގެ ނޯޓިސް ބޯޑްގައި ހަރުކުރެވޭނެ ކަމަށްވެސް އެ ސްކޫލުން ބުނެއެވެ.
މީގެ އިތުރުން، އޯ ލެވެލް އިމްތިހާނުގައި ފަސް މާއްދާއަށް ވުރެ މަތިން ފާސްވެފައިވާ ދަރިވަރުންނަށް ސަރުކާރުގެ އެހީގައި ހިލޭ ވީއައިއެޗްއެސްގައި ކިޔެވޭނެ ކަމަށްވެސް އެ ސްކޫލުން ބުނެއެވެ. އެއަށްވުރެ ދަށުން ފާސްވި ދަރިވަރުންނަށް ވެސް ސްކޫލަށް ވަނުމުގެ ޖާގަ ލިބޭނެ ކަމަށާއި، ނަމަވެސް އެކުދިން ފީ ދައްކަން ޖެހޭ ކަމަށް އެ ސްކޫލުން ބުނެއެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ގްރޭޑް 11 އަށް މި އަހަރު 450 ދަރިވަރުންނަށް ޖާގަ ދޭން ވަނީ ހަމަޖައްސާފައެވެ.