ސ. ފޭދޫގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިމާރާތް ކުރި 25 ހައުސިން ޔުނިޓްތަކުގައި އަންނަ މަހު މީހުން ދިރިއުޅެން ފަށާނެ ކަމަށް ފޭދޫ ދާއިރާގެ ކައުންސިލަރު އަހްމަދު މިރުޒާދު (މިރާ) ވިދާޅުވެއްޖެ އެވެ.
ފޭދޫގެ ޒުވާނުންގެ ބަޔަކުގެ އެދުމަކަށް އިއްޔެ ބޭއްވި ބައްދަލުވުމުގައި މިރާ ވިދާޅުވީ ފޭދޫ ހައުސިން ޔުނިޓްތަކަށް އެދި ހުށަހަޅާފައިވާ ފޯމްތައް އިވެލުއޭޓްކޮށް ޕޮއިންޓް ދީފައިވަނީ ގަވާއިދާއި ހިލާފަށް ކަމަށެވެ.
އެހެންވެ އަލުން އެ ފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް މަހު އެތަންތަނުގައި މީހުން ދިރިއުޅެން ފަށާނެ ކަމަށް މިރާ ވިދާޅުވި އެވެ.
މިރާ ވިދާޅުވީ ފޭދޫން ދޫކުރާ ހައުސިން ޔުނިޓަށް އޭނާ އެދިފައިވުމުން އިވެލުއޭޝަންގެ މަރުހަލާގައި އެއްގޮތަކަށް ވެސް ބައިވެރި ނުވާ ކަމަށެވެ. ނަމަވެސް މިހާރު ފުލެޓަށް އެދި ހުށަހަޅާފައިވާ ފޯމް އަނބުރާ ނަގާފައިވާ ކަމަށް މިރާ ބުންޏެވެ.
"އަޅުގަނޑު އޮންނާނީ ކުރިން ފްލެޓަކަށް އެދިފައި. އެހެންވެ އިވެލުއޭޝަން ޕްރޮސެސްގައި ބައިވެރި ނުވަން، އެކަމަކު މިހާރު އަޅުގަނޑުގެ ނަން އަބުރާ ނަގާފައި އޮންނާނީ. ފޭދޫ ރައްޔިތުންނަށް ވީއެންމެ އަވަހަކަށް އެ ފްލެޓްތަކަށް ވަދެވޭނެ ގޮތްތަކެއް ހޯދައި ދިނުނަމަށް އެކަމުގެ ތެރެއަށް ވަންނަން." މިރާ ވިދާޅުވިއެވެ.
ފޭދޫގެ ތަރައްޤީގެ ކަންކަން ކުރިއަށް ނުދާ ކަމަށް ބުނެ ޒުވާނުންނާ އެކު އިއްޔެ ބޭއްވި ބައްދަލުވުމެއްގައި މިރާ ވިދާޅުވީ ކައުންސިލުން ހާއްސަ އިސްކަމެއް ދީގެން ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ފޭދޫ ހައުސިން ޔުނިޓްތަކަށް އެދި ހުށަހަޅާފައިވާ ފޯމްތައް ދިރާސާކުރުމަށް ފަހު ގުރުއަތަށް ދެ ފަހަރެއްގެ މަތިން ވަނީ އިއްލާން ކޮށްފައެވެ. ނަމަވެސް ކޮރަޕްޝަނަށް މަގުފައިވާ ކަންތައްތަކެއް ހުރުމުގެ ސަބަބުން އޭސީސީ އާއި ހައުސިން މިނިސްޓްރީއަށް ހުށަހަޅައިގެން ގުރުލުން ވަނީ ފަސްކޮށްފަ އެވެ.
ފޭދޫ ހައުސިން ޔުނިޓްތަކަށް 339 ފަރާތަކުން ވަނީ ފޯމް ހުށަހަޅާފައެވެ. އަދި ފޯމް އިވެލުއޭޝަން ނިމި ފްލެޓްތަކަށް މީހުންނަށް ނުވަދެވި އުޅެނިކޮށް އެ ތަންތަނުން ވަނީ ބޮޑެތި ވައްކަންކޮށް ގެއްލުންތަކެެއް ވެސް ދީފަ އެވެ.