ކުރީގެ ރައީސުންނަށް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް މިއަދު މަޖިލީހަށް ޖޭޕީ ޕީޖީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ހުށައެޅުއްވި އިސްލާހަކީ ޖޭޕީއާ މަޝްވަރާ ކުރުމަށް ފަހު ހުށައެޅި އިސްލާހެއް ނޫން ކަމަށް ޖޭޕީގެ ޕީޖީ ލީޑަރ، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މައިނޯރިޓީ ލީޑަރ އަދި ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުކަން ވެސް ކުރައްވާ އަބްދުﷲ ރިޔާޒް ވިދާޅުވީ ލަތީފް އެ އިސްލާހު ހުށައަޅާފައިވަނީ ޖޭޕީ އަދި ޖޮއިންޓް ޕީޖީ ގްރޫޕާވެސް މަޝްވަރާކުރުމެއް ނެތި އަމިއްލައަށް ކަމަށެވެ.
އިންތިޚާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށައަޅުއްވަމުން ލަތީފް ވަނީ ދިވެހި ރާއްޖޭގެ ރައީސް ކަން ކުރައްވާފައިވާ ބޭފުޅަކަށް މަޖިލިސް އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް ކަނޑައެޅުމަށް ހުށައަޅާފައެވެ. މި އިސްލާހު ހުށައަޅާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މައްޗަނގޮޅި މެދު ދާއިރާއަށް ވާދަކުރައްވާނެކަން އިއުލާން ކުރައްވައި ޕްރައިމަރީގައި ކެމްޕޭނުވެސް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ވަނީ ދާދި ފަހުން ކުރީގެ ނައިބު ރައީސް އިސްކޮށް ހުންނަވައި އުފެއްދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސްގެ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެން އެ ޖަލްސާގައި ޚާއްސަ މެހެމާނެއްގެ ގޮތުގައި ވާހަކަފުޅު ދައްކަވާފައެވެ.