ދިވެހި ރާއްޖެއިން މުސްތަގުބަލުގައި ބޭނުންކުރާނީ އިއާދަކުރެނިވި ހަކަތަކަމަށާއި ދިވެހި ރާއްޖެ ދަނީ އެ މިސްރާބަށް ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް، މިހާރު ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ އެނާޖީ މިނިސްޓަރ ސުހެއިލް މުހައްމަދު ފަރަޖު އަލް މަޒްރޫއީއާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އިއާދަކުރެނިވި ހަކަތައާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
އިއާދަކުރެނިވި ހަކަތަ އުފައްދަން އިސްނަގައިގެން ކުރާ މަސައްކަތްތަކަށް ޔޫއޭއީ އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެނާޖީ މިނިސްޓަރު ސުހެއިލް ރައީސްއަށް ވިދާޅުވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ.
ރައީސް ސޯލިހް ވެރިކަމުގެ ހުވާކުރައްވައި ދެއްވި ގައުމީ ޚިތޯބުގައި ވެސް އިއާދަކުރެނިވި ހަކަތަ އުފެއްދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ރާއްޖެއަކީ ތިމާވެއްޓާއި ރަށްޓެހި ގައުމަކަށް ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.