ވަކި މީހަކަށް ވަކި ގޮތެއް ހެދުމާ ވާދަވެރިޔާ ނައްތާލުމުގެ ސަގާފަތް ދިވެހިން ދޫކޮށްނުލަނީސް ގައުމު ކުރިއަރައި ނުދާނެ ކަމަށް ޖޭޕީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ނަޝީދަށް މަޖިލިސް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް މަޖިލީހަށް އިސްލާހެއް ހުށައެޅުމާ ގުޅިގެން އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދު މަޖިލިސް އިންތިޚާބުގައި ވާދަކުރުމަކީ އެމަނިކުފާނުގެ ހައްގެއް ކަމަށެވެ.
އަދި ރާއްޖެ އިސްލާހުވެ ބަދަލުވެގެން ދާނީ އަޅުގަނޑުމެން އެންމެންގެ ވިސްނުން އިސްލާހުވެ ހަރުދަނާ ވެގެން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
ޖޭޕީގެ ޕީޖީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ދިއްދޫ ދާއިރާގެ މެމްބަރ ލަތީފް އިއްޔެ ރައީސް ނަޝީދަށް މަޖިލިސް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ހުށައެޅުއްވި އިސްލާހަށް ވަރަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި އާންމު މެމްބަރުންގެ އިތުރުން ޖުމުހޫރީ ޕާޓީގެ މެމްބަރުން ވެސް ވަނީ އެއީ ސީދާ ނަޝީދަށް އަމާޒުކޮށް ހުށައެޅުނު އިސްލާހެއް ކަމަށާއި ކުރީ ސަރުކާރުން މަޖިލިސް ތެރެއިން "ކުރުވި" ކަންކަން މިސަރުކާރު ތެރެއިން ތަކުރާރު ވެގެން ނުވާނެ ކަމަށް ގޮވާލާފައެވެ.
ކުރީގެ ރައީސް ޔާމީންގެ ޕީޕީއެމަށް މަޖިލިސް މެޖޯރިޓީ ލިބިފައި އޮތް އިރު އެމަނިކުފާނު އެދުނު ގޮތަކަށް މަޖިލީހުން ބިލުތައް ފާސްކުރަމުން ދިޔައެވެ. އިދިކޮޅު މެމްބަރުން މަޖިލީހަށް ނުވައްދައި ސިފައިން މަޖިލިސް ކޮންޓްރޯލް ކޮށްގެން ވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ދިޔަތަން ފެނިގެން ދިޔައެވެ.