ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ދިވެހި ގައުމު އޮތީ ދުނިޔޭގެ އެހެން ގައުމުތަކާ ވަރަށް ބޮޑަށް ބާކީވެ އެކަހެރިވެފައި ކަމަށާއި އެމަނިކުފާނުގެ އަމާޒަކީ އެކަން ބަދަލު ކުރުން ކަމަށް ރައީސް ޔޫއޭއީގައި ވިދާޅުވެއްޖެއެވެ.
ޔޫއޭއީގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާޙަކަފުޅުގައި ރައީސް ސޯލިހް ވިދާޅުވީ ދިވެހި ސަރުކާރުން އިންސާނީ ހައްގުތައް ކަށަވަރުކޮށް އަދި ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތަށް އަމަލުކުރާ ކޮންމެ ގައުމަކާ ގުޅުން ބާއްވާނެ ކަމަށެވެ.
ޔޫއޭއީއަކީ ރާއްޖޭގެ ވަރަށް ގާތް އެކުވެރިޔެއް ކަމަށާއި އެމިރޭޓްސް ސަރުކާރުން ރާއްޖެ ދެކެނީ ވަރަށް ގާތް ގައުމެއްގެ ގޮތުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އެގައުމުގައި ވަރަށް މަތީ ފެންވަރުގެ ވަޒީފާތަކުގައި ދިވެހިން އެބަ ތިބި ކަމަށާއި އެއިން ދޭހަ ވަނީ ބައިނަލްއަގުވާމީ ފެންވަރުގެ ވަޒީފާތައް ލިބުމުގެ ފުރުސަތު ދިވެހިންނަށް ވެސް އޮތް ކަން ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
"އެމިރޭޓްސްގައި ދިވެހީން ވަޒީފާ އަދާކުރާ އެހެން ދާއިރާތަކަށް ބަލާއިރު، މުދާ އެކްސްޕޯޓް ކުރާ މީހުން އެބަތިބި. ޓަގުބޯޓުފަހަރުގައި މަސައްކަތް ކުރާ މަދު ބަޔަކުވެސް އެބަ ތިއްބެވި. ރިޒޯޓް ވަޒީފާތަކުގަޔާއި، ޓީޗަރުންނާއި، ފައިވްސްޓަރ ހޮޓާތަކުގައި މަސައްކަތް ކުރާ ދިވެހީންވެސް އެބަތިއްބެވި. މިއިން އެނގެނީ، ރަނގަޅު ތަޢުލީމާއި ތަމްރީނު ހޯދައިގެން، ނުކުންނަ ދިވެހީންނަށްވެސް، ބައިނަލްއަޤްވާމީ ފެންވަރުގެ މަތީ ވަޒީފާތައް ލިބުމުގެ ފުރުޞަތު އެބައޮތްކަން. އެކަމަށްޓަކައި ބޭނުންވަނީ ކެރުމާއި ހިތްވަރާއެކު ގަދައަޅައި މަސައްކަތް ކުރުން."
ރައީސް ސޯލިހް ޔޫއޭއީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެގައުމުގެ ވަލީ އަހުދު މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.