ޗައިނާއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކެނެޑާ ރައްޔިތަކު މަރަން ޗައިނާ ކޯޓަކުން ހުކުމްކޮށްފިއެވެ.
މިދިޔަ އަހަރު ނޮވެމްބަރު މަހު ކެނެޑާއަށް ނިސްބަތްވާ ރޮބާޓް ލޮއިޑް ނަމަކަށް ކިޔާ މީހަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ކުށް ސާބިތުވެ 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
ނަމަވެސް އެ ހުކުމް ރިވިއުކުރުމަށް ފަހު އެ އަދަބު މާ ލުއި ކަމަށް ނިންމައި އޭނާ މެރުމަށް ހޯމަ ދުވަހު ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
މި ހުކުމުގެ ސަބަބުން ޗައިނާއާއި ކެނެޑާ އާ ދެމެދު އޮތް ގުޅުމަށް އިތުރު ހީނަރުކަމެއް ލިބިގެންދާނެ ކަމަށް ކަމާ ބެހޭ މާހިރުން ބުނެފައިވެއެވެ. ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ މިއީ ބޯދާ ޒަމާނުގެ ލާއިންސާނީ ހުކުމެއް ކަމަށް ބުނެ ބަލައިނުގަނެވޭނެ ކަމަށް އޭނާ ނެރުއްވި ބަޔާނެއްގައި ބުނެފައެވެ.
ޗައިނާ އިން ރޮބާޓް ލޮއިޑްގެ މައްސަލަ ރިވިއުކުރީ އެ ގައުމުގައި ހައްޔަރުކުރި ހުވާވޭގެ ޗެއާމަން މެންގް ވަންޒޫ ހައްޔަރުކުރުމާއި ގުޅިގެން ކަމަށް ބެލެވެއެވެ. މެންގެ ކަފާލާތުގެ ދަށުން މިނިވަން ކުރި ނަމަވެސް 24 ގަޑިއިރު ކެނެޑާ އިން އޭނާ މޮނިޓާ ކޮށް ޓެގު އަޅުވާފައިވެއެވެ.
ޗައިނާއިން ވަނީ ލޮއިޑްގެ ހުކުމާއި މެންގްއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފައެވެ. ނަމަވެސް ޗައިނާގެ ގައުމީ ސަލާމަތަށް ނުރައްކާކުރާ ކަމަށް ބުނެ ކެނެޑާދެ ދެމީހަކު ދާދި ފަހުން ވެސް ވަނީ ހައްޔަރުކޮށްފައެވެ.
ލޮއިޑްގެ ވަކީލުންނަށް ޗައިނާ ހައި ކޯޓުން އިއްވި މަރުގެ ހުކުމް އިސްތިއުނާފު ކުރަން 10 ދުވަސް ލިބިގެންދާނެއެވެ. ވަކީލުން ބުނެފައިވަނީ އެ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށެވެ.