ފުލުހުންގެ މުއައްސަސާގައި އިންސާނީ ޙައްޤުތަކާއި ބެހޭ ޑެސްކެއް ޤާއިމްކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.
މިކަމާއި ބެހޭގޮތުން މަޝްވަރާކޮށްފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް (އޭސީޕީ) އާއެކު މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގަ އެވެ.
ޝަހީދު ހުސައިން އާދަމް ބިލްޑިންގގައި ބޭއްވި އެ ބައްދަލުވުމުގައި އެޗްއާރްސީއެމްގެ މަސައްކަތްތަކުގެ ތެރެއިން ފުލުހުންނާއި ގުޅުންހުރި ކަންކަމުގައި މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.
އެޗްއާރްސީއެމް އިން ބުނީ އެ ބައްދަލުވުމުގައި ފުލުހުންގެ ބެލެނިވެރިކަމުގެ ދަށުގައިވާ މަރުކަޒުތަކަށް ކޮމިޝަން އިން ކޮށްފައިވާ ޒިޔާރަތްތަކާ ގުޅިގެން ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޒްކުރެވިފައިވާ މިންވަރު ދެނެގަތުމަށާއި، އެ ޒިޔާރަތްތަކުގައި ފާހަގަކުރެވިފައިވާ މުހިންމު ކަންކަމުގެ މައްޗަށް ބަލާ ރަނގަޅު ކުރަންވީ ކަންތަކަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޒްވެފައިވާ މިންވަރާއި، އެކަން ބެލޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، މީހެއްގެ ޙައްޤަކަށް އުނިކަމެއް އަތުވެދާނެ ފަދަ މައްސަލަތަކުގައި އެފަދަ ކަންކަމަށް އިތުރު ސަމާލުކަމެއް ދިނުމަށް ފުލުހުންގެ މުއައްސަސާގައ ިއިންސާނީ ޙައްޤުތަކުގެ ޑެސްކެއް ޤާއިމްކުރުމާއި ބެހޭގޮތުން އަދި ފުލުހުން މަރުގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި އެޗްއާރްސީއެމް އިން އާންމުކޮށްފައިވާ ޕޯސްޓް-މޯޓަމް ގައިޑްލައިންސް އަށް ވެސް އެ ބައްދަލުވުމުގައި ރިޢާޔަތްކޮށްފައިވާ ކަމަށް އެ ކޮމިޝަން އިން ބުނެއެވެ.
އަދި، ފުލުހުންނަށް ނަގާދެވޭ ތަމްރީން ޕްރޮގްރާމްގައި އިންސާނީ ޙާއްޤުތަކާބެހޭ ބައެއް ހިމަނާ، ފުލުހުންގެ މެދުގައި އިންސާނީ ޙައްޤުތަކަށް ހޭލުންތެރިކަން އިތުރުކޮށް އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރާ ޘަޤާފަތެއް ޤާއިމްކުރުމާއި، ޕޮލިސް އެކަޑަމީ އަދި އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް އިން ހިންގާ ތަމްރީންތަކާއި ކޯށްތަކުގައި ވެސް އިންސާނީ ޙައްޤުތައް ހިމެނުމަށް ކުރެވިދާނެ ކަންތައްތަކާމެދު ވެސް އެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފަ އެވެ.