Last Updated: November 29, 05:56
Friday, November 29, 2024
ޚަބަރު

ނިއު ދިއްލީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނައިބު ރައީސް އާއި ބައްދަލުކުރައްވައިފި

ދިވެހިރާއްޖެއިން އިންޑިއާގެ ނިއު ދިއްލީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢާއިޝަތު މުޙައްމަދު ދީދީ ނައިބު ރައީސް ފައިޞަލް ނަސީމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް މި ބައްދަލުކޮށްލެއްވުމުގައި ޢާއިޝަތު މުޙައްމަދު ދީދީއަށް މަރުހަބާ ވިދާޅުވެ ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި އިންޑިއާ އާއި ރާއްޖޭއާއި ދެމެދު އޮންނަ ވަރުގަދަ ގުޅުން ދެމެހެއްޓުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ޢާއިޝަތު މުޙައްމަދު ދީދީއަކީ މިކަމަށް ޤާބިލުބޭފުޅެއްކަމުގައި ވެސް ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުން އިންޑިއާ އާއި ގުޅިގެން ވަރަށް ގިނަ މަޝްރޫއުތަކެއް ހިންގުމަށް ކަނޑައަޅުއްވާފައިވާކަން ފާހަގަކުރައްވާފައިވެއެވެ. އެގޮތުން ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމުގައި އިންޑިއާގެ އެހީ ހޯއްދަވަން ބޭނުންފުޅުވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ނައިބު ރައީސް ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ އިޝްތިހާރުކޮށްދެއްވުމަށް މަސައްކަތް ކުރެއްވުމަށާއި، ޚާއްޞަކޮށް ރާއްޖޭގެ ރީތި ނަން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކޮށްދެއްވުމަށް ވެސް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ނައިބު ރައީސް ވަނީ ތައުލީމީ ދާއިރާއިން ރާއްޖެއަށް މަތީ ތައުލީމުގެ ފުރުޞަތުތައް ފަހިކޮށްދެއްވަން މަސައްކަތް ކޮށްދެއްވުމަށާއި، މިހާރު އިންޑިއާގައި ތައުލީމު ހާސިލުކުރަމުންދާ ރާއްޖޭގެ ދަރިވަރުންނަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުމަށްވެސް އެމަނިކުފާނު ވަނީ ސަފީރު އަރިހުގައި އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން ސިއްހީ ދާއިރާއިން ބޭނުންވާ ކުރިއެރުން ހޯދުމަށާއި އާންމު ރައްޔިތުންން ބޭނުންވާ މުހިންމު ހިދުމަތްތައް މަގުފަހިކޮށްދެއްވުމަށް އިންޑިއާ އާއި ގުޅިގެން މަސައްކަތްކުރުމަށް ބޭނުންވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެކަމަނާއަށް މި ލިބުނު ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިއްޕަވާނެ ކަމަށާއި، ނައިބު ރައީސް އެދިވަޑައިގެންނެވި ހުރިހާ ދާއިރާއަކުންވެސް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އަދި ޚާއްޞަ ގޮތެއްގައި ރާއްޖޭގެ ރީތި ނަން ދަމަހައްޓަވަން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.