ސިނަމާލެ ބްރިޖުގައި ދުވަހެއް ދުވަހަށް ނުރައްކާތެރި އެކްސިޑެންޓު އިތުރުވަމުންދާތީ ހައްލެއް ހޯދުމަށް ސީސީޓީވީ ކެމެރާ، ސްޕީޑް ކެމެރާ އަދި ރެޑްލައިޓް ކެމެރާ ހަރުކުރުމަށް ނިންމައިފިއެވެ.
ސުޕްރިޑެންޓް އޮފް ޕޮލިސް، ހުސެން ސަމީރު ރޭ ވީޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ކެމެރާ ސިސްޓަމްތައް ހަރުކުރުމަށް ވިސްނާފައިވާ ކަމަށް ވިދާޅުވިތާ ގަޑިއިރުތަކެއް ފަހުން ޕިކަޕެއް އެކްސިޑެންޓުވެ ބްރިޖުގެ ލޭނު ވަކިކުރުމަށް ހަދާފައިހުރި ޑިވައިޑާއެއް ފުނޑުފުނޑު ވެއްޖެއެވެ.
ސަމީރު ވިދާޅުވީ ސަރުކާރުން ނިންމާފައިވަނީ ބްރިޖާއި ބްރިޖު ގުޅާލާ މަގުތަކުގައި ވެސް މި ކެމެރާތައް ހަރުކުރުމަށް ކަމަށެވެ. ސްޕީޑު ކެމެރާއިން ބާރަށް ދުއްވާ ފަރާތްތައް ދުއްވާ ބާރު މިން ދަނެގަނެ އުޅަނދުގެ ރަޖިސްޓްރީ ނަމްބަރު ދަނެގަންނާނެއެވެ.
ރެޑްލައިޓް ކެމެރާއިން ޓްރެފިކް ލައިޓު ރަތުގައި ހުއްޓާ ދުއްވައިފިނަމަ ދުއްވި މީހެއްގެ ފޮޓޯ ނަގާނެއެވެ. ގަވާއިދާއި ޚިލާފަށް ބްރިޖު ބޭނުންކުރާ ފަރާތްތައް ދަނެގަނެ ފިޔަވަޅު އަޅައި އެކްސިޑެންޓުތައް ހުއްޓުވުމަށް މަސައްކަތް ކުރުމަކި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.